Roadha Mihaaru
ކުދި އުޅަނދުގައި ދަތުރުކުރާ ނަމަ ލައިފްޖެކެޓް މަޖުބޫރު

ކުދި އުޅަނދުގައި ދަތުރުކުރާ ނަމަ ލައިފްޖެކެޓް މަޖުބޫރުކޮށްފި

31 އޮކްޓޯބަރ 2021

ދިގުމިނުގައި ނުވަ މީޓަރު (30.5 ފޫޓް) ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުކުރާ އިރު، ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ވާ ގޮތަށް ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިގުމިނުގައި ނުވަ މީޓަރު (30.5 ފޫޓް) ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދުތަކުގައި ދަތުކުރާ އިރު، ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ވާ ގޮތަށް ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ.

ކަނޑު އުޅަނދު ދުއްވުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް އިސްލާހު ގެނައުމުގެ ގޮތުން އެ ގަވާއިދުގެ 27 ވަނަ މާއްްދާއަށް އިތުރުކުރި އަކުރުގައި (ބ) ގައި ވާ ގޮތުން، ނުވަ މީޓަރަަށް ވުރެ ކުރު އުޅަނދުތަކުގެ ތެރެއިން، ވަށައިގެން ބަންދުކޮށްފައިވާ އުޅަނދުތަކުގައި ދަތުރުކުރާ އިރު، ލައިފް ޖެކެޓް ހުންނަން ވާނީ ޕަސިންޖަރުންގެ އަތުގަ އެވެ.

ގަވާއިދުގެ 27 ވަނަ މާއްދާގެ ފަަހަތަށް އިތުރުކޮށްފައިވާ 27-1 ގެ (ހ)ގައިވާ ގޮތުން ވަކި ހާލަތްތަކެއްގައި، ދަތުރުކުރާ އިރު، ލައިފް ޖެކެޓް އަޅާނެ ގޮތުގެ އިރުޝާދު ދިނުމާއި ލައިފްޖެކެޓް އެޅުވުމަކީ ވެސް ކެޕްޓަންގެ ޒިންމާއެކެވެ.

ލައިފް ޖެކެޓް އެޅުވުން ކެޕްޓަނަށް ލާޒިމު ހާލަތްތައް

- ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު.

- މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް)

- މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު.

މިހާލަތްތަކުގައި ދަތުރުކުރާ އިރު ޕަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނަށް ލާާޒިމް ކަމެއްގެ ގޮތުގައި އޮތުުމުގެ އިތުރުން، އަޅާފައި ބާއްވައިގެން ބޭނުންކުރާ ސަފާރީ ފަދަ އުޅަނދުތަކުގައި ތިބޭ މީހުންނަށް ވެސް ފަސޭހައިން އަތުޖެހޭ ގޮތަށް ލައިފް ޖެކެޓް ހުންނަންވާނެ ކަމަށް ގަވާއިދަށް އިތުރުކުރި މާއްދާގައި ވެ އެވެ.

އެލާޓް ނެރެފައި އޮއްވައި ދަތުރުކުރުން މަނާ

މޫސުން ގޯސްވެގެން އެކި އެލާޓްތައް ނެރެފައިވާ ވަގުތުތަކުގައި ފަސިންޖަރުން އުފުލުން މަނާކުރަން ވެސް ގަވާއިދަށް ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ. އެ މާއްދާގަައިވާ ގޮތުން ނުވަ މީޓަރުން ފެށިގެން ކުރު އުޅަނދުތަކުގައި ދަތުރުކުރުމަކީ ޔެލޯ އެލާޓާއި އޮރެންޖް އެލާޓް އަދި ރެޑް އެލާޓް ނެރެފައިވާ ހާލަތްތަކުގައި މަނާ ކަމެކެވެ. އެ ހާލަތުގައި އެވަރުގެ ކުދި އުޅަނދުގައި (ޕަސިންޖަރުންނާ ނުލައި ވެސް) ކަނޑަށް ނުކުތުމަކީ އެ މާއްދާގައިވާ ގޮތުން މަނާކަމެކެވެ.

އެކަމުން އިސްތިސްނާ ވާނީ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތަކެވެ. ބެލެވޭ ގޮތުގައި އެއީ ސިފައިންނާއި ފުލުހުންނަށް ދީފައިވާ އިސްތިސްނާ އެެކެވެ.

ގަވައިދާ ހިލާފު ވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް

ކަނޑުދަތުރުގެ ގަވާއިދަށް އިތުރުކޮށްފައިވާ ރައްކާތެރިކަމުގެ އާ ފިޔަވަޅުތަކާއި އެކު، އެކަންތައްތަކާ ޚިލާފުވާ ފަރާތްތަކަށް ދޭނެ ބޮޑެތި އަދަބުތަކެއް ވެސް އެބަހުއްޓެވެ. ގަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 15،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމެވެ. ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާކުރުމާއި އެކު އެއް އަހަރު ދުވަހަށް ލަައިސަންސް ހިފެހެއްޓުމުގެ ބާރު ވެސް ކަމާ ބެހޭ އިދާރާތަކަށް އެ ގަވާއިދުން ލިބިދެ އެވެ.

ގަވާއިދާ ހިލާާފުވެގެން ލައިސަންސް ހިފަހައްޓައިފި ނަމަ، ކުރި ކުށުގެ ތަފްސީލު ލައިސަންސްގައި ހިމެނުމަކީ ވެސް ދޭނެ އަދަބެކެވެ.

ލައިސަންސް އެޅުވުން ލާޒިމްކުރާ މާއްދާއާ ހިލާފަށް އަމަލުކޮށްފި ނަމަ، ކެޕްޓަނުގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް 20،000.ރގެ ޖޫރިމަނާއެއްް އަންނާނެ އެވެ.

ލައިފްޖެކެޓް މި މަޖުބޫރުކުރީ ކަނޑުމަތީގައި މި މަހު ހިނގި ހާދިސާއެއްގައި ކަނޑަށް ވެއްޓި މަންމަ މަރުވެ ދަރިފުޅު ގެއްލިފައި ވަނިކޮށެވެ. ކަނޑުގަދަ ދުވަހެއްގައި ދަތުރުކުރަނިކޮށް ދެމައިން ކަނޑަށް ވެއްޓުނީ ލޯންޗަށް ބިންދާލި ރާޅަކާ އެކުގަ އެވެ.