01 ނޮވެމްބަރ 2021
ރާއްޖޭގެ ފަރުތައް އަލުން އިއާދަވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ރާއްޖޭގެ ފަރުތަކުގެ ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖޭގެ ފަރުތައް އަލުން އިއާދަވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ރާއްޖޭގެ ފަރުތަކުގެ ދިރާސާއަކުން ދައްކައިފި އެވެ.
ސަރުކާރުގެ "ނޫ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ބޭރުގެ ޔުނިވާސިޓީތަކާ ވެސް ގުޅިގެން މިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހު އުތުރާއި މެދުރާއްޖެތެރޭގެ 15 އަތޮޅެއްގެ 127 ފަަރެއް ސައިންސްވެރިން ވަނީ ސާވޭކޮށްފަ އެވެ. މި ސާވޭގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ދިރާސީ ރިޕޯޓު "މޯލްޑިވްސް ކޮރަލް ރީފް އެސެސްމެންޓް" ރިޕޯޓް މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިޔުމުން 2016 ވަނަ އަހަރު ކުރިމަތިވި ކޮރަލް ބްލީޗިން އިވެންޓްގެ ފަހުން ރާއްޖޭގެ ފަރުތައް އަލުން އިއާދަވަމުން އައުމެވެ. އަދި 2016 ވަނަ އަހަރުގެ ބްލީޗިން އިވެންޓުގައި މުޅި ރާއްޖޭގެ ފަރުތަކުގެ މުރަކައިގެ 73 ޕަސެންޓް ބްލީޗުވެ އޭގެ ތެރެއިން ބޮޑު ބައެއް މަރުވެ ދިޔަ ކަމަށް މީގެ ކުރިން ހެދި ދިރާސާތަކުން ދައްކާފައިވެ އެވެ.
ފަރުތަކުގައި ދިރުން ހުރި ވަރު ވަޒަންކުރީ މަސްތަކާއި އެހެނިހެން ކުދި ދިރުންތަކުގެ އާބާދީ އާއި ބިމުގައި ދިރިއުޅޭ ދިރުންތަކުގެ އާބާދީ އާއި ވައްތަރުތަކާއި ކުދި މުރަކައިގެ އަދަދުތައް ބަލައި ފެނުގެ ކޮލިޓީ އަދި ފަރުގެ ސާފޭސްގެ ބައްޓަންތަކަށް ބެލުމަށް ފަހު އެވެ.
ފަރުތައް ސާވޭ ކުރުމުގެ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޓްރެވިސް މެޓިސަން
ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ހޫނުވުމުގެ ސަބަބުން މުރަކަތައް މަރުވިޔަސް ފަރުތައް އަލުން މަޑުމަޑުން އިއާދަވަމުން އެބަ އާދެ އެވެ. އެކަން ފަރުތަކުން ފާހަގަކުރެވެނީ ޅަ މުރަކައިގެ އާބާދީއަށް ބެލުމުންނެވެ.
އެކަމަކު، ރާއްޖޭގެ ނިސްބަތުން ކުރާ ކަންތައްތަކުގެ ސަބަބުން ފަރުތަކަށް އަދިވެސް ނުރަނގަޅު އަސަރު ކުރަމުންދާނެ ކަމަށް އޭގައިވެ އެވެ.
މުރަކަތައް އިއާދަވާ ކަމަށް އެ ދިރާސާގައި ބެލީ ކޮންމެ އަކަމީޓަރަކުން ފެންނަ އަލަށް އާލާވަމުންދާ ޅަ މުރަކަތަތަކުގެ އަދަދުތަކަށް ބެލުމަށް ފަހު އެވެ. އެކި ސަރަހައްދުތަކުގައި މި އަދަދުތައް ވަކި ވަރަކަށް ހުރި ނަމަވެސް، ސާވޭކުރި ފަރުތަކުގައި އެވްރެޖްކޮށް ޅަ މުރަކަތަކުގެ އަދަދު ގިނަކަން ފާހަގަކޮށްފައިވެ އެވެ. އެވަރެޖްކޮށް ކޮންމެ އަކަމީޓަރަކުން 14.3 ޅަ މުރަކަ ފާހަގަ ކުރެވިފައިވެ އެވެ.
ޅަ މުރަކަތައް އެންމެ ބޮޑަށް ފާހަގަކުރެވުނީ މީހުން ދިރިނޫޅޭ ރަށްތަކުގެ ފަރުތަކުގަ އެވެ. މީހުން ދިރިނޫޅޭ ރަށްތަކުގައި އެވްރެޖްކޮށް ކޮންމެ އަކަމީޓަރަކުން 15.8 ޅަ މުރަކަ ފެނިފައިވެ އެވެ.
މީގެ އިތުރުން، ސާވޭކުރި 16 ރިޒޯޓުގެ ފަރުތަކުގެ ޅަ މުރަކަތަކުގެ އަދަދު ވެސް މީހުން ދިރިއުޅޭ ރަށްތަކާ އަޅާބަލާއިރު ގިނަ ކަމަށް ދިރާސާ ރިޕޯޓުގައިވެ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި މި އަދަދަކީ އަކަމީޓަރަކަށް 12.2 މުރަކަ އެވެ.
މި ދިރާސާގައި އެންމެ ގިނައިން ޅަ މުރަކަ ފާހަގަ ކުރެވުނީ ނ. އަތޮޅުގެ ފަރަކުންނެވެ. އެ ފަރުތަކުން ކޮންމެ އަކަމީޓަރަކަށް 55.6 ޅަ މުރަކަ ފެނިފައިވެ އެވެ.
ޅަ މުރަކަތަކުގެ މި އަދަދުތަކަކީ އިންޑޯ-ޕެސެފިކްގެ އެހެން ފަރުތަކާ އަޅާބަލާއިރު ވެސް ރަނގަޅު އަދަދުތަކެއް ކަމަށް ރިޕޯޓުގައިވެ އެވެ.
ދިރާސާއިން އެނގުނު އަނެއް ކަމަކީ 2016 ވަނަ އަހަރުގެ ބްލީޗިން އިވެންޓަށް ފަހު ސާވޭކުރި ފަރުތަކުގައި މިހާރު ގިނައީ ޕޮރިޓްސް ބާވަތުގެ މުރަކަތައް ކަމަށެވެ. މިއީ މާ "ސްޓްރެސް ޓޮލަރެންޓް" ބާވަތެއްގެ މުރަކައެއް ކަމަށް ދިރާސާގައިވެ އެވެ.
ނޫ ރާއްޖެ ޕްރޮޖެކްޓުގައި ރާއްޖޭގެ ފަރެއް ސާވޭކުރަނީ. -- ފޮޓޯ: އިމެނުއެލް ކޮންކަލްވޭސް
މަސްތަކުގެ އާބާދީ ވެސް ރަނގަޅު ކަމަށް ދިރާސާއިން ފާހަގަ ކުރެވުނެވެ. ޕްލޭންކްޓަން ފަދަ އެއްޗެހި ކައި އުޅޭ ކުދި މަސްތަކުގެ އަދަދު ވެސް ގިނަކަން ދިރާސާއިން އެނގުނެވެ. އަދި ޕެރޮޓްފިޝް ކަހަލަ މެދުމިނުގެ ހާބިވޯ މަސްތައް ފާހަގަކުރެވުނީ މެދުމިންވަރަކަށެވެ. އަދި މިޔަރު ފަދަ "ޕްރިޑޭޓާ" މަސްތައް ފާހަގަކުރެވުނީ މަދުންނެވެ. މިޔަރު ފަދަ މަސްތައް ގިނަވުމަކީ ފަރެއްގެ ސިއްހަތު ރަނގަޅު ކަމަށް ދޭހަވާނެ ސަބަބެކެވެ.
ފަރުތައް އަލުން އިއާދަވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓަސް، ސައިންސުވެރިން ފާހަގަކުރަނީ އަދި ވެސް މުޅިން އިއާދަވާން ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.
މި ދިރާސާގައި ވެއިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރު، އަދި ސްމޯލް އައިލެންޑް ރިސާޗް ގްރޫޕްގެ ސައިންސްވެރިން ބައިވެރިވި އެވެ. އަދި މި ދިރާސާ ހެދި އީޕީއޭ އާއި ބޭރުގެ ކަމާ ގުޅޭ އެކި ޖަމާއަތްތަކުގެ ވެސް އެހީތެރިކަމާއެކު އެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި ނޫ ރާއްޖެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ދެކުނުގެ ފަރުތަކުގެ ސާވޭއެއް ވެސް ހެދި އެވެ. އެ ސާވޭގެ ހޯދުންތައް ޝާއިއު ކުރާނީ އަދި ފަހުގެ ތާރީހެއްގަ އެވެ.
ރާއްޖެ އަށް މުހިއްމު، ބައިޑެންގެ ތިމާވެށި ވައުދު
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ
ރާއްޖޭގެ މުރަކަ މޫސުމީ ބަދަލަށް ހޭނެނީތަ؟
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
އޯޒޯންގެ ބާގަނޑު 2066 ގައި އެއްކޮށް ބެދޭނެ!
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ