Roadha Mihaaru
ގައިދީންނަށް ވީޑިއޯ ކޯލުން އާއިލާއާ ބައްދަލު ކުރެވޭނެ

ގައިދީންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިފި

02 އެޕްރީލް 2020

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ އެކު، ކަރެކްޝަންސް އޮތީ ޖަލުގައި އާއިލީ ބައްދަލުވުންތައް ދިނުން މަޑުޖައްސާލައިފަ އެވެ. އެކަމަކު އާއިލާއާ ގުޅުމަށް ފޯން ކޯލްގެ ފުރުސަތު ކުރިއަށް ވުރެ ގިނައިން ކަރެކްޝަންސް އިން ދިޔައީ ދެމުންނެވެ.

ކަރެކްޝަންސް އިން ބުނީ ސްކައިޕް މެދުވެރިކޮށް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖެއްސީ އެއްވެސް ސަބަބަކާ ހެދި އާއިލީ ބައްދަލުވުންތައް މެދުކަނޑާލިޔަސް، އާއިލާ މެމްބަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ވަކީލު ބައްދަލުވުންތައް މެދުކަނޑާލާ ހާލަތްތަކުގައި ވެސް، ވީޑިއޯ ކޯލް ހަމަޖައްސައިދެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެކަމާ ބެހޭގޮތުން ކަރެކްޝަންސް އިން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ހާލަތްތަކުގެ އިތުރުން އާއިލާގެ މީހަކަށް ޖަލަށް ނާދެވޭ ހާލަތްތަކާއި އާއިލާ މީހަކު ބަލިވެގެން ނުވަތަ މަރުވެގެން ނުވަތަ އޭނާގެ އަނބިމީހާ ވިހެއުމުން އެތަނަށް ގައިދީން ނުގެންދެވޭ ހާލަތްތަކުގައި ވީޑިއޯ ކޯލްގެ ފުރުސަތު ދޭނެ އެވެ. އެ ފުރުސަތު ދޭނީ އެކަމަށް ޚާއްސަ ފޯމެއް ފުރިހަމަ ކުރުމަށް ފަހު އާއިލާ އިން ހުށަހެޅުމުން ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާ ގޮތުން އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ހާލަތްތަކުގައި 15 މިނެޓްގެ ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު މަހަކު ދެ ފަހަރު ލިބޭނެ އެވެ. އަދި އާއިިލީ ބައްދަލުވުންތައް މެދުކަނޑާ ނުލިޔަސް، އާންމު އުސޫލުން އޮންނަ އާއިލީ ބައްދަލުވުމުގެ ބަދަލުގައި ވީޑިއޯ ކޯލްގެ ފުރުސަތު ދެވިދާނެ އެކަމަކު އެ ހާލަތުގައި އާއިލީ ބައްދަލުވުން އެ މަހަކު ދެން ނުދޭނެ އެވެ.

އުސޫލުގައިވާ ގޮތުން، ވީޑިއޯ ކޯލްތަކުގައި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭއިރު، އެކަންކަން ބެލުމަށް ކަރެކްޝަންގެ އޮފިސަރަކު ހުންނަން ޖެހޭނެ އެވެ. އެގޮތުން ވީޑިއޯ ކޯލަށް އެދޭ ފަރާތް ނޫން އެހެން ފަރާތްތަކުން އެ ކޯލްގައި ބައިވެރިވުމާއި އެ ކޯލް ރެކޯޑްކޮޮށް ނުވަތަ ސްކްރީން ޝޮޓް ނެގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އުސޫލާ ޚިލާފްވެއްޖެ ނަމަ، އެ މީހަކަށް އެއް މަސް ދުވަހަށް އެ ފުރުސަތެއް ނުދޭނެ އެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބެނީ ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުންނާއި ތަހުގީގު ނިމުމަށް ފަހު، ޝަރީއަތުގެ މަރުހަލާގައި ބަންދު ކޮށްފައި ތިބޭ މީހުންނެވެ.

ކަރެކްޝަންސް އިން އެގޮތަށް ހަމަޖެއްސިއިރު، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުން ފަދަ ކަންކަން ވެސް ވީޑިއޯ ކޮންފަރެންސްކޮށް މިދުވަސްވަރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، ގިނަ އިދާރާތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.