Roadha Mihaaru
ޔާމީން ފުލުފުލުން ގާނޫނާ ހިލާފު، ފިޔަވަޅެއް ނާޅާ!

ޔާމީން ފުލުފުލުން ގާނޫނާ ހިލާފު، އިދާރާތަކުގެ "އަނގަ ބަންދު"!

13 ފެބުރުއަރީ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބޮޑު ޖަލު ހުކުމެއްގައި ހުންނެވިޔަސް އެ މަނިކުފާނު މިހާރު އުޅުއްވާ ގޮތާއި ކުރައްވާ ކަންކަމުން އެއީ އަދަބެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކޭ އެއްވެސް މީހަކު ނުބުނާނެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ބޮޑު ޖަލު ހުކުމެއްގައި ހުންނެވިޔަސް އެ މަނިކުފާނު މިހާރު އުޅުއްވާ ގޮތާއި ކުރައްވާ ކަންކަމުން އެއީ އަދަބެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކޭ އެއްވެސް މީހަކު ނުބުނާނެ އެވެ.

މާފުށީ ޖަލުގައި ހުންނަވަނިކޮށް، ކުރީގެ ސަރުކާރުން ދިން ލުޔާ އެކު ޔާމީން ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނު ގޭގައި މަޑެއް ނުކުރައްވަ އެވެ. ގޭ ބަންދަށް ބަދަލުކުރި ފަހުން ޔާމީން ފަހަތުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވައިފި އެވެ. އެ ޕާޓީން ބާއްވާ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކޮންމެ ރެއަކު ޕާޓީގެ އޮފީހަށް ވަޑައިގަންނަވަ އެވެ. "ސިޔާސީ ބަހުސް" ގެ ގޮތުގައި ސަރުކާރަށް "ބަވަން" ކޮންމެ ރެއަކު އެ ބައްދަލުވުން ބާއްވަ އެވެ.

ޕޯޑިއަމަށް އަރައިވަޑައިނުގެންނެވިޔަސް ޖަލްސާގެ ކުރީ ސަފުގައި އިންނަވައިގެން ސުވާލެއްގެ ސިފައިގައި އެ މަނިކުފާނު ސަރުކާރާ މެދު ހުރި ޖަޒުބާތުތައް ބަންޑުން ކޮށްލައްވަ އެވެ. ސިޔާސީ އަދި ގައުމީ އެކި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަ އެވެ. ޕީއެންއެފްއާ އަލަށް ގުޅިވަޑައިގަންނަވާ މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަންނަވަ އެވެ.

މި ހުރިހާ ކަމެއް ހިނގަމުން އަންނަނީ ލައިވް ޓީވީގަ އެވެ. ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ބަރާބަރަށް މީޑިއާ ކަވަރޭޖް ވެސް ލިބެ އެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޗެނަލް 13

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޗެނަލް 13

ސިޔާސީ ހަރަކާތްތައް ފުޅާކުރައްވައި، ގޭ ބަންދުގައި ހުންނަވައިގެން ފާޅުގައި މި ހުރިހާ ކަމެއް ކުރައްވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ސަރުކާރު އޮތީ "އަނގަ ބަންދު" ވެފަ އެވެ.

ޔާމީން ޕާޓީގެ އޮފީހަށް ފުރަތަމަ ވަޑައިގެންނެވި ދުވަހު އެ މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާ އިން ބުންޏެވެ. އެކަން ތަކުރާރު ކުރުމުން އަނެއްކާވެސް އިންޒާރު ދިނެވެ.

އޭގެ ފަހުން ވެސް ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ވާހަކަ ބުނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކަރެކްޝަންސް އިން ނުކުރެ އެވެ.

"ޖަލުތަކާއި ޕެރޯލް ގާނޫނާ ހިލާފަށް ކުރީގެ ރައީސް އަކަސް އަމަލު ކުރެވިގެން ނުވާނެ. މިހާރު އެ ހުރީ [ރައީސް ޔާމީނަށް] ފިޔަވަޅު އަޅަން ޖެހޭ ހާލަތަށް ގޮސްފައި،" ޔާމީނަށް ގޭބަންދަށް ބަދަލު ކުރަން ނިންމި އިރު ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި އޭރު ހުންނެވި އަހުމަދު މުހައްމަދުފުޅު "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޔާމީން ހިލާފުވެފައި ވަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 62 ވަނަ މާއްދާ އަށެވެ. އެއީ ގައިދީންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާން ކުރާ އެއް މާއްދާ އެވެ.

އެ މާއްދާގައިވާ ގޮތުން; ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ނުލިބެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފައިލް ފޮޓޯ: މިހާރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފައިލް ފޮޓޯ: މިހާރު

އެހެންވެ ޔާމީން ކަންކުރައްވާ ގޮތް އެ މާއްދާއާ ކަނޑައެޅިގެން ހިލާފުވާ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ޔާމީނަށް ލުއި ދީފައި ވަނީ ތިން ކަމަކަށް އެއްބަސްވެގެންނެވެ. އެ މަނިކުފާނު އަވަސް އަވަހަށް ބޭސްފަރުވާ ބޭނުންފުޅުވާތީ ކަރެކްޝަންސް އަށް އެންގެވުމަށް ފަހު ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ވަޑައިގަތުމުގެ ހުއްދަ އޮންނާނެ އެވެ. އަދި ޔާމީން ގިނައިން ކަސްރަތު ކުރެއްވުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ ފެތުމަށާއި އެހެނިހެން ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އޭގެ އިތުރުން މަސައްކަތުގެ ގޮތުން ބައެއް ބޭފުޅުންނާ ބައްދަލު ކުރަން ބޭނުންފުޅުވާތީ އެކަމަށް ވެސް ހުއްދަ ދީފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް ޕެރޯލް ގާނޫނުގެ އިމުގެ ބޭރުން އެއްވެސް ކަމެއް ކުރަން ހުއްދަ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިދީއެއްގެ ސްޓޭޓަސްގައި ހުންނަން ކަމަށްވާ ނަމަ ސިޔާސީ ހަރަކާތެއް ނުހިންގޭނެ. އެއީ އަޅުގަނޑަށް ދެވޭނެ ހުއްދައެއް ވެސް ނޫން. ކުރިން ހުރި އިރު އެގޮތަށް ކަންކަން ކުރީމަ އިންޒާރު ދިނިން. އިންޒާރަށް ފަހު އެކަން ނުކުރައްވާ. އަޅުގަނޑުމެން [ވެރިކަން] ނިމެންދެން ނުކުރައްވާ،" އަހުމަދު ވިދާޅުވި އެވެ.

މިހާރު އެ ހުރީ [ރައީސް ޔާމީނަށް] ފިޔަވަޅު އަޅަން ޖެހޭ ހާލަތަށް ގޮސްފައި.--- ކުރީގެ ޕްރިޒްންސް ކޮމިޝަނަރު އަހުމަދު

ޔާމީނަށް ލުއިތައް ދީފައި ވަނީ ޑޮކްޓަރުގެ އިރުޝާދަށް އަމަލު ކުރުމުގެ ގޮތުން ކަމަށާއި އެ ދިން ލުއިތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. ހުރިހާ ގައިދީންނާ މެދު ވެސް އަމަލު ކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީގެ ރައީސަކަށް ވީތީ އޮންނަ ހާއްސަ އުސޫލުގައި ވެސް ގާނޫނުން މުތުލަގަށް މަނާ ކޮށްފައި އޮތް ކަމެއް ކުރާކަށް ހުއްދައެއް ދީފައި ނޯންނާނެ،" އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އެ މައްސަލާގައި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ މައްސަލައިގެ މުގުލުގައި ހުރި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ލުއިތައް ދެމުން ގޮސް އެއްކޮށް މިނިވަން ކުރި ހިސާބުން ޔާމީންގެ މައްސަލައަކީ ބާތިލް މައްސަލައެއް ކަމުގައި ސަރުކާރުން ގަބޫލު ކުރީ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް

"އެމްއެމްޕީއާރްސީ މައްސަލާގައި ޒިޔަތަށް މާފު ދީފައި ދޫކޮށްލައިފި. ސަރުކާރުން ގަބޫލު ކުރަނީ ދިސް އިޒް ނޯ ލޯންގާ އިޝޫއެކޭ. އެހެންވެ ބާތިލް ދައުވާއެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރެއްގެ ހެޔޮ ނިޔަތެއް އޮތް ނަމަ ޔާމީނަށް ގެއިން ބޭރަށް ވަޑައިގަތުމުގެ އިތުރުން އަތޮޅުތަކަށް ވެސް ދަތުރުފުޅު ކުރައްވައި ސިޔާސީ ހަރަކާތްތަކުގައި އެއްކޮށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ވަކިން ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މައްސަލައެއް ޖައްސައިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ސަބަބަކީ، މިއީ ޔާމީން މިނިވަންކުރަން ވައުދާ އެކު ވެރިކަމަށް އައި ސަރުކާރަކަށް ވުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީން މިނިވަން ކުރަންވެގެން ވުޖޫދަށް އައި ސަރުކާރެއް. އިތުރު ހުއްޖަތެއް ދައްކާނެ ކަމެއް ނެތް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

"ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑެސީ ގޯސް ކަމަށް ނިންމާފައި ޕަބްލިކްގައި ގަބޫލު ކުރަންވީ. އެ ނޫނީ ޝަރީއަތް ނިންމުމަން ޖުޑިޝަރީ އަށް އިލްތިމާސެއް ކުރަން ޖެހޭ. އޭރުން ކަރެކްޝަނަކަށް ވެސް މައްސަލައެއް ދިމާ ނުވާނެ."

އެ މައްސަލާގައި ޔާމީން މިނިވަން ކުރަން މީގެ ކުރިން ވަކާލާތު ކުރެއްވި ޑިމޮކްރެޓްސްގެ ވެސް ހިޔާލު ތަފާތެވެ.

އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާއި ލުއިތަކާ އެކު ގޭގައި ހުންނަ މީހެއް ތަފާތު ވާނެ އެވެ.

ޔާމީން އާއި ޑރ. ޖަމީލް ބައްދަލު ކުރައްވަނީ

ޔާމީން އާއި ޑރ. ޖަމީލް ބައްދަލު ކުރައްވަނީ

ޖަލުގައި ހުރި މީހަކަށް ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮތަސް ގޭ ބަންދުގައި ހުރި ބޭފުޅަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް އުނިވާ ގޮތަށް ގަވައިދެއް އޮވެގެން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅަކު އޭނަ ސިޔާސީ މަސައްކަތް ނުކުރެވޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮންނަ މާއްދާ އެއީ ވަރަށް ބޮޑަށް އަސާސީ ހައްގެއް ހަނި ކުރެވޭ މާއްދާއެއް." އޭނާ ވިދާޅުވި އެވެ.

އޭގެ މައިގަނޑު ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ފަހުގެ ތާރީހުގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މީހުންނަށް އެކި ކަހަލަ ދައުވާތައް ލިބި ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާތީ އެވެ.

ޕެރޯލް ގާނޫނުގައި އެ މާއްދާ އޮތުމުން މީގެ ކުރިން ވެސް އެ ހައްގުން އެތައް ބަޔަކު މަހުރޫމްވެފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ގައިދީން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ވާހަކަ ޕެރޯލް ގާނޫނުގައި މިހާރު އޮތީ ލިޔެފަ އެވެ. އެ ގާނޫނަށް ބަދަލެއް ނުގެންނަހާ ހިނދަކު އެ އަށް އަމަލު ކުރަން ޖެހޭނެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކަށް ވީތީ ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ބާރެއް ކަރެކްޝަންސަށް ލިބިގެން ނުވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ--

ހޯމް މިނިސްޓަރު އަލީ އިހުސާން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ--

"ކޮންމެ ބޭފުޅަކަށް ވެސް ގާނޫނުން ދޭ ރައްކާތެރިކަން ދިނުމާއި ގާނޫނާ ހުރަސްވާ ހިސާބުން ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އެޅުން އެއީ ކުރާނެ ކަންތައް،" އިހުސާން ވިދާޅުވި އެވެ.

ނަމަވެސް ޔާމީން އެ އިން ފަހަނަ އަޅައި ގޮސް އެތައް ފަހަރެއްގެ މަތިން އިންޒާރުތަކަށް ބެލުމެއް ނެތި ސިޔާސީ ޖަލްސާތަކުގައި ބައިވެރިވަމުންދާއިރު ވެސް ފިޔަވަޅު ނާޅާ އިރު އެ މައްސަލަ އަށް ވަކި އެއްޗެއް އިހުސާން ވިދާޅެއް ނުވެ އެވެ.

ސީދާ ޔާމީނަށް ފިޔަވަޅު އަޅަން މި ސަރުކާރަށް ކެރިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު އެކަމާ ގުޅޭ ގޮތުން ވެސް ވަކި އެއްޗެއް އޭނާ ފާހަގައެއް ނުކުރައްވަ އެވެ. ޔާމީނާ ބެހޭ ގޮތުން މާ ގިނަ ވާހަކައެއް ވެސް ނުދައްކަވަ އެވެ.

އެކަމަކު، އިންޒާރު ދިނުމަށް ފަހު ވެސް ކަނޑައެޅިގެން އެއްބަސްވުމާ ހިލާފަށް އަމަލު ކުރަމުން ދަނީ އާންމު ރައްޔިތެއް ނަމަ އެއީ ފުރަތަމަ ދުވަހު އަނބުރާ ޖަލަށް ފޮނުވާލައި އިތުރު ހުކުމެއް ވެސް އަތުވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވާނެ އެވެ.

ނަމަވެސް ޖަމީލް ވިދާޅުވި ގޮތަށް ޔާމީން މިނިވަން ކުރަން ވައުދުވެގެން އައި ސަރުކާރަކަށް އެ މަނިކުފާނު ކިތަންމެ ވަރަކަށް ގާނޫނާ ހިލާފުވިޔަސް އަލުން ޖަލަށް ލާން ކެރޭނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މިއަދު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ފިޔަވަޅު ނާޅާ ގޮތަށް މާދަމާ "ޔާމީން ވީތީ" އިތުރު ކިތައް ކަންތައް ސަރުކާރުން ޓޮލަރޭޓް ކުރާނެތޯ ވެސް ސުވާލު އުފެދެ އެވެ.