Roadha Mihaaru
ތޫހާ: އޮކިއުޕޭޝަނަލް ތެރަޕީން އުންމީދެއް

ތޫހާ: އޮކިއުޕޭޝަނަލް ތެރަޕީން އުންމީދެއް

02 ޖެނުއަރީ 2025

ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ވަރުގެ ބޮޑެތި އެކްސިޑެންޓްތަކާއި ސްޓްރޯކާއި ބޮޑެތި ޒަހަމްތަކުން އެތައް ބައެއްގެ ދިރިއުޅުން ހިނދުކޮޅެއްގެ ތެރޭގައި އެބަ ބަދަލުވެ އެވެ. އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަމާއި، އާތުރައިޓިސްއަކީ ވެސް މިހާލަތަށް ވައްޓާލާ ކަންކަމެވެ. މި ކަންކަމުން އަރައިގަނެ ދިރިހުރުމުގެ އުންމީދާ އެކު ތެދުވަން ކުރާ މަސައްކަތަށް ހުރަހަކަށް ވަނީ ނުފިލާ ހުންނަ ވޭނެކެވެ. ނުކުޅެދުންތެރިކަމެކެވެ.

އައިޝަތް މިހްނާ ނާސިހް އައިޝަތް މިހްނާ ނާސިހް

ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ވަރުގެ ބޮޑެތި އެކްސިޑެންޓްތަކާއި ސްޓްރޯކާއި ބޮޑެތި ޒަހަމްތަކުން އެތައް ބައެއްގެ ދިރިއުޅުން ހިނދުކޮޅެއްގެ ތެރޭގައި އެބަ ބަދަލުވެ އެވެ. އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަމާއި، އާތުރައިޓިސްއަކީ ވެސް މިހާލަތަށް ވައްޓާލާ ކަންކަމެވެ. މި ކަންކަމުން އަރައިގަނެ ދިރިހުރުމުގެ އުންމީދާ އެކު ތެދުވަން ކުރާ މަސައްކަތަށް ހުރަހަކަށް ވަނީ ނުފިލާ ހުންނަ ވޭނެކެވެ. ނުކުޅެދުންތެރިކަމެކެވެ.

މިފަދަ ހާލަތުގައި ހައްލު ހޯދައިދެނީ "އޮކިއުޕޭޝަނަލް ތެރަޕީ" އިންނެވެ. އެކަމަކު މި ދާއިރާގެ ދިވެހިން މަދެވެ. މިހާތަނަށް އުފެދުނީ އެންމެ ތިން ދިވެހި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނެވެ.

މިއީ އޭގެ ތެރެއިން އާމިނަތު ތޫހާ އަދްލީ, 35، އެވެ. ޒުވާން އުމުރުގައި މިއީ މި ކަމުގެ އެންމެ ތަޖުރިބާކާރު އެކަކެވެ.

އޮސްޓްރޭލިއާގައި އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކޮށް 10 އަހަރުގެ ތަޖުރިބާއާ އެކު ރާއްޖޭގައި "ކުޅެލަމާ ތެރަޕީ" ގެ ނަމުގައި އަމިއްލަ ކްލިނިކެއް ހުޅުވައި ކުޑަކުދިންނަށް ހިދުމަތް ފައްޓަވާފައި ވާއިރު އޭނާއަކީ ރާއްޖޭގެ އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަންގެ ފައުންޑަރު އަދި ޗެއާޕާސަނެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބައިނަލްއަގްވާމީ ފެންވަރެއްގައި އެކްރެޑިޓްކޮށްގެން ފަށާ ފުރަތަމަ ކޯހުގެ އެއް މޭސްތިރިއަކީ ވެސް މިއީ އެވެ.

ކެއްކުމުގައި ވެސް މަޝްހޫރުކަން ހޯދި ތޫހާ މިހާރު ހުރީ އެ ރަހަތަކާ މާ ދުރުން މުޅިން އެހެން ފަންނެއްގަ އެވެ.

ތޫހާ ކުއްޖަކަށް ތެރަޕީ ނަގައިދެނީ --- ނިޝާން އަލީ | މިހާރު

ތޫހާ ކުއްޖަކަށް ތެރަޕީ ނަގައިދެނީ --- ނިޝާން އަލީ | މިހާރު

ސިޑްނީ ގެ މީޑް ހޮސްޕިޓަލް، ތޫހާގެ ފުރަތަމަ ތަޖުރިބާ

ސައިންސާއި އިޖްތިމާއީ ދާއިރަށް އޮތް ޝައުގުވެރިކަމާ އެކު, 2008 ގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީގެ ބެޗްލަސް އޮފް އެޕްލައިޑް ސައިންސް (އޮކިއުޕޭޝަނަލް ތެރަޕީ) ގެ ދާއިރާއިން ކިޔަވަން ފެށި އިރު ވެސް އޮކިއުޕޭޝަނަލް ތެރަޕީގެ ތެރެއަށް ވަންނަ ތޫހާއަށް ފަސޭހައެއް ނުވި އެވެ. ނަމަވެސް, ދެވަނަ އަހަރުގެ ކްލިނިކަލް ޕްލޭސްމަންޓުގައި ސިޑްނީގެ ވެސްޓްމީޑް ހޮސްޕިޓަލުގެ ޖީރިއެޓްރިކްސް އެކިއުޓް ވޯޑުގައި ދެ ހަފްތާ ހޭދަކުރި އިރު މި ދާއިރާއިން މުސްތަގުބަލުގެ ހުވަފެންތަކާއި އުންމީދުތައް ކުރަހައި, މި ދަތުރަށް ކަމަރު ބަނދެލި އެވެ.

ތޫހާ މަސައްކަތްކުރެއްވި ވޯޑަކީ އިމެޖެންސީއެއްގައި ހޮސްޕިޓަލަށް ގެންނަ އުމުރުން ދުވަސްވީ މީހަކަށް ބޭނުންވާ އަވަސް ފަރުވާ ދިނުމަށް ފަހު އެ މީހަކު އެނބުރި އާންމު ދިރިއުޅުމަށް ދާއިރު ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ ރައްކާތެރިކަމާ އެކު ޒަރޫރީ ކަންކަން ކުރެވޭނެކަން ކަށަވަރުކޮށްދޭ ވޯޑެވެ.

"މިސާލަކަށް މީހަކު ތަނަކުން ވެއްޓި އިންޖަރީއެއް ވެގެން ގެނެސް އެކަމަށް ފަރުވާދިނުމަށް ފަހު ބަދަލުކުރާނީ އެކިއުޓް ވޯޑަށް. އަޅުގަނޑުމެން ބަލަނީ އެނބުރި ގެއަށް ދާއިރު އެކަނި ރައްކާތެރިކަމާ އެކު އެ މީހަކަށް އުޅެވޭނެތޯ. އެއީ މިސާލަކަށް، އޭނާ ކިހިނެއްތޯ ގެއަށް ސިޑިން އަރާނީ، އެކަނި ފާހަނައިގައި އިށީދެވޭނެތޯ، ފެންވެރޭނެތޯ. އެ ހިސާބުން އަސްލު އެނގުނީ އޮކިއުޕޭޝަނަލް ތެރަޕީއަކީ ކޯއްޗެއްކަން އަދި ކިހާ މުހިންމު ކަމެއްކަން،" ތޫހާ ވިދާޅުވި އެވެ.

އޮކިއުޕޭޝަނަލް ތެރަޕީގައި އެކި އުމުރުފުރާތަކާއި، ހާލަތްތަކުގައި ތެރަޕީ ދޭ ގޮތްތައް ތަފާތެވެ. ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބަލީގެ މީހުންނަށް ދޭ ތެރަޕީ އާއި ވޮކޭޝަނަލް އަދި ފިޒިކަލް ރިހެބިލިޓޭޝަން ފަދަ ތަފާތު ދާއިރާތައް ހިމެނެ އެވެ.

ތޫހާ ކުއްޖަކަށް ތެރަޕީ ނަގައިދެނީ --- ނިޝާން އަލީ | މިހާރު

ތޫހާ ކުއްޖަކަށް ތެރަޕީ ނަގައިދެނީ --- ނިޝާން އަލީ | މިހާރު

އޮސްޓްރޭލިއާގައި މުހިންމު ހިދުމަތްތަކެއް

ބެޗްލާސް ޕްރޮގްރާމުގެ ހަތަރު އަހަރުތެރޭގައި ކޮންމެ އަހަރަކު ވެސް ކްލިނިކަލް ޕްލޭސްމަންޓްތަކުގައި އެކި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތްއިރު ތޫހާއަށް އެންމެ ފަހު ދެ ޕްލޭސްމަންޓް ވެސް ލިބިވަޑައިގަތީ ވަރަށް މަދުން ނޫނީ ސިޑްނީގައި އޭރު ދަރިވަރުންނަށް ނުލިބޭ ޕީޑައިޓްރިކްސް ނުވަތަ ކުޑަކުދިންގެ ދާއިރާއިންނެވެ.

ނަމަވެސް މަންމަ އާއި ކޮއްކޮއާ އެކު ގިނަ އަހަރުތަކެއް ވަންދެން އޮސްޓްރޭލިއާގައި ތައުލީމު ހާސިލްކުރައްވަން ހުންނެވިއިރު, ކުޑަކުދިންނާ އެކު މާ ގިނައިން ވަގުތު ނުލިބޭތީ ތޫހާއަށް, ފުރަތަމަ ދުވަސްތަކުގައި ކުދިންނާއި ވާހަކަ ދައްކައި, ވަގުތު ހޭދަކުރަން ދަސްކުރަން އިތުރު ހިތްވަރެއް ކުރަން ޖެހުނެވެ. ކުދިންނާ އެކު ތަފާތު އެކި ކުޅިވަރުގެ ތެރެއިންނާއި، އުފެއްދުންތެރި އެކި ހަރަކާތްތަކާއި ކްރާފްޓް މަސައްކަތުގެ ތެރެއިން މި ފަރުވާ ދެވުމަކީ މަސައްކަތުގައި މި ދާއިރާ އިހްތިޔާރުކުރި ސަބަބެވެ.

ބެޗްލާސް ފުރިހަމަކުރެއްވުމަށް ފަހު ސިޑްނީގައި ދެ އަހަރުވަންދެން ތޫހާ ވަނީ އޮކިއުޕޭޝަނަލް ތެރަޕީ ކްލިނިކެއްގައި މަސައްކަތްކުރައްވައިފަ އެވެ. އަދި މެލްބަންއަށް ވަޑައިގެން, ކޮމިއުނިޓީ ހެލްތު ސެންޓަރެއްގައި ހަތް އަހަރު ވަންދެން އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. މި ތަޖުރިބާތަކުގެ ތެރެއިން ވެސް މެލްބަންގައި އެކި ދާއިރާތަކުގެ ސްޕެޝަލިސްޓުންނާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރައްވަން ލިބިވައަިގަތް ފުރުސަތަކީ ގިނަ ކަންކަން ދަސްވެ، މުޖްތަމައުއެއްގެ ތަފާތުތަކާއި ބޭނުންތައް ވަރަށް ބޮޑަށް އެގިވަޑައިގަތް ކަމެއްގެ ގޮތުގައި ތޫހާ ސިފަކުރެއްވި އެވެ. ހާއްސަކޮށް، ކުޑަކުދިންނަށް ތެރަޕީ ދެއްވި ކަމުގައި ވިޔަސް، އެކަށީގެންވާ ކުރިއެރުން ކުދިންގެ ގާބިލިއްޔަތުކަމަށް ގެނައުމަށްޓަކައި ގިނަ ވަގުތުތަކެއް އެ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރުންނާ އެކު ވެސް ހޭދަކުރައްވަން ލިބިވަޑައިގަތްކަން އުފަލާ އެކު އޭނާ ފާހަގަކުރެއްވި އެވެ. ހަމަ އެ ދުވަސްވަރު ތޫހާ އާއި އޭނާގެ ޓީމުންވަނީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށް ކޮމިއުނިޓީ ޕްލޭ ގްރޫޕްތަކެއް ވެސް މެލްބަންގެ އެ ސަރަހައްދުގައި ހިންގަވައިފަ އެވެ. މިއީ ކުޅިވަރާއި، ތަފާތު އެކި މަޖާ ހަރަކާތްތަކުގެ ތެރެއިން ކުދިންގެ ހެދިބޮޑުވުމާއި ގުޅޭ މުހިންމު މައުލޫމާތުތަކަށް މުޖްތަމައު ހޭލުންތެރިކުރަން ހިންގުނު ޕްރޮގްރާމެކެވެ. "ފިޒިއޮތެރަޕިސްޓުންނާއި، ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންވެގެން ކޮމިއުނިޓީގެ ލޯކަލް ލައިބްރަރީގައި ސަޕޯޓެޑް ޕްލޭ ގްރޫޕެއް ހިންގަނީ. އެއީ އަސްލު މުޖްތަމައުއެއްގައި ހުންނަ ބޭނުންތަކާއި އެކި މީހުންނާ އެކު މަސައްކަތްކުރުމާއި އަޅުގަނޑުމެން ކުރާ މަސައްކަތް ވަރަށް ބޮޑަށް މީހުންނަށް އެނގުނު ކަމެއް. އަދި އަޅުގަނޑަށް ވެސް މަސައްކަތުގެ މައިދާނުގެ ގިނަ ކަންކަން ދަސްވި ކަމެއް އެއީ،" ތޫހާ ވިދާޅުވި އެވެ.

ތޫހާ، "ކުޅެލަމާ ތެރަޕީ" ކްލިނިކްގައި. -- ނިޝާން އަލީ | މިހާރު

ތޫހާ، "ކުޅެލަމާ ތެރަޕީ" ކްލިނިކްގައި. -- ނިޝާން އަލީ | މިހާރު

ރާއްޖޭގައި ޑިމާންޑް އެބައޮތް، ނެތީ ޚިދުމަތްދޭނެ މީހުން

ތޫހާ ވިދާޅުވިގޮތުގައި އޮސްޓްރޭލިއާގައި ވަޒީފާ އަދާކުރެއްވިއިރު ވެސް ރަހުމަތްތެރިންނާއި ގާތް މީހުން ރާއްޖޭގައި ހިދުމަތްދިނުމަށް އެދެމުން ދިޔަ އެވެ. ނަމަވެސް ތޫހާ ބޭނުންވީ ރާއްޖޭގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފުޅާވެފައި ނެތުމާ އެކު، މިފަދަ މުހިންމު ހިދުމަތެއް ފޯރުކޮށްދޭއިރު, ހުންނަންޖެހޭ ތަޖުރިބާ އާއި ފަންނީ ގާބިލްކަމާއި ތަމްރީން ލިބިގެން ރާއްޖޭގައި އެކަން ފަށާށެވެ.

މީގެ ތިން އަހަރު ކުރިން ރާއްޖެ ވަޑައިގެން ތޫހާ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގަ އެވެ. ހަމަ އޭރު، އަމިއްލައަށް ކުދިންގެ ގޭގެއަށް ވަޑައިގެން ވެސް ތެރަޕީތައް ދެއްވި އެވެ. ނަމަވެސް ކިޔަވަން އުޅުނު އިރު ވެސް އޮތް އަމިއްލަ ކްލިނިކެއް ހެދުމުގެ ހުވަފެނުގައި އޭނާ ކުލަޖެއްސެވީ 2022 ވަނަ އަހަރު ހުޅުވި "ކުޅެލަމާ ތެރަޕީ" އިންނެވެ. ޝީ ބިލްޑިންގުގެ ހަވަނަ ފްލޯ ކުއްޔަށް ނަގައި ބޮޑެތި މަރާމާތުތަކާއި އަމިއްލަ އެކި ކުލަތަކާ އެކު ފަރުމާކޮށް ފުރަތަމަ އެކަނި އެ ހިދުމަތް ފެއްޓެވި އެވެ.

ކުޅެލަމާ ތެރަޕީ ކްލިނިކް --ފޮޓޯ: ނިޝާން އަލީ | މިހާރު

ކުޅެލަމާ ތެރަޕީ ކްލިނިކް --ފޮޓޯ: ނިޝާން އަލީ | މިހާރު

ނަމަވެސް، އޮސްޓްރޭލިއާގައި ވެސް އޭނާ އެންމެ ޝައުގުވެރިވި އެއް ކަމަކީ ކުދިންނަށް ބޭނުންވާ މިފަދަ ތެރަޕީތައް ޓީމެއްގެ ގޮތުގައި އެއް ތަނަކުން ދިނުން ކަމަށް ވާތީ، ދެ އަހަރު ތެރޭ ކްލިނިކްގެ ހިދުމަތްތައް ފުޅާކޮށް ތޫހާއާ އެކު ފުލް ޓައިމް އަދި ޕާޓް ޓައިމް ދެ ސްޕީޗް ތެރަޕިސްޓެއް ވެސް ކްލިނިކްގައި މިހާރު މަސައްކަތްކުރައްވަ އެވެ. އިތުރު އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ވެސް ވަރަށް އަވަހަށް ކްލިނިކްގައި ބައްލަވަން ފައްޓަވާނެކަމަށް ތޫހާ ވިދާޅުވި އެވެ.

އޮކިއުޕޭޝަނަލް ތެރަޕީ އަކީ އެންމެ ދުވަހަކުން އެންމެ މަހަކުން އެކަށީގެންވާ ނަތީޖާތަކެއް ލިބިދޭ ކަމެއް ނޫނެވެ. ހަފްތާ އަކު އެއްދުވަހަށް ތާވަލުކޮށްގެން ކުދިންނަށް ތެރަޕީ ދޭއިރު، ކޮންމެ ސެޝަނެއްގެ ކުރިންނާއި ފަހުން ވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ އެވެ. ސެޝަންތައް ރާވައި ތައްޔާރުވުމާއި, ނިންމުމަށް ފަހު ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި، އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި ކުދިންގެ ފޮލޯއަޕް ހެދުމަށް ވަގުތު ހޭދަވާއިރު، ރަނގަޅު ފެންވަރެއްގައި ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކަށް ވެސް ތާވަލުކުރައްވަނީ 6-5 ކުދިންނެވެ. ނަމަވެސް މިވަގުތު ވެސް އޭނާގެ ވެއިޓް ލިސްޓުގައި 90 ކުދިން އެބަ ތިއްބެވެ. ޑިމާންޑާ އެއްވަރަށް މި ދާއިރާއަށް އިތުރު މީހުން ބޭނުންވާކަން މިކަމުން އަންގައިދޭ ކަމަށް ތޫހާ ވިދާޅުވި އެވެ.

އަމާޒަކީ ދިވެހިން މި ދާއިރާއިން ބިނާކުރުން

ތޫހާ ވިދާޅުވީ އަދިވެސް ރާއްޖޭގައި ޑިމާންޑް އޮތްވަރާ ގާތަށް ވެސް ޚިދުމަތް ދެވޭނެ ވަސީލަތްތަކެއް ނެތްކަމަށެވެ. ނަމަވެސް މިއީ އެކަނި ކުރެއްވޭނެ ކަމެއް ނޫންކަމުން މިވަގުތު މަސައްކަތްކުރައްވަނީ އޭނާ އުފެއްދެވި އޮކިއުޕޭޝަނަލް ތެރަޕިސްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިޔާވަހި ކަމުގައި ރާއްޖޭގައި އިތުރު ދިވެހިން މި ދާއިރާއިން ބިނާކުރާށެވެ. މިއީ ގައުމީ ޔުނިވާސިޓީން ދިން ފުރުސަތަކުން ފެށުނު ކަމެކެވެ. "އޮސްޓްރޭލިއާގައި ހުއްޓާ އެމްއެންޔޫ އިން ފުރަތަމަ މި ކޯސް ތައްޔާރުމުގެ ހިޔާލު ދިނީ. އެކަމަކު އަޅުގަނޑަކީ ކްލިނިޝަނެއްވީމަ އެ އެކްސްޕަޓީސް މި ފޯރުކޮށްދެނީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ކަރިކިއުލަމް ޑިވޮލޮޕްކުރާ ފަރާތްތަކަށް."

ރާއްޖޭގައި އޮކިއުޕޭޝަނަލް ތެރަޕީގެ ކޯސް އެކުލަވާލުމުގެ މަސައްކަތަށް އެހީތެރިކަން ހޯއްދެވުމަށް އިނގިރޭސިވިލާތުގެ ޔުނިވަސިޓީއެއްގައި މަސައްކަތްކުރައްވާ ރަހުމަތްތެރި އެހެން އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ ފަރާތުން ތައާރަފްވެވުނީ ދުނިޔޭގެ އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ފެޑަރޭޝަނުގެ ރައީސް ސަމަންތާއާ އެވެ. މިއީ މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި އެކްރެޑިޓްކުރުމުގެ އެންމެ ބޮޑު ފެޑަރޭޝަނަށްވާއިރު، މުޅިން އަލަށް މިފަދަ މަސައްކަތެއް ފަށައިގަންނައިރު ރާއްޖޭގައި ޖަމިއްޔާއެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ހިތްވަރުދީ، 2022 ގައި ޕެރިހުގައި އޮތް ދުނިޔޭގެ އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ގްލޯބަލް ކޮންގްރެސްގައި ރާއްޖެ ތަމްސީލްކުރެއްވުމުގެ ފުރުސަތު ވެސް ތޫހާއަށް ލިބިވަޑައިގަތެވެ.

"ރާއްޖެ ކަހަލަ، އޮކިއުޕޭޝަނަލް ތެރަޕީ އެހާ ބޮޑަށް ކުރިއަރާފައި ނެތް ގައުމުތަކާއި، އަދި ތަރައްގީވެފައި ހުރި އެކި ގައުމުތަކުން ވެސް ތަޖުރިބާކާރު އެތައް އޮކިއުޕޭޝަނަލް ތެރަޕިސްޓުން (އޯޓީސް)އާ ބައްދަލުވެ ވާހަކަދައްކަން ފުރުސަތު ލިބުނު. އެންމެންގެ ވެސް ހިޔާލަކީ މިވަގުތު ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އޯޓީސް އެއްކޮށްގެން ޖަމިއްޔާއެއް ހަދައިގެން މި މަސައްކަތް ފަށައިގަތުމަށް، " ޖަމިއްޔާގެ މަސައްކަތް ފެށުނު ގޮތް ވިދާޅުވި އެވެ.

އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕޯސްޓެއް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީކުރުމަށް ފަހު މިހާރު ވަނީ ގައުމީ ޔުނިވާސިޓީއާ އެކު ރާއްޖޭގައި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ތޫހާގެ ބައިވެރިވުމާ އެކު, އެކުލަވާލި ހަތަރު އަހަރު ދުވަހުގެ އޮކިއުޕޭޝަނަލް ތެރަޕީ ކޯހަކީ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ޔުނިވާސިޓީތަކާ ބެންޗްމާކް ކޮށް އަދި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކޯހެވެ. މިއަހަރުގެ ތެރޭގައި އެމްއެންޔޫގައި މި ކޯސް ފެށޭނެ ކަމަށް ތޫހާ އުންމީދު ކުރައްވަ އެވެ.

"ޖަމިއްޔާ ރެޖިސްޓްރީ ކުރުމާއި ކަރިކިއުލަމް އެކުލަވާލުމަކީ ވަރަށް ގިނަ ދުވަސްތަކެއްވީ ބުރަ މަސައްކަތްތަކެއް. މަދު ނަމަވެސް ރާއްޖޭގައި މި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ އެކި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް މި މަސައްކަތުގައި އެބަ އެހީތެރިވޭ. އަދި ހާއްސަކޮށް ކަރިކިއުލަމްގެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމް ފާހަގަކޮށްލަން،" ތޫހާ ވިދާޅުވި އެވެ.

އާމިނަތު ތޫހާ އަދްލީ --- ފޮޓޯ:ނިޝާން އަލީ | މިހާރު

އާމިނަތު ތޫހާ އަދްލީ --- ފޮޓޯ:ނިޝާން އަލީ | މިހާރު

ނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތްތައް ގިނަކަން ތޫހާ ފާހަގަކުރެއްވި އެވެ. މި ދާއިރާއިން ބަޔަކު ތަމްރީނު ކުރާއިރު, ހުންނަންޖެހޭ މިންގަނޑުތަކާއި, ގަވާއިދުތަކާއި އަދި ހިދުމަތް ދިނުމުގެ އުސޫލު ތަކެއް ނެތްއިރު, މި ދާއިރާގައި ހިދުމަތްދޭ މީހުންގެ މަދުކަމާ އެކު, އެކަށީގެންވާ ގޮތެއްގައި ދަރިވަރުންގެ ކްލިނިކަލް ޕްލޭސްމަންޓް ނުވަތަ އަމަލީ ތަޖުރިބާ ދިނުމުގައި ގޮންޖެހުން ގިނަ އެވެ. މިއީ ތަފާތު އާ އީޖާދީ ވަސީލަތްތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރައްވައި އެކި ދާއިރާތަކުގެ އޮކިއުޕޭޝަނަލް ތެރަޕިސްޓުން ރާއްޖޭގައި ހިދުމަތްދިނުމުގެ މުހިންމުކަން ތޫހާ ފާހަގަކުރެއްވި އެވެ. ހާއްސަކޮށް، ދުވަސްވީ މީހުންގެ އާބާދީ ރާއްޖޭގައި ގިނަވަމުން ދާއިރު އެ މީހުންނަށް ހާއްސަ އޮކިއުޕޭޝަނަލް ތެރަޕީ އާއި އާތުރައިޓިސް އަދި ސްޓްރޯކް ފަދަ ރާއްޖޭގައި އާންމު ބައެއް ބަލިތަކާއި ގުޅުންހުރި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްތައް ތައާރަފްވެފައި ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.