Roadha Mihaaru
އާ ރަންވޭ ބޭނުންކުރަން ފަށާނީ އަންނަ އަހަރު

އާ ރަންވޭ ބޭނުންކުރަން ފަށާނީ އަންނަ އަހަރު

15 ނޮވެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެއާޕޯޓުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ރަންވޭއަށް މިދިޔަ ސެޕްޓެމްބަރު 18 ގައި ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނިންމައި ނުލެވޭތީ ބޭނުންކުރެވޭ ވަރެއް އަދި ނުވެ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، އާ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓެކްސީވޭ އާއި ނެވިގޭޝަން ލައިޓިންގެ މަސައްކަތްތަކާއި ވިނަ އިންދުމުގެ މަސައްކަތުގެ އިތުރުން ބިން އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަތިންދާބޯޓުތައް ޕާކު ކުރުމަށް ބޭނުންކުރާ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެގޮތުން، ރަންވޭގެ އިރުމަތިން އޮންނަ އޭޕްރަންގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 86،000 އަކަމީޓަރު ހުންނަ އޭޕްރަން ބޮޑުކޮށް ނިމޭއިރު 212،000 އަކަމީޓަށް އޭޕްރަން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ގާތްގަނޑަކަށް ބައިނަލްއަގްވާމީ 40 އެއާލައިނަކުން ދަތުރުތައް ކުރެ އެވެ. އަދި ޓޫރިޒަމް ސީޒަނަށް މުޅި އެއާޕޯޓު ވެސް ވަނީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޒަނަކީ އަބަދު ވެސް އޮޕަރޭޝަނަލް އެކްޓިވިޓީ ހައިވެގެންދާނެ ދުވަސްކޮޅެއް. އަޅުގަނޑުމެން ވެސް ކަނޑައަޅައިގެން އޮޕަރޭޝަނަލީ ރެޑީވެގެން މި ތިބީ ސީޒަނަށް،" ހަސަން ވިދާޅުވި އެވެ.