Roadha Mihaaru
ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް

ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް، އާންމުންގެ ކަންބޮޑުވުން

05 އޮކްޓޯބަރ 2024

ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން ކަންބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވާން ފެށި ވީޑިއޯއިން ފެންނަނީ، ދެ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ރަށެއްގެ ބަނދަރަށް ވަންނަ މަންޒަރެވެ.

ވީޑިއޯއިން ފެންނަ ގޮތުން، އޭގެ ތެރޭއިން "ނަސްރު" ނަމަކަށް ކިޔާ ލޯންޗު ވަކި ހިސާބަކުން ދުވެލި ބާރުކޮށް، "ރިލެކްސް ގޯލްޑް" ނަމަކަށް ކިޔާ ލޯންޗަށް ވުރެ ކުރި އަރައިގެން ގޮސް ބަނދަރަށް ވަދެ އެވެ. ލޯންޗުގެ ސްޕީޑް މަޑުކުރީ ވެސް ނެރު ކައިރިންނެވެ.

އެ ލޯންޗުތަކުގެ ފަހަތުން "ރަމްޒު ކުއީން" ލޯންޗް ވެސް ވަންނަތަން ވީޑިއޯއިން ފެނެ އެވެ.

އެއީ އއ. ތޮއްޑު އާއި މާލެއާ ދެމެދު ދަތުރުކުރާ ތިން ލޯންޗެވެ. އެ ލޯންޗުތައް ދިޔައީ މާލެއިން ފުރައިގެން ތޮއްޑުއަށެވެ.

އެ ތިން ލޯންޗު ރޭސް ޖަހާ އިތުރު ވީޑިއޯ ވެސް ޓިކްޓޮކްގައި އެބަހުއްޓެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ބައެއް މީހުން ވަނީ ބައެއްގެ ފުރާނައަށް ނުރައްކާ ނުވަނީސް އެ ތިން ލޯންޗުގެ ކެޕްޓަނުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

"ނުރައްކާތެރިކޮށް ކަނޑު އުޅަނދު ދުއްވާ ފަރާތްތަކާމެދު ޓްރާންސްޕޯޓް ގަވާއިދުގައިވާ ގޮތުގެ މަތިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. އަދި މި ހިނދުން މި ހިނދަށް މި ތިން ސްޕީޑް ލޯންޗުގައި ތިބި ކައްޕިންގެ ލައިސަންސް ހިފަހައްޓައި ސަލާމަތީ ހުއްދަތައް އޮތްތޯ ޗެކްކޮށް އަވަސް ފިޔަވަޅެއް އަޅަދިނުމަށް ގޮވާލަން. ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަކަށް ނުލެވޭނެ." ހުސެއިން ސައީދު ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއް ވެ އެވެ.

ފޭސްބުކްގައި އެހެން މީހަކު ކުރި ކޮމެންޓުގައި ބުނީ އެ ގޮތަށް ލޯންޗް ދުއްވުމަކީ ސަޅި ކަމެއް ނޫން ކަމަށެވެ.

"ވިސްނާލަބަ ފަހަތުގައި އެއޮތް ސްޕީޑް ބޯޓުގައި ތިބި މީހުން ބިރު ގަންނާނެވަރު."