Roadha Mihaaru
ކަނޑު ގަދަޔަސް ލައިފްޖެކެޓް މަތިން ހަނދާން ނުހުރޭ!

ކަނޑު ކިތަންމެ ގަދަޔަސް ލައިފް ޖެކެޓް މަތިން އަދިވެސް ހަނދާނެއް ނުހުރޭ!

05 އޯގަސްޓް 2022

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވެ، އެތައް ބައިވަރު ފުރާނަ ގެއްލުނު ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ވަނީ ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަށް ކެޕްޓަނުންނަށް މަޖުބޫރުކޮށް، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގަވާއިދު އިސްލާހުކޮށްފަ އެވެ. އެކަމަކު، ގަވާއިދަށް އަމަލުކުރަން ފެށިތާ ކުރީކޮޅުގައި ވަރަށް ބޮޑަށް އެކަމަށް ސަމާލުވިޔަސް މިހާރު އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ލައިފްޖެކެޓް އެޅުމަކީ ހަމައެކަނި ގަވާއިދުގައި ލިޔެފައި އޮންނަ އެެއްޗަކަށް ބައެއް ކެޕްޓަނުންނާއި ޕަސެންޖަރުން ވެސް ހަދައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވެ، އެތައް ބައިވަރު ފުރާނަ ގެއްލުނު ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ވަނީ ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަށް ކެޕްޓަނުންނަށް މަޖުބޫރުކޮށް، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގަވާއިދު އިސްލާހުކޮށްފަ އެވެ. އެކަމަކު، ގަވާއިދަށް އަމަލުކުރަން ފެށިތާ ކުރީކޮޅުގައި ވަރަށް ބޮޑަށް އެކަމަށް ސަމާލުވިޔަސް މިހާރު އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ލައިފްޖެކެޓް އެޅުމަކީ ހަމައެކަނި ގަވާއިދުގައި ލިޔެފައި އޮންނަ އެެއްޗަކަށް ބައެއް ކެޕްޓަނުންނާއި ޕަސެންޖަރުން ވެސް ހަދައިފި އެވެ.

މިިހާރުގެ ސްކޫލު ޗުއްޓީ ދިމާވީ މުޅި ރާއްޖެ އަށް ވެސް ވަރަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރަކަށް ވާއިރު ބައެއް ކެޕްޓަނުންނާއި ފަޅުވެރިންގެ ފަރާތުން ފެނުނީ ފަރުވާކުޑަކަމުގެ އިންތިހާ އެވެ. ވައި ބާރުވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ފުލުފުލުން އެލާޓްތައް ނެރެމުން ދިޔަޔަސް ދަތުރުމަތީގައި ބައެއް ފެރީތަކުން ފަސިންޖަރުންނަށް ލައިފްޖެކެޓް ދިއްކޮށް ވެސް ނުލަ އެވެ.

ބައެއް އުޅަނދުތަކުން ލައިފްޖެކެޓް އަޅުވަނީ ނަމަކަށެވެ. ކޮނޑަށް ވައްޓާލީމާ ނިމުނީ އެވެ. އެ އަޅާ ގޮތެއް، އޭގެ ބޭނުމެއް ކިޔައި ނުދޭ ތާނގައި ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ ލިޔުމެއް ވެސް ފެންނަން ނުހުރެ އެވެ.

މި ޗުއްޓީ ތެރޭގައި މާލެ ކައިރީގެ ބައެއް ރަށްރަށަށް ދަތުރުކުރި ބައެއް މީހުން ބުނީ، ބައެއް ފެރީތަކުގައި ލައިފް ޖެކެޓް އެޅުވިޔަސް އަނެއް ބައި ފެރީތަކުން ލައިފް ޖެކެޓް ނާޅުވާ ކަމަށެވެ. އަދި ކިތަންމެ ކަނޑުގަދަޔަސް އެހެން މީހުން ނާޅާތީ އަޅަން ނުކުރެނީ ކަމަށް ބުންޏެވެ.

އިއްޔެ ވެސް ހއ. އިން އދ. އަތޮޅާ ހިސާބަށް އޮތީ ލެޔޯ އެލާޓް ނެރެފަ އެވެ. އެ ވަގުތު މާލެއިން ފުރި ބައެއް އުޅަނދުތަކަށް ބަލާއިރު ވެސް ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ގޮވައިގެން ފުރި ލޯންޗުތަކުން ވެސް ދިޔައީ ލައިފްޖެކެޓް ނާޅަ އެވެ.

އިއްޔެ ޔެލޯ އެލާޓްގައި އޮއްވާ ލޯންޗެއްގައި ބަޔަކު މާލެއިން ފުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިއްޔެ ޔެލޯ އެލާޓްގައި އޮއްވާ ލޯންޗެއްގައި ބަޔަކު މާލެއިން ފުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގެސްޓް ހައުސް ފެރީތަކުން ޓޫރިސްޓުން ގޮވައިގެން ދަތުރުކުރާއިރު ވެސް އެ ފަދަ ކަންކަމަށް ސަމާލުކަން ނުދިނަސް މަދު ބަޔަކު އެ ގަވާއިދަށް ވަރަށް ރަނގަޅަށް ބޯލަނބަ އެވެ. ބައެއް ރިސޯޓުތަކަށް ދާ ލޯންޗުތަކުގެ ފަސިންޖަރުން ލައިފްޖެކެޓް ނާޅާ ނަމަ ދަތުރު ނުވެސް ފަށަ އެވެ. އެކަމަކު، މައްސަލައަކީ އެއީ ނަމަކައަށް އަޅުވާފައި އޮންނަ އެއްޗަކަށް ވާތީ އެވެ. ނުރައްކާތެރި ހާލަތެއް ދިމާވާ ފަހަރު އެ ބޭނުންކުރާނެ ގޮތެއް އެނގޭކަށް ނެތެވެ.

ރާއްޖޭގައި މި ފަހުން ހިނގާފައިވާ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކަށް ބަލާއިރު ވެސް މީހުންގެ ފުރާނަ ގޮސްފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާތީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަންހެނަކު މަރުވެ، ކުޑަ ކުއްޖަކު ގެއްލުނު ހާދިސާގައި ވެސް ލޯންޗުގައި ތިބި މީހުން ލައިފްޖެކެޓް އެޅީ ވާނެ ކަމެއް ވެ ނިމުނު ފަހުންނެވެ. ދަތުރު ފެށި ފަހުން އާދަޔާ ހިލާފަށް ވައިގަދަވެ، ބޮޑެތި ރާޅުތައް ނަގަން ފެށުމުން ލޯންޗު އަނބުރާލަން އުޅުމުގެ ތެރޭގައި ބިޔަ ރާޅަކާ އެކު ލޯންޗު ދިޔަވީ އެވެ. ލޯންޗުގެ އެއް ފަޅިއަށް ވަރަށް ބޮޑަށް އަރި އެޅުމާ އެކު އެއިން އެއް ބަޔަކު މޫދަށް ވެސް ދަމައިގަތެވެ.

އެ ލޯންޗުގައި ދަތުރުކުރި މީހަކު "މިހާރު" އަށް ކުރިން ކިޔައިދީފައިވާ ގޮތުގައި އެ މީހުން ލައިފް ޖެކެޓް އެޅީ އެ ހުރިހާ ކަމެއްވީ ފަހުންނެވެ. ކަނޑުގަދަވެ ދަތުރު ނުކުރެވޭނެކަން އެނގުނު ހިސާބުން ވެސް ލައިފް ޖެކެޓް އަޅަން އެ މީހުންނެއް ނޫޅެ އެވެ.

އެފަދަ އެތައް ހާދިސާ އެކެވެ. އެލާޓް ނެރެފައިވަނިކޮށް ކުދިކުދި އުޅަނދުތަކުގައި ލައިފްޖެކެޓެއް އެއްޗެއް ނާޅައި ދަތުރުކުރުމުގެ ސަބަބުން އެތައް ފުރާނައެއް ގެއްލުނެވެ.

ކަނޑަށް ކިތަންމެ ގަދަޔަސް ނަމޫނާ މީހުން ވެސް ފެނިފައި އެބަހުއްޓެވެ. ފަތަން ދަސްކޮށްދިނުމުގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކުރި މޮޅެތި ސްވިމިން ކޯޗުން ވެސް ލައިފް ޖެކެޓް އަޅައިގެން ދަތުުރުކުރަނީ ނުރައްކާތެރި ހާދިސާއެއް ހިނގާނީ ކޮންއިރަކު، ކިހިނެއް ކަމެއް ނޭނގޭތީ ރައްކާތެރިވާށެވެ.

ލައިފް ޖެކެޓް އެޅުވުން ކެޕްޓަނަށް ލާޒިމު ހާލަތުތަތައް:

- ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު.

- މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް)

- މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު.

އިއްޔެ މާލެއިން ބަޔަކު ފުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިއްޔެ މާލެއިން ބަޔަކު ފުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ހާލަތުތަކުގައި ދަތުރުކުރާ އިރު ޕަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނަށް ލާާޒިމު ކަމެއްގެ ގޮތުގައި އޮތުުމުގެ އިތުރުން، އަޅާފައި ބާއްވައިގެން ބޭނުންކުރާ ސަފާރީ ފަދަ އުޅަނދުތަކުގައި ތިބޭ މީހުންނަށް ވެސް ފަސޭހައިން އަތުޖެހޭ ގޮތަށް ލައިފް ޖެކެޓް ހުންނަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އެލާޓް ނެރެފައި އޮއްވައި ދަތުރުކުރުން މަނާ

- ޔެލޯ އެލާޓާއި އޮރެންޖް އެލާޓް އަދި ރެޑް އެލާޓް ނެރެފައިވަނިކޮށް ނުވަ މީޓަރުން ފެށިގެން ކުރު އުޅަނދުތަކުގައި ދަތުރުކުރުން މަނާ.

- އެ އެލާޓްތައް ނެރެފައިވަނިކޮށް، އެ ވަރުގެ ކުދި އުޅަނދުގައި ޕަސިންޖަރުންނާ ނުލާ ވެސް ކަނޑަށް ނުކުތުން މަނާވާނެ.

ބޮޑު އަދަދަކުން ޖޫރިމަނާކުރެވުނަސް ފިޔަވަޅެއް ނޭޅޭ؟

ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރުގެ އަދަބަކީ 15،000ރ. އިން ޖޫރިމަނާކުރުމާ އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމެވެ. ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ނަމަ ޖޫރިމަނާއާ އެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ވެސް ކަމާ ބެހޭ އިދާރާތަކަށް އެބައޮތެވެ.

ލައިފްޖެކެޓް އެޅުވުން ލާޒިމުކުރާ މާއްދާއާ ހިލާފުވެއްޖެ ނަމަ، ކެޕްޓަނުންގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް 20،000ރ. ގެ ޖޫރިމަނާއެއް ވެސް އަންނާނެ އެވެ. އެކަމަކު ކަނޑުމަތީގެ ރައްކާތެރިކަމަށް އަޅާނުލައި ދޫކޮށްލައިފި ނަމަ، ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި ހުއްޓަސް އެކަމާ ގުޅިގެން މިހާތަނަށް އެޅި ފިޔަވަޅެއް ސާފެއް ނުވެ އެވެ. އެއްވެސް ބަޔަކު މިހާތަނަށް ޖޫރިމަނާކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަމާ ބެހޭ އިދާރާއެއްގެ ޖަވާބެއް ނުލިބޭތީ ސާފެއް ނޫނެވެ.

ކަނޑުގަދަވެ، ކޮންމެ ފަހަރަކު ވެސް ސަލާމަތީ ފިޔަވަޅު އަޅައިގެން ނޫން ގޮތަކަށް ނުފުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރިޔަސް އޮޑިދޯނިފަހަރު ފުރަނީ އެ ހުރިހާ ފިޔަވަޅެއް އަޅައިގެންތޯ ބަލައި ޗެކްކުރަނީ ކިހާ ވަރަަކަށް ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ ލައިފް ޖެކެޓް ނާޅުވައި ދަތުރުކުރާ އުޅަނދުތައް ގިނަ ކަމެވެ. ފަސިންޖަރުންގެ ރައްކާތެރިކަމަށް އަދިވެސް ދެވޭ ސަމާލުކަން ކުޑަކަމެވެ.