Roadha Mihaaru
ރާއްޖެ އަށް މުހިއްމު، ބައިޑެންގެ ތިމާވެށި ވައުދު

ބައިޑެންގެ ޕްލޭންތަކުން ރާއްޖެ އަށް މުހިއްމު ތިމާވެށީގެ ވައުދު

10 ނޮވެމްބަރ 2020

ރައީސް ޑޮނަލްޑް ޓްރަމްޕް 2017ގައި އިއުލާންކުރެއްވި ގޮތަށް އެމެރިކާ އިން މިހާރު ވަނީ ޕެރިސް އެގްރީމެންޓުން ވަކިވެފަ އެވެ. މިދިޔަ ހަފްތާގައި އެކަން ރަސްމީވީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަހު އެވެ. އެކަމަކު އިންތިޚާބުން ޓްރަމްޕް ބަލިވެވަޑައިގެންފައިވާތީ ދުވަސްކޮޅެއް ތެރޭ އެކަން ބަދަލުވާނެ އެވެ. ޕެރިސް އެގްރީމެންޓާ އެމެރިކާ އިން އަލުން ގުޅުމަކީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެންގެ ވައުދެކެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރައީސް ޑޮނަލްޑް ޓްރަމްޕް 2017ގައި އިއުލާންކުރެއްވި ގޮތަށް އެމެރިކާ އިން މިހާރު ވަނީ ޕެރިސް އެގްރީމެންޓުން ވަކިވެފަ އެވެ. މިދިޔަ ހަފްތާގައި އެކަން ރަސްމީވީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަހު އެވެ. އެކަމަކު އިންތިޚާބުން ޓްރަމްޕް ބަލިވެވަޑައިގެންފައިވާތީ ދުވަސްކޮޅެއް ތެރޭ އެކަން ބަދަލުވާނެ އެވެ. ޕެރިސް އެގްރީމެންޓާ އެމެރިކާ އިން އަލުން ގުޅުމަކީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެންގެ ވައުދެކެވެ.

ބައިޑެންގެ އެ ވައުދު ދެ ގޮތަކުން މުހިއްމުވެ އެވެ. އެއީ ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުމާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަންނަން ކުދި ގައުމުތަކަށް ފައިސާ ދިނުމުގައި އެމެރިކާގެ ބައިވެރިވުން އިއާދަވުމެވެ.

"ޕެރިސް އެގްރީމެންޓުން އެމެރިކާ ނުކުތީމަ އެއިން ލިބުނު މެސެޖަކީ ކޮންމެ ގައުމަކަށް ވެސް ކޮންމެ ކަމެއް ވެސް ކުރެވިދާނެއޭ. ބައިނަލްއަގުވާމީ އެއްބަސްވުމެއް އޮތަސް އެއީ އެއްޗެއް ނޫނޭ، އެކަހަލަ މާނައެއް ދޭހަވާ ކަހަލަ ގޮތަކަށް އެ ނިންމުން އައީ."

މޫސުމީ ބަދަލުތަކާ ދެކޮޅަށް ފަސް ޓްރިލިއަން ޑޮލަރުގެ ބިޔަ ޕްލޭނެއް އިއުލާންކުރައްވާފައިވާ ބައިޑެން ވަނީ އެމެރިކާ އިން ވިހަ ގޭސް ބޭރުކުރުން 2050ގެ ކުރިން ހުއްޓާލަން ފިޔަވަޅުތައް އަޅުއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.

ދުނިޔެ ހޫނުވަނީ ތެލާއި ބޯޓުދެލި ފަދަ ހަކަތައިގެ ބާވަތްތައް އެންދުމުން ނުކުންނަ ވިހަ ގޭސްތަކުގެ ސަބަބުންނެވެ. އެހެންކަމުން ދުނިޔޭގެ ހޫނުމިން މައްޗަށް އަރައިގެންދިޔުން ހުއްޓުވަން އިއާދަކުރަނިވި ސާފު ހަކަތަ އަށް ބަދަލުވާން ތިމާވެށީ މާހިރުން އަންނަނީ ބާރުއަޅަމުންނެވެ.

"ފޮސިލް ފިއުލް އަންދާ ވަރަކަށް، މޫސުމީ ބަދަލުތަކަށް ތައްޔާރުވާން ލިބޭ ފުރުސަތު ދާނީ ހަނިވަމުން. ބައިޑެންގެ ވައުދުތަކުގެ ސަބަބުން، އެކަމަށް ލިބޭ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ބެލެވޭ،" ދެމެހެއްޓެނިވި ތަރައްގީގެ ތަޖުރިބާކާރެއް ކަމަށްވާ އައިޝާ ނިޔާޒު ވިދާޅުވި އެވެ.

ބައިޑެން (ކ) އާއި ނާއިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމާލާ ހެރިސް ކާމިޔާބީގެ އުފާފާޅުކުރުމުގެ ޖަލްސާގައި

ބައިޑެން (ކ) އާއި ނާއިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމާލާ ހެރިސް ކާމިޔާބީގެ އުފާފާޅުކުރުމުގެ ޖަލްސާގައި

ޕެރިސް އެގްރީމެންޓަކީ ދުނިޔޭގެ ހޫނުމިން އިންޑަސްޓްރިއަލް ރިވޮލިއުޝަންގެ ކުރިން ހުރި ވަރަށް ވުރެ ދެ ޑިގްރީ މަތިވިޔަ ނުދޭން 200 ވަރަކަށް ގައުމުން ވެފައިވާ އެއްބަސްވުމެކެވެ. ދުނިޔެ އެއަށް ވުރެ ބޮޑަށް ހޫނުވެއްޖެ ނަމަ ކަނޑުގެ ލޮނގަނޑު އުފުލި، އާދަޔާޚިލާފް މޫސުމީ ހާދިސާތައް ގިނަވާނެ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފަ އެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ އަށް އޭގެ ނުރައްކާ ވަކިން ބޮޑެވެ. ހޫނުމިން ދެ ޑިގްރީ އަށް ވުރެ މަތިވެއްޖެ ނަމަ ދުނިޔޭގެ ފަރުތަކުގެ 99 ޕަސެންޓް ނެތިގެންދާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

ރާއްޖެ ފަދަ ގައުމުތަކަށް ގުދުރަތީ ހިމާޔަތެއްގެ ގޮތުގައި ފަރުތަކުގެ ބޭނުންތެރިކަން ބޮޑު އިރު އިގުތިސޯދު ވެސް ފަރުތަކަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

"މިވީހާ ދުވަހު ވިއްކި ޓޫރިޒަމް ޕްރޮޑަކްޓްސް ނުއެއް ވިއްކޭނެ ފަރުތައް ނެތިއެއް،" އައިޝާ ވިދާޅުވި އެވެ.

"ގޮނޑުދޮށް އުފެދެނީ ވެސް މުރަކަ ފަރުތަކުން. ފަތުރުވެރިން މި އަންނަނީ ގޮނޑުދޮށުގައި އޮށޯވެލައިގެން ތިބޭށާއި ޑައިވްކޮށް ސްނޯކެލްކުރަން. ގޮނޑުދޮށެއް، ފަރެއް ނެތިއްޔާ ރާއްޖެ، ރާއްޖެ އަށް ވާނެ ބާ؟ އަނެއްކޮޅުން މަސްވެރިކަމަށް ބޭނުންވާ އެން މި ދިރިއުޅެނީ ވެސް ފަރުތަކުގައި."

އިންޑަސްޓްރިއަލް ޒަމާން 1850 ހިސާބުގައި ފެށުނު ފަހުން ޖައްވަށް ޖުމްލަކޮށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކޮށްފައިވާ ގައުމަކީ އެމެރިކާ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރަމުންދާ ގައުމަކީ ވެސް (ޗައިނާ އަށް ފަހު) އެމެރިކާ އެވެ. އެހެންކަމުން ޕެރިސް އެގްރީމެންޓުގައި އެމެރިކާ ކޮންމެހެން ބައިވެރިވާން ޖެހޭ ކަމަށް މާހިރުން ދެކެ އެވެ. އެމެރިކާގެ ބައިވެރިވުމަކީ ބޮޑެތި އެހެން ގައުމުތަކުގެ އެއްބާރުލުމަށް އެޅޭ ބާރަކަށް ވެސް ވެ އެވެ.

ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުގެ އަނެއް ނަތީޖާއަކީ ޖައްވު ހޫނުވުމުގައި މާ ބޮޑު ކުށެއް ނެތް ކުދި ގައުމުތަކަށް އެހީވާން ހުޅުވާފައިވާ ބައިނަލްއަގުވާމީ ފަންޑަށް އެ ގައުމުން ފައިސާ ދިނުން ހުއްޓުމެވެ. އެފަދަ ގައުމުތަކަށް ތިން ބިލިއަން ޑޮލަރު ދޭން އެމެރިކާ އިން ވައުދުވެފައި އޮއްވާ ޓްރަމްޕްގެ ސަރުކާރުން ވަނީ އޭގެ ތިންބައިކުޅަ ދެބައި އަނބުރާ ގެންގޮސްފަ އެވެ. އަދި މުއްސަނދި 13 ގައުމަކުން އެހީ ދެ ގުނަ އިތުރުކުރަން މިދިޔަ އަހަރު ވައުދުވި އިރު އެމެރިކާ އިން ފަންޑަށް އިތުރު އެއްޗެއް ލާން ދެކޮޅުހެދި އެވެ.

"ޕެރިސް އެގްރީމެންޓުން އެމެރިކާ ނުކުތީމަ އެއިން ލިބުނު މެސެޖަކީ ކޮންމެ ގައުމަކަށް ވެސް ކޮންމެ ކަމެއް ވެސް ކުރެވިދާނެއޭ. ބައިނަލްއަގުވާމީ އެއްބަސްވުމެއް އޮތަސް އެއީ އެއްޗެއް ނޫނޭ، އެކަހަލަ މާނައެއް ދޭހަވާ ކަހަލަ ގޮތަކަށް އެ ނިންމުން އައީ،" އައިޝާ ވިދާޅުވި އެވެ.

"އެކަމަކު ބައިޑެން ވެރިކަމަށް ވަޑައިގެން އަލުން ޕެރިސް އެގްރީމެންޓާ ގުޅޭނަމޭ ވިދާޅުވީމަ ވަރަށް ބޮޑު ބާރަކަށް ވެގެންދިޔަ."

ޖެނުއަރީ 20ގައި ރައީސް ކަމުގެ ހުވާކުރައްވާނެ ބައިޑެން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ޕެރިސް އެގްރީމެންޓާ އަލުން ގުޅޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް އަމަލީ ސިފަ އަންނަން ދުވަސްކޮޅެއް ނަގާނެ އެވެ.