Roadha Mihaaru
ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

13 ޖެނުއަރީ 2023

މާލެ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް މިދިޔަ ހަފުތާގައި ޖަލަށް ގެންދިޔަ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް މިދިޔަ ހަފުތާގައި ޖަލަށް ގެންދިޔަ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

ކަރެކްޝަންސްގެ ވެބްސައިޓުގައި ބުނީ ލ. ކުނަހަންދޫ، ކަރަންކާގެ، މުހައްމަދު ރަޝީދު، 36، ހުން ގަދަވާތީ އެންމެ ފުރަތަމަ ފަރުވާ ދިނީ ޖަލުގެ މެޑިކަލް ސެންޓަރުގައި ކަމަށެވެ. ނަމަވެސް، ހާލު ދެރަވާތީ ރޭ 10:00 ހާއިރު އައިޖީއެމްއެޗަށް ގެންދިޔައީ އެވެ.

ސީޕީއާރު ދިނުމުން ވެސް ހާލަތަށް ބަދަލު ނައިސް ހެނދުނު 10:40 ހާއިރު އޭނާ މަރުވީ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި ހަ މަހާއި 14 ދުވަހުގެ ހުކުމް ތަންފީޒުކުރަން މިދިޔަ ހަފުތާގެ އާދިއްތަ ޖަލަށް ގެންދިޔަ މީހެކެވެ. އޭރު ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުރިކަން ފާހަގަކުރެވި ނުވާ ކަމަށާއި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ވެސް ނޫން ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ އިދާރާ އިން ބުނީ ރަޝީދު މަރުވުމުން އެ ހާދިސާގެ މައުލޫމާތު ވަގުތުން އާއިލާއަށާއި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކަށް އަންގާފައިވާ ކަމަށެވެ.