Roadha Mihaaru
ލައިފްޖެކެޓް ނުހުންނަ އުޅަނދުގެ ސެޓްފިކެޓް ބާތިލްކުރަނީ

ލައިފްޖެކެޓް ނުހުންނަ ކަނޑުއުޅަނދުފަހަރުގެ ސެޓްފިކެޓް ބާތިލްކުރަނީ

19 އޮކްޓޯބަރ 2021

ކަނޑު އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި ލައިފް ބޮއި ނުހުންނަ ނަމަ އަންނަ ޖެނުއަރީ މަހުގެ ފަހުން އެ އުޅަނދުތަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލްކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަނޑު އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި ލައިފް ބޮއި ނުހުންނަ ނަމަ އަންނަ ޖެނުއަރީ މަހުގެ ފަހުން އެ އުޅަނދުތަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލްކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކަނޑުމަތީގައި ފާއިތުވި ހަފުތާ ތެރޭގައި އެތައް ހާދިސާއެއް ހިނގައި މީހަކު މަރުވެ، ކުޑަކުއްޖަކު ގެއްލިފައިވަނިކޮށް، އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވައިދުގެ ދަށުން އަންނަ ޖެނުއަރީ 16 ގެ ކުރިން ބައެއް ކަންކަން ފުރިހަމަކުރުމަށް އަންގައިފަ އެވެ.

އޭގެ ތެރޭގައި ލައިފްޖެކެޓާއި ލައިފް ބޮއި ހުރުމާއި މުވާސަލާތީ އާލަތްތަކާއި ވެސެލް ޓްރެކިން ޑިވައިސާއި އުޅަނދުގެ މެނިފެސްޓް އެނގުން އޮތުން އަދި ބޮޔަންޓް އެޕަރޭޓަސް ހުރުން ހިމެނެ އެވެ. ކެޕްޓަނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލުކުރާ ލައިސެންސް އަދި ސަނަދުތައް އޮތުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.

އުޅަނދުފަހަރު މަރާމާތުކުރުމަށް އެހެލުމަށް ފަހު ދޫކުރާ ލިޔުމާއި ސުވޭޖު ސެޓްފިކެޓް، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާ ބެހޭ ސެޓްފިކެޓް އަދި އޮއިލް ޕޮލިއުޝަން އެންޑް ޕްރިިންވެންޝަން ސެޓްފިކެޓް ހައްދަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

"މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ،" ޓްރާންސްޕޯޓުގެ އިއުލާނުގައިވެ އެވެ.

ކަނޑުމަތީގެ ހާދިސާތަކާ ގުޅޭ "ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީ"ން ވަނީ ކަނޑުދަތުރުކުރާއިރު މޫސުމީ އެލާޓްތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅައި، ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލަފާދީފަ އެވެ. ނަމަވެސް ދެ އަހަރު ވެގެންދިޔައިރު އެކަމަށް އަމަލުކޮށްފައެއް ނުވެ އެވެ.

އެ ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގައި މޫސުމީ އިންޒާރުތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އަޅަން މަޖުބޫރެވެ.

ޓްރާންސްޕޯޓުން މި އިއުލާންކުރި އިރު މިދިޔަ ހަފުތާގައި ވަނީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ހިނގައިފަ އެވެ. މާލެ އިން ފުރައިގެން ވ. އަތޮޅަށް ގަދަ ކަނޑުގައި ދަތުރުކުރި ލޯންޗަކަށް ޖެހި ބިޔަ ރާޅަކާ އެކު ތިން މީހުން ކަނޑަށް ވެއްޓި ޒުވާން އަންހެނަކު ނިޔާވެ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފަ އެވެ. އަދި ހުޅުލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏަކުން ޒުވާނަކު ވަނީ ކާށިދޫ ކަނޑަށް ވެއްޓިފަ އެވެ. ނަމަވެސް އޭނާ ވަނީ ފަތާފައި ކާށިދު އަށް އަރައިފަ އެވެ.