Roadha Mihaaru
ސީޕްލޭން ޓާމިނަލްގެ ބިން ހިއްކަން އަންނަ މަހު ފަށަނީ

އާ ސީޕްލޭން ޓާމިނަލް އަޅާ ބިން ހިއްކަން އަންނަ މަހު ފަށަނީ

18 ޑިސެމްބަރ 2016

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އާ ސީޕްލޭން ޓާމިނަލް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އާ ސީޕްލޭން ޓާމިނަލް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަޝްރޫއު އަށް ބޭނުންވާ ބިން ހިއްކަން އިތުރު ޑްރެޖަރެއް މިހާރު ވަނީ ގެނެސްފަ އެވެ. އެ ޑްރެޖަރުން ހިއްކާނީ، އޭނާ ވިދާޅުވި ގޮތުގައި، އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދެވެ.

"އެ ކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިގެން އަޅުގަނޑުމެން ކުރިއަށް މި ދަނީ،" އެއާޕޯޓުގެ މަޝްރޫއު އަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ދޭ 50 މިލިއަން ޑޮލަރު (768 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް (ވ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް (ވ) މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބޭނުންވާ ބިން، ދެ ޑްރެޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން މިިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ. އެ މަސައްކަތަށް ބޭނުންވާ ވެލި ނަގަނީ މިހާރު ސީޕްލޭން ޓާމިނަލް ހުންނަ ސަރަހައްދުންނެވެ.

އާ ރަންވޭ ނިންމައި 2018 ގައި ބޭނުންކުރަން ފަށަން ނިންމާފައިވާއިރު، ރަންވޭ ބޭނުން ކުރެވޭނީ މިހާރުގެ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެންނެވެ. އެހެންވެ، އާ ސީޕްލޭން ޓާމިނަލްގެ ކޮންސެޕްޓް ޑިޒައިން ނިންމައި ތަފްސީލީ ކުރެހުންތައް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރާ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭންތައް ވެސް އޮޕަރޭޓްކުރަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންނެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނަ އިރު، މޯލްޑިވިއަން އިން 10 ސީޕްލޭން ގެންގުޅެ އެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މިދިޔަ ޖުލައި 25 ގަ އެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީ ކުރަން ހިންގާ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭ އެކެވެ. މިއީ މިހާރު ގެންގުޅޭ އެންމެ ބޮޑެތި މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާ އިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ވެސް ހަދާނެ އެވެ.