Roadha Mihaaru
ޖީއެމްއާރަށް ދެއްކި ފައިސާ 3 އަހަރުން ހޯދޭނެ: އާދިލް

މިއީ ވަރުގަދަ ކުންފުންޏެއް، ޖީއެމްއާރަށް ދެއްކި ފައިސާ ތިން އަހަރުން އަނބުރާ ހޯދޭނެ: އެމްއޭސީއެލް

16 ނޮވެމްބަރ 2016

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށާއި އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުން ދެއްކި 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ)، އާމްދަނީ އިތުރުކޮށްގެން ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ހޯދޭނެ ކަމަށް ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށާއި އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުން ދެއްކި 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ)، އާމްދަނީ އިތުރުކޮށްގެން ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ހޯދޭނެ ކަމަށް ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ދޭން ޖެހުނު 271 މިލިއަން ޑޮލަރު މިއަދު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފަ އެވެ. އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުގެ ބޭރުން، އެމްއޭސީއެލް އިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ "މިހާރު" އަށް ވިދާޅުވީ ޖީއެމްއާރަށް ހަތަރު ބިލިއަނެއްހާ ރުފިޔާ އެއްފަހަރާ ދެެއްކި ނަމަވެސް ކުންފުނީގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ހިދުމަތްތަކުގެ އަގުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ނޫނީ ނުގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ކުންފުނީގެ ސާވިސް ލެވެލް ދަށެއް ނުވާނެ. އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އިސްކަންދޭނީ ކުންފުނީގެ ހަރަދުތައް ކުޑަކުރަން. އަދި ވިޔަފާރި ފުޅާކުރެވެން ހުރި ދިމަދިމާލުން ފުޅާކުރަން މަސައްކަތް ކުރާނަން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ނިމުމުގެ ކުރިން ވެސް ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޑިއުޓީ ފްރީގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"މިހާރު ބޮޑަށް މި ބަލަނީ އަގުތައް އެއްވަރެއްގައި ހިފަހައްޓަން. މިހެން ދެންނެވި ނަމަވެސް ބައެއް ކަހަލަ އަގުތަކަށް ބަދަލު އަންނާނީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން. އަދި މިކަމާ ގުޅިގެން މުވައްޒަފުންނަށް ލިބޭ އެއްވެސް އިނާޔަތަކަށް ހީނަރުކަމެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ޖީއެމްއާރަށް އެއްފަހަރާ އެހާ ބޮޑު އަދަދެއްގެ ފައިސާ އެމްއޭސީއެލް އަށް ދެއްކުނީ ކުންފުނި މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ކަމަށެވެ. އަދި އެ ފައިސާ ދެއްކުނީ ކުންފުންޏަކީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ވުމުން ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"މިވަރުގެ ބޮޑު އަދަދެއް އެއްފަހަރާ ދެއްކޭނީ ކިހާ ވަރުގަދަ ކުންފުންޏަކަށް ވީމަކަން އެ އޮތީ އެނގެން. މި ފައިސާ ދެއްކިއިރު އަޅުގަނޑުމެން މި ދަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގަން އެެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގަން އިކުއިޓީ ވެސް އަމިއްލަ އަށް ދައްކަމުން. މީގެ އިތުރުން މީރާ އިން ދޭ ރަންލާރި އެވޯޑު ވެސް އަޅުގަނޑުމެން އެ ވަނީ ހޯދާފައި،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެ ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި މަޝްރޫއުތަކަށް 95 މިލިއަން ޑޮލަރު ކުންފުނިން ހަރަދުކޮށްފައިވާ ކަމަށެވެ. އެކަމަށް ހޭދަކުރީ ވެސް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ވަރުގެ ބޮޑު އަދަދެއް ދެއްކުމުން އަޅުގަނޑުމެންގެ ކޭޝްފްލޯ އަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ. އަޅުގަނޑުމެން މި ބަލަނީ މި ދެއްކި ފައިސާ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ހޯދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ހުށަހެޅި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ގޮތުން އެމްއޭސީއެލް އިން ޑިވިޑެންޑްގެ ގޮތުގައި އަންނަ އަހަރު ސަރުކާރަށް 561.6 މިލިއަން ރުފިޔާ ދައްކާނެ އެވެ. އަދި 2018 ވަނަ އަހަރު އެ ކުންފުނިން 841.5 މިލިއަން ރުފިޔާ، 2019 ވަނަ އަހަރު 940.5 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ދައްކާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކާ ކުންފުންޏެވެ.

އެކަމަކު ބަޖެޓުގައިވާ ގޮތުން މިދިޔަ ދެ އަހަރު އެ ކުންފުނިން ސަރުކާރަށް ޑިވިޑެންޑް ދައްކާފައެއް ނުވެ އެވެ.