Roadha Mihaaru
ސްޓާފުންނަށް ގިނަ ކަންކަން ކޮށްދޭނަން: އާދިލް

މުވައްޒަފުންނަށް އަންނަ އަހަރު ގިނަ ކަންތައްތަކެއް ކޮށްދޭނަން: އާދިލް

06 ޑިސެމްބަރ 2016

މުވައްޒަފުންނަށް ދޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށް، މަސައްކަތަށް ހިތްޖައްސަން ގިނަ ކަންތައްތަކެއް އަންނަ އަހަރު ކުރަން ރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މުވައްޒަފުންނަށް ދޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށް، މަސައްކަތަށް ހިތްޖައްސަން ގިނަ ކަންތައްތަކެއް އަންނަ އަހަރު ކުރަން ރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.

އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް ބޭއްވި ހަފުލާގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ކުރިއެރުމަށް މި އަހަރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުކޮށް، ބައެއް އާ އެލަވެންސްތައް ތައާރަފްކޮށްފައި ވާކަން އޭނާ ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކޮށްފައި ވާނީ މި ލިބޭ އެއްޗަކީ ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަކަމާ އެކު، ހުރިހާ މުވައްޒަފުންނަަށް ވެސް ބެހިގެން ދާނެ ގޮތަކަށް ލިބޭ އެއްޗެއްގެ ގޮތުގައި މި ފާހަގަކޮށްފައި ވަނީ،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ފިއުލް ޖެޓީ ސަރަހައްދުގައި ބޭއްވި ހަފުލާގައި އާދިލް ވިދާޅުވި އެވެ.

މުވައްޒަފުންގެ ކުރިއެރުވުމަށް ފަށާފައިވާ ކަންކަން އަންނަ އަހަރު އިތުރުކޮށް، އެ މަސައްކަތް ފުޅާކުރަން ނިންމާފައިވާކަން އޭނާ އިއުލާނު ކުރެއްވި އެވެ. އެ ގޮތުން، އާދިލް ފާހަގަކުރެއްވި އެންމެ މުހިއްމު ތިން ކަމަކީ ރާއްޖޭން ބޭރުން ދިގު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުމާއި އާ ކެންޓީނެއް ހެދުމުގެ އިތުރަށް، ކުޅިވަރު ކުޅޭނެ ވަސީލަތްތައް އެއާޕޯޓުގައި ގާއިމްކުރުމެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން "އެމްޑީ އެވޯޑް" މިރޭ ހާސިލްކުރި ބައެއް މީހުން އެވޯޑާ އެކު ސްޓޭޖުމަތީގައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން "އެމްޑީ އެވޯޑް" މިރޭ ހާސިލްކުރި ބައެއް މީހުން އެވޯޑާ އެކު ސްޓޭޖުމަތީގައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެމްޑީ ފާހަގަކުރެއްވި ގޮތުގައި އެމްއޭސީއެލްގެ 50 މުވައްޒަފަކު ވަޒީފާ އަދާކުރަމުން، ކުންފުނީގެ ހަރަދުގައި މިހާރު ވެސް އަންނަނީ ކުރު މުއްދަތުގެ އެކި ކޯސްތައް ފުރިހަމަކުރަމުންނެވެ. އެކަމަކު، އެއާޕޯޓް ތަރައްގީ ކުރާއިރު، އިންފްރަސްޓްރަކްޗާއާ އެއްވަރަށް މީހުން ވެސް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެމްއޭސީއެލް އަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން، ކުންފުނީގެ ހަރަދުގައި ދިގު މުއްދަތުގެ ކޯސްތައް ހެދުމުގެ ފުރުސަތު އަންނަ އަހަރު މުވައްޒަފުންނަށް ހުޅުވާލާނެ ކަމަށެވެ.

އެމްއޭސީއެލްގައި މިހާރު ހުރީ އެންމެ ކެންޓީނެއް ކަމުން، މުވައްޒަފުންގެ ޝަކުވާ ލިބޭ ކަމަށް އާދިލް ވިދާޅުވި އެވެ. އެހެންވެ މި އަހަރު އާ ކެންޓީނެއް ހަދަން ފެށިޔަސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެކަމަކު އަންނަ އަހަރު އެ ކެންޓީނުގެ މަސައްކަތް ކުރިއަށް ގެންދަން ކުންފުނީގެ ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފަކަށް އެ ކުންފުނީގެ އެމްޑީ އާދިލް "އެމްޑީ އެވޯޑް" މިރޭ ދެއްވަނީ: މިއީ އެމްއޭސީއެލްގައި މި އަހަރު އަލަށް ތައާރަފުކުރި އެވޯޑެއް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެމްއޭސީއެލްގެ މުވައްޒަފަކަށް އެ ކުންފުނީގެ އެމްޑީ އާދިލް "އެމްޑީ އެވޯޑް" މިރޭ ދެއްވަނީ: މިއީ އެމްއޭސީއެލްގައި މި އަހަރު އަލަށް ތައާރަފުކުރި އެވޯޑެއް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"މި ކަމަކީ އަންނަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަންތައް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން،" އާދިލް ވިދާޅުވި އެވެ.

ކުޅިވަރާއި އެ ދާއިރާއާ ގުޅުން ހުރި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރު ކުރާނެކަން މެނޭޖިން ޑިރެކްޓަރު އިއުލާނު ކުރެއްވި އެވެ. އެ ގޮތުން، އެއާޕޯޓުގައި މިހާރު ހުރި ޖިމްގެ ބަދަލުގައި، އާ ތަނެއްގައި އެންމެ ފަހުގެ ސާމާނާ އެކު ތަރައްގީކޮށް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއާޕޯޓުގައި ފުޓްސަލް ދަނޑަކާއި އެހެން ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ވެސް ގާއިމް ކުރަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

"ހުރިހާ ކަމެއް އެއް އަހަރަކުން ވެސް ނުވާނެ ކަން ނޭނގެ. އެކަމަކު، އެކި އަހަރުތަކުން ގޮސް، އަޅުގަނޑުމެން މުވައްޒަފުން އެދޭ ފަދަ ރަނގަޅު ކަންތައްތަކަށް މި ދަނީ މަގު ފަހިކޮށްދީ، އެ ކަންތައްތައް ފޯރުކޮށްދެވޭނެ ގޮތްތައް ހަމަޖައްސަމުން،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފަކަށް އެ ކުންފުނީގެ އެމްޑީ އާދިލް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެމްއޭސީއެލްގެ މުވައްޒަފަކަށް އެ ކުންފުނީގެ އެމްޑީ އާދިލް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މީގެ އިތުރުން، މި އަހަރެކޭ އެއްފަދައިން، އަންނަ އަހަރު ވެސް އެމްއޭސީއެލްގެ 10 މުވައްޒަފަކު ކުންފުނީގެ ހަރަދުގައި ހައްޖަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އާދިލް ވިދާޅުވީ އަންނަ އަހަރު އެކަން ކުރާނީ މި ފަހަރަށް ވުރެ ބޮޑަށް މުވައްޒަފުންނަށް ބައިވެރިވެވޭނެ ފުރުސަތު ދީގެން ކަމަށެވެ.

އެމްއޭސީއެލްގެ "އެމްޑީ އެވޯޑް" އަކީ މި އަހަރު އަލަށް ދޭން ފެށި އެވޯޑެކެވެ. އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓުތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ މި އެވޯޑަށް ނަން ހުށަހަޅަން ޖެހެނީ ޑިޕާޓްމަންޓުތަކުން ނުވަތަ އެ މުވައްޒަފަކު އަމިއްލަ އަށެވެ. އެ ގޮތަށް ހުށަހަޅާ ނަންތައް ދިރާސާ ކުރަނީ އެ ކަމަށް ހާއްސަކޮށް ނަގާފައިވާ ކޮމިޓީ އަކުންނެވެ.