Roadha Mihaaru
ހަތަރު ދުވަސްތެރޭ ޖަލުން 36 މީހަކު ކޮވިޑަށް ޕޮޒިޓިވް

މާފުށީ ޖަލުން 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، 68 ގައިދީއަކު ކަރަންޓީނަށް

17 ޖެނުއަރީ 2022

ކޮވިޑް ފެތުރޭތީ ކުއްލި ހާލަތަށް ގެނެސްފައިވާ މާފުށީ ޖަލުން މިހާތަނަށް 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ފެތުރޭތީ ކުއްލި ހާލަތަށް ގެނެސްފައިވާ މާފުށީ ޖަލުން މިހާތަނަށް 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފި އެވެ.

ކޮވިޑް ބަލީގެ އަލާމާތް ހުރުމުން އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނެގުމުން އޭގެ ތެރެއިން ހަތް އޮފިސަރަކާއި ހަތަރު ގައިދީއަކު ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންވެ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ވަނީ ގެނެސްފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި މާފުށީ ޖަލުން 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ އެ މީހުންނާ ކޮންޓެކްޓުވެގެން 68 ގައިދީއަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ.

އެތަނުގެ އޮފިސަރުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވީ ފަސް އޮފިސަރެކެވެ. އެކަަމަކު އޮފިސަރުންނާ ދިމާވި 12 އޮފިސަރަކު ކަރަންޓީނުގައި އެބަ ތިބި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ހަތަރު މަހެއްހާ ކުރިން ވެސް މާފުށީ ޖަލުން ކޮވިޑްގެ ކޭސްތަކެއް ފެނިގެން އެތަން ކުއްލި ހާލަތަށް ގެންދިޔަ އެވެ. އަދި އެތަނުގައި ތިބި ހައި ރިސްކް މީހުން ގެއަށް ބަދަލުކުރުމަށް ނިންމައި ބައެއް ގައިދީން ގެއަށް ވެސް ބަދަލުކުރި އެވެ. އޭރު ހައި ރިސްކް މީހުންގެ ތެރެއިން ގެއަށް ބަދަލު ނުކުރެވުނީ އާއިލާގެ ފަރާތުން އެ މީހުންނާ ހަވާލުނުވުމާއި ހަވާލުވާނެ ފަރާތްތަކާ ނުގުޅުން ފަދަ ސަބަބުތަކާ ހެދި ކަމަށް ބުނެފައިވެ އެވެ.

ޖަލު ކުއްލި ހާލަތުގައި އޮތުމުން އެތަން އާއްމު ހާލަތަށް ގެނެވެން ދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.