Roadha Mihaaru
އަނެއްކާވެސް ލައިފް ޖެކެޓް މަޖުބޫރުކުރުމުގެ ބަހުސް

އަނެއްކާވެސް ލައިފް ޖެކެޓް މަޖުބޫރުކުރުމުގެ ބަހުސް

29 އޯގަސްޓް 2019

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް މިއަދު ބަންޑުން ޖަހާލައި، އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހެއްގެ ފުރާނަ ގެއްލުނު ހިތްދަތި ހާދިސާއާ އެކު ލައިފް ޖެކެޓްގެ މުހިންމު ކަމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށައިފި އެވެ. މޫސުން ގޯސްވުމުން، އިންޒާރު ވެސް ނެރެފައި ވަނިކޮށް އެ ދަތުރުކުރި މީހުން ތިބީ ލައިފް ޖެކެޓް ނާޅަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް މިއަދު ބަންޑުން ޖަހާލައި، އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހެއްގެ ފުރާނަ ގެއްލުނު ހިތްދަތި ހާދިސާއާ އެކު ލައިފް ޖެކެޓްގެ މުހިންމު ކަމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށައިފި އެވެ. މޫސުން ގޯސްވުމުން، އިންޒާރު ވެސް ނެރެފައި ވަނިކޮށް އެ ދަތުރުކުރި މީހުން ތިބީ ލައިފް ޖެކެޓް ނާޅަ އެވެ.

އެ ލޯންޗުގައި ލައިފް ޖެކެޓް ހުރި ކަމެއް ނުވަތަ ނެތް ކަމެއް ކަށަވަރުވާނެ މައުލޫމާތެއް އަދި ނުލިބެ އެވެ. އެކަމަކު އެންމެން ވެސް ދައްކަނީ ލައިފް ޖެކެޓް އަޅައިގެން ތިބި ނަމަ ލިބޭނެ ރައްކާތެރިކަމުގެ ވާހަކަ އެވެ.

"ލައިފް ޖެކެޓް އަޅައިގެން ތިބި ނަމަ ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ބޮޑު. އޭރުން އެއްބޮނޑިއަކަށް އެންމެން އަތުގައި ހިފައިގެން ވެސް ތިބެވޭނެ. ބަޔަކު އެހީވާން އަންނަންދަން ވެސް ތިބެވޭނެ. ނާޅާތިބީމަ އެމީހަކު އެމީހަކާ އުޅެން ހަދައިގެން ދެރަގޮތްގޮތް މިވަނީ،" ދޯނިފަހަރު ދުއްވުމުގައި ގިނަ އަހަރުތަކެއް ވަންދެން އުޅެފައިވާ އަލީ މުހައްމަދު ބުންޏެވެ.

މީހަކު ލައިފްޖެކެޓް އަޅައިގެން ކަނޑުމަތީ-- ލައިފް ޖެކެޓްގެ ސަބަބުން ކަނޑުމަތީ ހާދިސާތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު---

މީހަކު ލައިފްޖެކެޓް އަޅައިގެން ކަނޑުމަތީ-- ލައިފް ޖެކެޓްގެ ސަބަބުން ކަނޑުމަތީ ހާދިސާތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު---

ރާއްޖޭގައި ކަނޑުދަތުރުކުރާ ހުރިހާ އުޅަނދެއްގައި ވެސް ސަލާމަތީ އާލާތެއްގެ ގޮތުގައި ލައިފްޖެކެޓް ހުރުން ލާޒިމެވެ. ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބޭތީ ފެންނަނީ މަދު އުޅަނދެއްގަ އެވެ. ގިނަ އުޅަނދުތަކުގައި ލައިފް ޖެކެޓްތައް ކޮތަޅަށް ލައި، ރައްކާކޮށްފައި ހުންނަނީ އެވެ. އެއިން އެއްޗެއްގެ ބޭނުން ޖެހިގެން ކުއްލި ހާލަތެއްގައި ނަގަން ޖެހުނަސް ފަސޭހައިން ނެގޭނެ ގޮތެއް ވެސް ނުހުރެ އެވެ.

"ކަމެއް ދިމާވީމަ އޮންނާނީ ލައިފްޖެކެޓް ނޭޅިފައި. ކަމެއްވާނީ ބުނެފައެއް ނޫން. ވަގުތެއް ނުލިބޭނެ. އެހެންވެ އަޅައިގެން ތިބުން މުހިންމީ،" ރިސޯޓްތަކުގެ ދޯނިތައް ދުއްވި އަލީ ބުންޏެވެ.

ލައިފްޖެކެޓް އެޅުން މަޖުބޫރުކުރަން ގޮވާލާ މީހަކު ކޮށްފައިވާ ޓްވީޓެއް---

ހިތާމަވެރި ކޮންމެ ހާދިސާއަކާ އެކު ވެސް، އެކަމަކާ ގުޅުން ހުރި ސަލާމަތީ ފިޔަވަޅުތަކުގެ ބަހުސް ފެށޭ ގޮތަށް މިއަދު ވެސް މި ވަނީ ލައިފް ޖެކެޓް ބޭނުންކުރުމުގައި އަމަލުކުރާގޮތަށް ފާޑުކިޔަން ފަށައިފަ އެވެ. ހެލްމެޓް އެޅުން މަޖުބޫރުކުރާ ފަދައިން ކަނޑުދަތުރުތައް ކުރާއިރު ލައިފްޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

"ހެލްމެޓް އަތުގައި އޮއްވައި އެކްސިޑެންޓް ވެއްޖެއްޔާ ހަމަ އަނިޔާވާނެ. ލައިފްޖެކެޓް ވެސް ހަމަ ވާނީ އެހެން. ޓްރާންޕޯޓް މިނިސްޓްރީ އަށް ގޮވާލަން ދަތުރުތައް ކުރާއިރު ލައިފްޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކުރަން،" ސޯޝަލް މީޑިއާގައި މީހަކު ހިޔާލު ފާޅުކޮށްފައިވެ އެވެ.

ލައިފްޖެކެޓް އެޅުން މަޖުބޫރުކުރަން ގޮވާލާ މީހަކު ކޮށްފައިވާ ޓްވީޓެއް--

ދަތުރުކުރާގައި ފަސިންޖަރުންނާއި ކުރޫއިން ލައިފްޖެކެޓް އަޅައިގެން އާންމުކޮށް ތިބެނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ޓޫރިސްޓުން އުފުލާ އުޅަނދުތަކުގަ އެވެ. އެކަމަކު މީގެ އިތުރުން އެތައް ހާސް ދަތުރެއް ކޮންމެ ދުވަހަކު އެކި ހިސާބުތަކުގައި ކުރާއިރު ލައިފް ޖެކެޓެއްގެ ހަނދާންވާ މީހަކު ވެސް ނުހުރެ އެވެ. ލައިފް ޖެކެޓް ހުރިތޯ ބަލަނީ އުޅަނދު ސަލާމަތީ ސެޓްފިކެޓް އާކުރަން ވުމުން، އެ ސެޓްފިކެޓް ހެއްދުމުގެ ބޭނުމަށް އެކަންޏެވެ. ނަތީޖާ އަކީ، ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލުމެވެ.

ކަނޑުއުޅަނދުފަހަރު ދުއްވާ މީހުން ބުނާގޮތުގައި ލައިފްޖެކެޓް އަޅަން ބާރުނާޅަނީ ގިނަ މީހުން އެކަމާ ދެކޮޅު ހަދާތީ އެވެ. އަޅައިގެން ތިބެން އުނދަގޫ ކަމަށް ބުނެ ބައެއް މީހުން ލައިފް ޖެކެޓް އަޅަން ބޭނުން ނުވަނީ އެވެ. އެކަމަކު އަޅަން ފަސޭހަ އެކި ވައްތަރުގެ ލައިފް ޖެކެޓް ވެސް ހުރެ އެވެ.

ލައިފްޖެކެޓް އެޅުން މަޖުބޫރުކުރަން ގޮވާލާ އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓް---

"ބައެއް މީހުންނަށް ލައިފް ޖެކެޓް ބޭނުންކުރަން އުނދަގުލީ. އަދި އެއީ ބޭކާރު ކަމަކަށް [އެމީހުންނަށް] ވަނީ،" މަޖިލީހުގެ ކުރީގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަނެއް ބަޔަކަށް، ފަތަން އެނގެޔޭ ކިޔާފައި ލައިފް ޖެކެޓްގެ ބޭނުން އޮތް ކަމަށް ގަބޫލު ނުކުރަނީ އެވެ. އެކަމަކު ކުއްލި ހާދިސާތަކުގައި މީހާގެ ހުޝިޔާރުކަމުގެ މައްޗަށް ހާދިސާ ގަދަވަނީ އެވެ.

ކޮންމެ ހާދިސާއަކުން އިބުރަތް ހާސިލްކުރަންޖެހެ އެވެ. ބްރިޖްގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރު ނުކުރާއިރު ހިނގި އާދައިގެ ބައެއް އެކްސިޑެންޓްތަކުގައި ވެސް ބައެއް މީހުންނަށް ސީރިއަސް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ. އެކަމަކު ހެލްމެޓް އަޅަން ފެށި ފަހުން މިފަދަ ހާދިސާތައް ފާހަގަކުރެވޭހާ ބޮޑަށް މަދުވެގެން ދިޔަކަން އޮތީ ފެންނާށެވެ. ލައިފް ޖެކެޓްގެ މައްސަލާގައި ވެސް ދައްކަން އޮތީ ހަމަ އެއް ވާހަކައެކެވެ. އެއީ މަޖުބޫރުކުރަންޖެހޭ އެއްޗެކެވެ.