Roadha Mihaaru
ގައިދީން ސްޕެޝަލިސްޓުންނަށް ދައްކަން އޮޕަރޭޝަނެއް

ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގައިދީން ގިނަވެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

29 އޮކްޓޯބަރ 2022

ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގައިދީން ގިނަވެ ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސް ހޭދަވަމުން ދާތީ ގައިދީން ޑޮކްޓަރަށް ދެއްކުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގައިދީން ގިނަވެ ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސް ހޭދަވަމުން ދާތީ ގައިދީން ޑޮކްޓަރަށް ދެއްކުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ ސްޕެޝަލިސްޓުންނަށް ދެއްކުމަށް ޖަލުގައި ތިބޭ ޑޮކްޓަރުން ލަފާ ދީފައިވާ ގައިދީންގެ އަދަދު އިތުރުވަމުން ދާ ކަމަށާއި އެ މައްސަލަ ހައްލެއް ހޯދުމުގެ ގޮތުން "ހޭހަން" ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަކަށް ހިންގާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާނީ ކަރެކްޝަންސްގެ ސީނިއާ މެނޭޖްމަންޓްގެ އޮފިސަރުންނެވެ.

ގިނަ ދުވަސްވެފައިވާ މީހުންނާއި ހާލަތު ސީރިޔަސް ވެފައިވާ މީހުން މި އޮޕަރޭޝަންގައި ދެނެގަނެ އެ މީހުން މާލޭގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކައި ސިއްހީ އެހީތެރިކަން ފޯރުކޮށްނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޖަލުގައި ތިބޭ ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދެވޭ ކަމުގެ ޝަކުވާ ބޮޑެވެ. އެކި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި ފަރުވާ ކުޑަކުރާ ކަމަށް ބުނެ ކޯޓުތަކުން އެތައް ބަޔަކު މިނިވަންކޮށްފައި ވެސް ވެ އެވެ.

ކަރެކްޝަންސް އިން ބުނީ ޑޮކްޓަރަށް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކޮށް ސްޕެޝަލިސްޓުންނަށް ދެއްކުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބޭނުންވާ ނިޒާމީ ބަދަލުތަކަކީ ކޮބައިތޯ މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށެވެ.

ކަރެކްޝަންސް ގެ 70 އަށް ވުރެ ގިނަ އޮފިސަރުން އަމަލީ ގޮތުން ބައިވެރިވާ މި އޮޕަރޭޝަން ކާމިޔާބު ކަމާއެކީ ކުރިޔަށް ގެންދިޔުމަށް އެ އިދާރާ އިން ވަނީ މާލޭގެ ހޮސްޕިޓަލްތަކާ މަޝްވަރާ ކުރުމަށް ފަހު ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އަދި މި އޮޕަރޭޝަންގައި ކަރެކްޝަންސްގެ ގިނަ އަދަދެެއްގެ ވަސީލަތްތައް ބޭނުންކުރާނެ އެވެ.