Roadha Mihaaru
ޝަރީއަތްތައް ލަސްވެ މާލެ ޖަލު ފުރިއްޖެ

ޝަރީއަތްތައް ލަސްވެ މާލެ ޖަލު ފުރިއްޖެ

04 ނޮވެމްބަރ 2021

ޖާގަ އަށް ވުރެ އިތުރަށް 33 ޕަސެންޓު ގައިދީން މި ވަގުތު މާލޭ ޖަލުގައި އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ޖާގަ އަށް ވުރެ އިތުރަށް 33 ޕަސެންޓު ގައިދީން މި ވަގުތު މާލޭ ޖަލުގައި އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭ ޖަލަށް ވަޑައިގެން އޭނާ ވަނީ ޖަލުގައި ތިބި މީހުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް ސާފުކުރައްވައިފަ އެވެ.

އަހުމަދު މުހައްމަދުފުޅު "މިހާރު" އަށް ވިދާޅުވީ ޖަލުގެ ކެޕޭސިޓީ އަށް ވުރެ ގައިދީން އިތުރުވެފައި ވަނީ ޝަރީއަތްތައް ނިމެންދެން ބަންދުގައި ބައިތިއްބަން ފޮނުވާ މީހުންގެ އަދަދު އިތުރުވުމާ އެކު މިހާރު ފަށާފައި ހުރި ޝަރީއަތްތައް ނުނިމި ލަސްވަމުންދާތީ ކަމަށެވެ.

އޭގެ ސަބަބުން ބޭސްފަރުވާ ފަދަ ހިދުމަތްތައް ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެޕޭސިޓީ އަށް ވުރެ ގައިދީން އިތުރުވުމުގެ ސަބަބުން، ސިއްހީ މައްސަލަތައް ހުރި ގައިދީންގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް ދަތިތަކާ ކުރިމަތިވޭ. ހާއްސަކޮށް، ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން،" އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މާލޭ ޖަލުގެ ހާލަތު ބައްލަވައިލައްވަނީ: އޭނާ ވިދާޅުވީ ޖަލުގައި ކެޕޭސިޓީ އަށް ވުރެ ގިނަ ގައިދީންނަށް އެކޮމޮޑޭޓްކުރަމުންދާ ކަމަށް

ކޮމިޝަނާ އޮފް ޕްރިޒަންސް މާލޭ ޖަލުގެ ހާލަތު ބައްލަވައިލައްވަނީ: އޭނާ ވިދާޅުވީ ޖަލުގައި ކެޕޭސިޓީ އަށް ވުރެ ގިނަ ގައިދީންނަށް އެކޮމޮޑޭޓްކުރަމުންދާ ކަމަށް

އޭނާ ވިދާޅުވި ގޮތުގައި މާލޭ ޖަލުގެ އަސްލު ޖާގަ އަށް ވުރެ ގިނަ އަދަދެއްގެ ގައިދީންނަށް އެތަނުގައި ދަނީ އެކޮމޮޑޭޓް ކުރަމުންނެވެ. ނަމަވެސް ޖަލުގައި ތިބި ގައިދީންގެ އަދަދު ވިދާޅެއް ނުވެ އެވެ.

ޖަލުތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާ ކަމުގެ ޝަކުވާތައް މީގެ ކުރިން ވެސް ފެންމަތިވެފައި ވެ އެވެ.

ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުގެ މައްސަލަ އާއި، ޖަލުގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ޝަރީއަތް ނިމެންދެން ވާނުވާ ނޭނގޭ ގޮތަށް ޖަލުތަކުގައި އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ބައިތިއްބާ ކަމަށެވެ. އެ މީހުން ހިމެނޭ ގޮތަށް ބަންދުކޮށްފައި ތިބި އެތައް ސަތޭކަ މީހަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެމުން ނުދާ ކަމަށް ވިދާޅުވި އެވެ.