Roadha Mihaaru
ލޯންޗު ކައިރިއަށް ދިޔަ ސިފައިންގެ ޑިންގީ ވެސް ބަންޑުން

މީހުން ސަލާމަތްކުރަން ދިޔަ ސިފައިންގެ ޑިންގީ ވެސް ބަންޑުން!

30 އޯގަސްޓް 2019

ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލުމުން، މީހުން ސަލާމަތްކުރަން ސިފައިން ފުރަތަމަ ދިޔައީ ޑިންގީއެއްގައި ކަމާއި އެ ޑިންގީ ވެސް ބަންޑުން ޖަހާލިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުހައްމަދު ޔާމީން ހދ. ހަނިމާދޫ މުހައްމަދު ޔާމީން

ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލުމުން، މީހުން ސަލާމަތްކުރަން ސިފައިން ފުރަތަމަ ދިޔައީ ޑިންގީއެއްގައި ކަމާއި އެ ޑިންގީ ވެސް ބަންޑުން ޖަހާލިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހަނިމާދޫ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކަނޑިންމައިން ވަންނަން އުޅެނިކޮށް ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި ހަތަރު މީހަކާއި ތިން އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.

ހަނިމާދޫގައި ތިބި ސިފައިން ނުކުމެ، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ފެށީ، ލޯންޗުގެ ކެޕްޓަން ޖަޒްލާން އާދަމް، ފަތާފައި ރަށަށް އަރައި، ސިފައިންނަށް އެ ޚަބަރު ދިނުމުންނެވެ. އެކަމަކު އެ ގަދާގައި ސިފައިންގެ ފުރަތަމަ ގްރޫޕް ނުކުތީ ޑިންގީއެއްގައި ކަމާއި އެ ހިސާބަށް ދެވުމުގެ ކުރިން ޑިންގީ ވެސް ބަންޑުން ޖަހާލި ކަމަށް، މައުލޫމާތު ހުރި މީހުން ބުނެ އެވެ.

ފަހުން ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފްގެ ހާބަރު ޕެޓްރޯލް ލޯންޗު ނުކުމެ، ކަނޑުވި ސިފައިންނާއި ލޯންޗުގެ ދަތުރުވެރިންނަށް އެހީވެ، މަރުވި މީހުންގެ ހަށިގަނޑުތައް ހޯދައި، ހަނިމާދުއަށް ގެންދިޔަ އެވެ.

ދެކުނު ކޮޅު ނެރުން ވަންނަން ދިމާކުރީ ކޮޅިގަނޑުގައި ޖެހުމުން

"މިހާރު"އަށް އެނގިފައިވާ ގޮތުގައި، އޭރު ލޯންޗު ދުއްވަން ހުރި ޖަޒްލާން، 36، ފުރަތަމަ ދިމާކުރީ ހަނިމާދޫ އެއާޕޯޓު ކުރިމަތިން ކަހަލަ ގޮތަކަށް އޮންނަ ކަނޑިންމަ އިން ވަންނާށެވެ. އެކަމަކު އެއާޕޯޓަށް ދަތުރުކުރާ އުޅަނދުފަހަރު އާންމުކޮށް ބޭނުންކުރާ އެ ނެރާ ހަމައަށް، ކުއްލި ކޮޅިގަނޑުގެ ސަބަބުން ނުދެވޭނެކަން ކައްޕިއަށް ޔަގީންވީ އެވެ. އެހެންކަމުން ލޯންޗު އަނބުރާލައި، ދެކުނުކޮޅު ކަނޑިންމަ އިން ވަންނަން މަސައްކަތް ކުރީ އެވެ.

އެކަމަކު ގަދަ ވަޔާއި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ނުރައްކާ ބޮޑުވެ، ކަނޑިންމައިން ނުވަދެވި އުޅެނިކޮށް ރާޅުތަކާ އެކު ލޯންޗު ކުރިއަށް ނުގޮސް ހުއްޓުނެވެ. ދެން ކުއްލިއަކަށް އައި ރާޅުތަކާ އެކު ބަންޑުން ޖަހާލީ، ލައިފް ޖެކެޓް އަޅާނެ ފުރުސަތު ވެސް ނެތި އަދި ނުކުމެވޭނެ ވަގުތުކޮޅެއް ވެސް ނުލިބި އުޅެނިކޮށެވެ.

ފަސް މީހުން ސަލާމަތްވީ ހަނި ގޮތަކަށް!

ވިއްސަކަމުން ދިޔަ ލޮނުން ދަތުރުވެރިން ހިމާޔަތްކުރަން ލޯންޗުގެ ދެ ފަރާތުގެ ސަތަރިގަނޑު ހުރީ ދަމާފަ އެވެ. ލޯންޗު ބަންޑުން ޖަހާލުމާ އެކު، އޭގައި ތިބި އެންމެން "ގޮޅިއެއް"ގައި ފާޑަކަށް ބަންދުވީ އެވެ. ކެޕްޓަން ޖަޒްލާން އޭނާގެ ގާތް މީހުންނަށް ކިޔައިދިން ގޮތުގައި، އެންމެންނަށް ހަމަ ގޮތްހުސްވި އެވެ.

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ސަންދޯއްތައް ކަށުނަމާދަށް ހަނިމާދޫ މިސްކިތަށް ގެންދަނީ -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ސަންދޯއްތައް ކަށުނަމާދަށް ހަނިމާދޫ މިސްކިތަށް ގެންދަނީ -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

"މިހާރު" އާ ވާހަކަ ދެއްކި ޖަޒްލާންގެ ގާތް ބައެއް މީހުން ބުނީ ލޯންޗު ބަންޑުން ޖަހާލުމާ އެކު، ޖަޒްލާން ފުރަތަމަ ވެސް މަސައްކަތް ކުރީ ލޯންޗުގައި ތިބި ފިރިހެނުންގެ އެހީތެރިކަމާ އެކު ސަތަރިގަނޑު ހަލާކުކޮށްލައިގެން ނުކުންނަން ކަމަށެވެ. ސަލާމަތްވި ބަޔަކު ސަލާމްތަވީ އެގޮތަށް ކުރި މަސައްކަތުންނެވެ.

އެކަމަކު ލިބުނު ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ނުކުމެވުނީ އޭގެ ތެރެއިން ހަ މީހަކަށެވެ. ތިން އަހަރުގެ އިރާ ހަސަން ޝިފާޒާއި އޭނާގެ މަންމަ ފާތުމަތު ގުރައިޝާ އާއި ގުރައިޝާގެ މަންމަ މަރިޔަމް މޫސާ އާއި އެހެން ދަތުރުވެރިއެއް ކަމަށްވާ އައިޝަތު އަލީ ނުނިކުމެވި ތާށިވީ އެވެ. ގުރައިޝާގެ ބައްޕަ އަދި ހިދުމަތްތެރި ޓީޗަރު ހުސެއިން އަބްދުﷲ، މައްޗަށް އެރި އެވެ. މީހުން ސަލާމަތްކުރަން އޭނާ މަސައްކަތް ވެސް ކުރި ކަމަށްވެ އެވެ. އެކަމަކު އަންހެނުންނާއި ދަރިފުޅާއި ކާފަ ދަރިފުޅު ހޯދަން ލޯންޗު އަޑިއަށް ގޮސް އުޅެނިކޮށް މަރުވީ އެވެ. އޭނާ މަރުވީ، އެއް ބަޔަކު ލަފާކުރާ ގޮތުގައި، އެ އެންމެން މަރުވެފައި ތިބިތަން ފެނުމުން ލިބުނު ޝޮކްގަ އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުން:

1- ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲ.

2- މަރިޔަމް މޫސާ، ހުސެއިން އަބްދުﷲގެ އަންހެނުން

3- ފާތުމަތު ގުރައިޝާ، ހުސެއިނާއި މަރިޔަމްގެ ދަރިފުޅު

4- އިރާ ހަސަން ޝިފާޒް، ފާތުމަތު ގުރައިޝާގެ ދަރިފުޅު

5- އައިޝަތު އަލީ، ސަލާމަތްވި އަބްދުއް ޝުކޫރުގެ އަންހެނުން

"ހުސެއިން މައްޗަށް އަރާފައި އަނެއްކާވެސް ފީނައިގަތީ. އޭނާ އަށް އެބަ އެނގޭ އަންހެނުންނާއި ދަރިފުޅާއި ކާފަ ދަރިފުޅު އޭގެ ތެރޭގައި އޮތް ކަން. އެހެންވެ، ކޮންމެ ގޮތަކަށް މަސައްކަތްކޮށްގެން ވިޔަސް، އޭނާ މަސައްކަތް ކުރާނީ އެމީހުން ސަލާމަތް ކުރަން ނޫންތޯ؟" ހަނިމާދޫގައި ދިރިއުޅޭ މުސްތަފާ އަލީ ބުންޏެވެ.

"ލޯންޗު ބަންޑުން ޖަހާލި ސަރަހައްދަކީ ވަރަށް ގަދަ ސަރަހައްދެއް ހުޅަނގު މޫސުމުގައި. ފުއްޓަރު ފަރާތުން ނަގާ ކަހަލަ ރާޅު އެ ހިސާބުން ނަގާނީ ވެސް."

ޕެޓްރޯލް ލީކްވެ، ބައެއް މީހުން ފިހުނު!

ލޯންޗު ބަންޑުން ޖަހާލުމާ އެކު، ލޯންޗު ތެރެއަށް ޕެޓްރޯލް އެޅެމުން ދިޔަ ކަމަށް ޖަޒްލާނާ ހަވާލާދީ އޭނާގެ ގާތް މީހުން ކިޔައިދިނެވެ. މި ހާދިސާގައި މަރުވި ބައެއް މީހުންގެ ގައިގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައި ހުރި ކަން ސިއްހީ މަރުކަޒުން ވެސް ކަށަވަރުކޮށްދެ އެވެ.

"ލޯންޗުގެ ޕެޓްރޯލް ޓޭންކް ބަންޑުންވުމާ އެކު، މީހުން ގަޔަށް ޕެޓްރޯލް އެޅި ވަރަށް ގިނަ މީހުން ތިބީ ފިހިފައި. އެއީ ފާހަގަވި ކަމެއް،" ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަރުވި މީހުންގެ ހަށިގަނޑު ލޯންޗު އަޑިން ނެރެ، ދުރަށް ދިޔަނުދީ ހިފެހެއްޓީ ސަލާމަތްވި މީހުންނެވެ.

ހަނިމާދޫން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި މި ހާދިސާގައި ޖަޒްލާނާއި މަރުވި ހުސެއިން ވެސް ލޯންޗުގެ ފެންޑަރުތަކުގައި ހިފަހައްޓައިގެން މީހުން ސަލާމަތް ކުރަން ގަދަ ކަނޑުގައި މަސައްކަތްކުރި އެވެ. އެކަމަކު އެ ފެންޑަރުތަކުގައި ހިފަހައްޓައިގެން އެ މީހުންނަށް މާ ގިނަ އިރު ތިބެވޭ ގޮތެއް ނުވި އެވެ.

"އެ ހިސާބުން އިތުރު ގޮތެއް ހޯދަން ޖަޒްލާން އެރީ ހަނިމާދޫގައި ހުންނަ އެމްއެންޑީއެފް ޕޯސްޓާ ދިމާލަށް. އެތަނުން އެއްގަމަށް އަރާ ހާދިސާގެ މައުލޫމާތު އެތަނަށް ރިޕޯޓު ކުރީ،" އޭނާ ބުންޏެވެ.

އާންމުންގެ އެހީތެރިކަމާ އެކު، ލޯންޗު ހަނިމާދޫ ގޮނޑުދޮށަށް އެހެލި އިރު އޭގައި ދަމާފައި އޮތް ސަތަރިގަނޑުގެ ބޮޑު ބައެއް އޮތީ ހަލާކުވެފަ އެވެ. އަދި ލޯންޗުގެ ބިއްލޫރި ގަނޑަށް ވެސް ގެއްލުން ލިބިފައިވެ އެވެ.