Roadha Mihaaru

ގުރުއާނާ ބެހޭ މަރުކަޒު ވީރާނާވެ، ކޯސްތަކުގެ ފެންވަރު ދަށްވަނީ!

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާލަތު ދުވަހުން ދުވަހަކަށް ދަށަށް ގޮސް، އެ ތަން ރަނގަޅުކުރުމަށް ސަރުކާރުން އަޅާނުލާ ކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒު ވީރާނާވެ، އަޅާނުލާ ޝަކުވާ!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ނޮވެމްބަރ 2021

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާލަތު ދުވަހުން ދުވަހަކަށް ދަށަށް ގޮސް، އެ ތަން ރަނގަޅުކުރުމަށް ސަރުކާރުން އަޅާނުލާ ކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

ގުރުއާންގެ އިލްމު ފެތުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީގެ ކޯސްތައް ވެސް ހިންގަމުންނެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެ މަރުކަޒުގެ ހިންގުން ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާ ކަމަށް، ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އެ މަރުކަޒުގެ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖެހުމަށް އެދި ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރުން ފިޔަވައި އެ ތަން ރަނގަޅުކުރުމަށް މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ފާހަނާއެއް.

ގުރުއާނާ ބެހޭ މަރުކަޒުގެ ފާހަނާއެއް.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ވަނީ މި ސަރުކާރުން ވަނީ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފަ އެވެ.

"ނަމެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ނަން މި ބަދަލުކުރީ. އިތުރު ބަދަލެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތަކަށް ވެސް މީގެ ކުރިން ވަރަށް ބޮޑު ޑިމާންޑެއް އޮތެވެ. ވެއިޓިން ލިސްޓުގައި ވެސް 200 އަށްވުރެ ގިނަ ދަރިވަރުން ތިއްބަސް ކޯސްތަކުގެ ފެންވަރު މިހާރު ދަށްވެ، ދަރިވަރުންގެ އަދަދު މަދުވަމުންދާ ކަމަށް، އެ މަރުކަޒުގެ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅާ ވިދާޅުވި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގުރުއާނާ ބެހޭ މަރުކަޒަށް އިސްކަންދޭ ކަމަށް ސަރުކާރުން ބުންޏަސް އަމަލުން ފެންނަނީ އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ހެކީގެ ގޮތުގައި ފާހަގަކުރެއްވީ އެ ތަން ހިންގާ އިމާރާތެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިފްޒު ކްލާސްތަކާއި ގާރީ ކޯހާއި އަރަބި ބަހުގެ ކޯސްތައް ހިންގުން ހިމެނެ އެވެ. އޭގެ އިތުރުން، ސުންނަތް ދިރާސާކޮށް ލިޔުންތައް އާއްމުކުރަން ޖެހޭނެ ކަމަށް ބުންޏަސް އެކަމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ހަރަދުގެ 90 ޕަސެންޓު ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ދައުލަތުގެ ބަޖެޓުން ދެނީ ކުޑަ އެއްޗެކެވެ.

އެ ތަނުގެ ޑިގްރީ ކޯސްތަކުގެ ލެކްޗަރާއެއް ވިދާޅުވީ މަރުކަޒުގެ ހާލަތު ގޯސްވާން ފެށީ ސިޔާސީ މީހުން ލައިގެން ކަމަށެވެ. އަސްލު ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާލަތު ވަރަށް ބޮޑަށް ދަށް. އެކަޑެމިކް ދާއިރާގެ މީހުން މަދުވީމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެބަ ދިމާވޭ. މިހާރު ސިޔާސީ މީހުން އިސްކޮށް ތިބެގެން މި ހިންގަނީ. އެ މީހުންގެ ނުފޫޒު ވަރަށް ބޮޑު. އެ މީހުންނަކަށް ނޭނގޭ ކޯސްތައް ފަރުމާކޮށްފައި ހުރި ގޮތެއް. އޭގެ ނަތީޖާއަކީ ކޯސްތަކުގެ ފެންވަރު ދަށްވެގެން ދިއުން،" އެ ލެކްޗަރާ ވިދާޅުވި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ އެތެރެ.

ގުރުއާނާ ބެހޭ މަރުކަޒުގެ އެތެރެ.

"މިއީ މުޖުތަމައުއަށް ދެވޭ ވަރަށް ބޮޑު ދެރައެއް. މުޅި ތަން ސިޔާސީ ވެފައި މި ވަނީ. ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ނުވެ، ސިޔާސީ މަރުކަޒަށް މި ވީ."

އެކަމަކު އެ މަރުކަޒުގެ އިސް ބޭފުޅަކު ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒުގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ދުވަސްވެ، ބާވެފައިވާ އިމާރާތަކަށް ވާތީ، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ތަން މަރާމާތުކުރަން މީގެ ކުރިން ވެސް ބަޔަކާ ހަވާލުކުރި ކަމަށެވެ. އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުފެށުމުން އެކަން އެހެން ބަޔަކާ އަންނަ ހަފުތާގައި ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާރޭވެހުނީމަ ފެން ލީކުވުމުގެ ކަންތައްތަކާ ހެދި ސީލިންގު ބަދަލުކުރުން ކަހަލަ މަސައްކަތްތައް އެބަ ކުރިއަށްދޭ. ކިޔަވައިދިނުމުގެ ކަންކަން ވެސް ރަނގަޅުކުރަން އެބަ މަސައްކަތްކުރަން. އެކަން ލަސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ،" ގުރުއާނާ ބެހޭ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.