Roadha Mihaaru
ޖަލުތަކުގައި އާއިލީ ބައްދަލުވުންތައް މެދު ކަނޑާލައިފި

ކޮވިޑް-19: ޖަލުތަކުގައި އާއިލީ ބައްދަލުވުންތައް މެދުކަނޑާލައި ފޯނު ކޯލްތައް އިތުރުކޮށްދެނީ

12 މާޗް 2020

ކޮވިޑް-19 ބަލީގެ އަށް މީހަކު ފެނި، ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިއުލާން ކުރުމާ ގުޅިގެން، ޖަލުތަކުގައި އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ގައިދީންނަށް ދިނުން މެދުކަނޑާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ބަލީގެ އަށް މީހަކު ފެނި، ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިއުލާން ކުރުމާ ގުޅިގެން، ޖަލުތަކުގައި އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ގައިދީންނަށް ދިނުން މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން، ގައިދީންނާއި އެ ސާވިސްގެ މުވައްޒަފުންގެ ސަލާމަތަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށާއި ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުންވެ ސް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ގައިދީން ބަލަހައްޓާ އިދާރާ އިން ބުންޏެވެ.

ނަމަވެސް ގައިދީންނާއި އާއިލާތަކާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ކުރިއަށް ވުރެ ގިނައިން އެ މީހުންނަށް ގުޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކުން ވެސް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އާންމުންނަށް ދޭ ހިދުމަތްތައް ވެސް ބޮޑަށް އޮންލައިންކޮށް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ މީހުންނާ ބައްދަލުވެފައިވާ ގިނަ ބަޔަކު ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ އެކަހެރި ކޮށްފަ އެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކަށް ވަނީ ބޮޑެތި ނުރައްކާތަކެއް، ސިއްހީ ގޮތުންނާއި އިގުތިސާދީ ގޮތުން ކުރިމަތިވެފަ އެވެ. ޗައިނާގެ ވޫހާން ސިޓީން، މިދިއަ ޑިސެމްބަރު މަހު ފުރަތަމަ ފެތުރެން ފެށި މި ވައިރަސް، ޗައިނާގައި ގާތްގަނޑަކަށް ކޮންޓްރޯލް ވެއްޖެ އެވެ. އެކަމަކު ސިއްހީ ބައެއް ތަޖުރިބާކާރުން ލަފާކުރި ގޮތަށް، މިހާރު މި އޮތީ އެހެން ގައުމުތަކަށް ކުރިމަތިވެފަ އެވެ.