Roadha Mihaaru
އެއާޕޯޓުގެ ފިއުލް ޓޭންކުތައް ހަ މަސް ތެރޭގައި ނިމޭނެ

ފިއުލް ޓޭންކުތައް ހަ މަސް ތެރޭގައި ނިމޭނެ: އެމްއޭސީއެލް

28 އޯގަސްޓް 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ހަދަމުން އަންނަ އަންނަ ފިއުލް ޓޭންކްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ހަދަމުން އަންނަ އަންނަ ފިއުލް ޓޭންކްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއު ނިމޭއިރު، ފިއުލް ފާމަކާއި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭއަކާއި އާ ޓާމިނަލެއް ވެސް ހަދާނެ އެވެ. އޭގެ ތެރެއިން ފިއުލް ފާމާއި ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއްގެ މަސައްކަތް މިއަދު ކުރަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއްގެ މަސައްކަތް މިއަދު ކުރަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެއާޕޯޓުގައި ހިނގަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، އާދިލް ވިދާޅުވީ އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45،000 މެޓްރިކް ޓަނުގެ ކެޕޭސިޓީގެ ފިއުލް ފާމެއް ކަމަށެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15،000 މެޓްރިކް ޓަނެވެ. އަލަށް ހަދާ ފިއުލް ޓޭންކުތަކާއެކު، ފިއުލް ފާމް ކެޕޭސިޓީ 60،000 މެޓްރިކް ޓަނަށް އިތުރުވާނެ އެވެ.

"ސްޓޯރޭޖް ކެޕޭސިޓީ ތިން ގުނަ އަށް އިތުރުވެގެން މިދަނީ. ފިއުލް ފާމްގެ މަސައްކަތަށް ބަލާއިރު، ތިން ޓޭންކުގެ އެންމެ މުހިންމު މަސައްކަތައް ހުރީ ނިމިފައި. ފައުންޑޭޝަން ނިމި ފުރަތަމަ ޓޭންކްގެ ޓޮޕް ރޫފްގެ މަސައްކަތް މިހާރު ދަނީ ނިމެމުން،" ދެވަނަ ޓޭންކު މަތީގައި ހުންނަވައި އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ފިއުލް ފާމް ނިމިގެން ދިއުމުން، މަތިންދާބޯޓުތަކަށް ތެޔޮ އަޅާނީ ހައިޑްރަންޓެއް މެދުވެރިކޮށެވެ. މިހާރު މަތިންދާބޯޓުތަކަށް ތެޔޮ އަޅަނީ ތެޔޮ ބައުޒަރު ބޭނުންކޮށްގެންނެވެ.

އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއް. - ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއް. - ފޮޓޯ: އެމްއޭސީއެލް

"ޖެޓް ފިއުލް އަށް އިންނާނީ ތިން ޓޭންކު. އެއާޕޯޓަށް ބޭނުންވާ ޑީސަލް އެބަ ގެންގުޅެން. އެހެންވީމަ، ޑީސަލް ދެ ޓޭންކު އަންނާނެ. ފިއުލް ފާމްގެ މައިގަނޑު އެއްޗަކީ ޖެޓް ފިއުލް ރައްކާކުރުން،" އާދިލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު ނިމުމުން، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި، އަންނަ މަހުގެ ތެރޭގައި އާ ރަންވޭގައި ޓެސްޓް ފްލައިޓުތައް ޖައްސަން ފެށޭނެ އެވެ.