Roadha Mihaaru
ލައިފްޖެކެޓް މަޖުބޫރުވާ ގަވައިދު ގެޒެޓުކުރަން ފޮނުވައިފި

ލައިފް ޖެކެޓް އަޅަން މަޖުބޫރުކުރާ ގަވައިދު ގެޒެޓުކުރަން ފޮނުވައިފި

31 އޮކްޓޯބަރ 2021

ކަނޑުދަތުރު ކުރާއިރު ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އަޅަން ލާޒިމްވާ ގޮތަށް ގަވައިދު ބަދަލުކޮށް، އެ އިސްލާހުތައް ގެޒެޓު ކުރަން ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކަނޑުދަތުރު ކުރާއިރު ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އަޅަން ލާޒިމްވާ ގޮތަށް ގަވައިދު ބަދަލުކޮށް، އެ އިސްލާހުތައް ގެޒެޓު ކުރަން ފޮނުވައިފި އެވެ.

ކޮންމެ ހުޅަނގު މޫސުމަކާ ދިމާކޮށް ކަނޑުމަތީގައި މީހުން ގެއްލުމާއި ގެނބިގެން މަރުވުމުގެ އެތައް ހާދިސާތަކެއް ހިނގާއިރު ވެސް ލައިފް ޖެކެޓް އެޅުމަކީ އެއްވެސް ގަވައިދެއްގައި ލާޒިމްކުރާ ކަމެއް ނޫނެވެ. ކޮންމެ އުޅެނދެއްގައި ވެސް ގަވައިދާ އެއްގޮތަށް ލައިފް ޖެކެޓް ބަހައްޓާފައި ހުއްޓަސް މޫސުން ގޯސް ދުވަސްތަކުގައި ވެސް ލައިފް ޖެކެޓް ނާޅާ ދަތުރުކުރާ މައްސަލަ ބޮޑެވެ.

ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ ގޮތަށް ގަވައިދު އިސްލާހުކުރަން ލަފާ ދިނީ 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާއަށް ފަހު ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީންނެވެ. ކަނޑުދަތުރު ކުރާއިރު މޫސުމީ އެލާޓްތަކާއި އުޅަނދުގެ ބޮޑު މިނަށް ބަލައި، ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ ގޮތަށް ގަވައިދު އިސްލާހު ކުރަން އެ ކޮމިޓީން ވަނީ ލަފާ ދީފަ އެވެ.

އެ މަސައްކަތް ހުއްޓިފައި އޮއްވައި މި މަހު ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް އެރި ރާޅަކާ އެކު ކަނޑަށް ވެއްޓި އަންހެނަކު މަރުވެ، އޭނާގެ ދަރިއަކު ގެއްލުނު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އެ މަސައްކަތް އަލުން ވަނީ ފަށައިފަ އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ "މިހާރު" އަށް ވިދާޅުވީ ލައިފް ޖެކެޓް އެޅުން ލާޒިމް ކުރާ ގަވައިދަށް ސްޓޭކް ހޯލްޑަރުންނާއި އެޓާނީ ޖެނަރަލް އޮފީހުގެ ލަފާ ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އެ ގަވައިދަށް އަމަލުކުރަން ފަށަން ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށް ހަމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިން ވެސް ބުނެފަ އޮންނާނީ މި މަހުގެ ނިޔަލަށް އެކަން ކުރާނެ ކަން. އަޅުގަނޑުމެން ވަނީ ގެޒެޓުކުރަން ފޮނުވާފައި. މާދަމާ ހިސާބުގައި އެ ގަވައިދު ގެޒެޓުކުރާނެ،" ހަމަދު ވިދާޅުވި އެވެ.

ހަމަދު ވިދާޅުވީ އާ ގަވައިދުގެ ދަށުން، ކަނޑުދަތުރުކުރާ އުޅަނދު ވަކި ވަރަކަށް ވުރެ ކުޑަ ނަމަ ކުރާ ހުރިހާ ދަތުރެއްގައި ފަސިންޖަރުން ލައިފް ޖެކެޓު އަޅަން ޖެހޭނެ ކަމަށެވެ. އަދި މޫސުމީ އެލާޓުތައް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާއިރު ވެސް ލައިފް ޖެކެޓް އަޅަން މަޖުބޫރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑު އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި ލައިފް ބޮއި ނުހުންނަ ނަމަ އަންނަ ޖެނުއަރީ މަހުގެ ފަހުން އެ އުޅަނދުތަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލްކުރަން ވެސް ނިންމައިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވައިދުގެ ދަށުން އަންނަ ޖެނުއަރީ 16ގެ ކުރިން އުޅަނދުފަހަރުތަކުން ފުރިހަމަކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ލައިފްޖެކެޓާއި ލައިފް ބޮއި ހުރުމުގެ އިތުރުން މުއާސަލާތީ އާލަތްތަކާއި ވެސެލް ޓްރެކިން ޑިވައިސް އާއި އުޅަނދުގެ މެނިފެސްޓް އެނގުން އޮތުން އަދި ބޮޔަންޓް އެޕަރޭޓަސް ހުރުން ހިމެނެ އެވެ.

މީގެ އިތުރުން ކެޕްޓަނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލުކުރާ ލައިސެންސް އަދި ސަނަދުތައް އޮތުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.