Roadha Mihaaru
ޖަލުގައި އިއްޔެ ހަމަނުޖެހުން، އޮފިސަރުންނަށް އިންޒާރު

މާލޭ ޖަލާއި މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގުމަށް ފަހުު، ޖަލު އޮފިސަރުންނަށް އިންޒާރު

15 މާޗް 2020

މާލޭ ޖަލާއި މާފުށީ ޖަލުގައި ބައެއް ގައިދީން އިއްޔެ ހަމަނުޖެހުން ހިންގި ފަހުން ކަރެކްޝަންސް ބައެއް މުވައްޒަފުންނަށް އިންޒާރު ދިނުމުގެ އިތުރުން އެކަކަށް ރޭ މަގުމަތިން ހަމަލާ ވެސް ދީފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ ޖަލާއި މާފުށީ ޖަލުގައި ބައެއް ގައިދީން އިއްޔެ ހަމަނުޖެހުން ހިންގި ފަހުން ކަރެކްޝަންސް ބައެއް މުވައްޒަފުންނަށް އިންޒާރު ދިނުމުގެ އިތުރުން އެކަކަށް ރޭ މަގުމަތިން ހަމަލާ ވެސް ދީފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަސްއާ ގުޅިގެން ޖަލުތައް ސާފުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފެށުމުން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން އެކަމަށް ހުރަސް އަޅައި، ކުރިމަތިލާން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަމުގެ ތެރޭގައި، ބަންދުގައި ތިބި ހަތަރު މީހަކަށާއި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ މި ހަމަނުޖެހުންތަކުގައި ސީރިއަސް އެއްވެސް އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މާލޭ ޖަލުގައި ރޭ ހަމަނުޖެހުން ހިިންގަން ފެށުމުން ފުލުހުންގެ އެހީތެރިކަން ވަނީ ހޯދައިފަ އެވެ. އެ ހާދިސާގައި ވެސް، ބަންދުގައި ތިބި ފަސް މީހަކަށާއި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް، ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ކަރެކްޝަންސްގެ އޮފިސަރަކަށް ރޭ މަގުމަތިން ބަޔަކު ހަމަލާދިނީ މަރުތޭލަކުންނެވެ. އަދި އޮފިސަރުންގެ ބައެއް އުޅަނދުތަކަށާއި ބައެއް އިމާރާތްތަކަށް ވެސް ގެއްލުން ދީފައިވާތީ އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އެތަނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެއީ ބަންދުގައި ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންގެ ރައްކާތެރިކަމަށް ބުރޫއަރާ ކަމަށެވެ. އެކަމަކު ޖަލުތަކުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައިވެ އެވެ.