Roadha Mihaaru
އާ ރަންވޭގައި އޭ380 ޖެއްސުމުގެ ފަޚުރު ދިވެއްސަކަށް

އާ ރަންވޭގައި އޭ380 ޖެއްސުމުގެ ފަޚުރު ދިވެއްސަކަށް

09 ސެޕްޓެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި، އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ 380 ޖައްސަން ފަށަން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. އާ ރަންވޭ، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މި މަހުގެ 18 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި، އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ 380 ޖައްސަން ފަށަން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. އާ ރަންވޭ، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މި މަހުގެ 18 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ތާރީޚީ އެ ރަސްމިއްޔާތުގައި އެންމެ ޚާއްސަވެގެން ދާނެ އެއް ކަމަކީ އާ ރަންވޭ އަށް ބޮޑު ބޯޓު، އެންމެ ފުރަތަމަ ޖެއްސުމުގެ ފަޚުރު ދިވެއްސަކަށް ލިބުމެވެ. އެނގިފައިވާ ގޮތުގައި، އޭ380 ގައި ތިރިކޮށްލާނީ، އެއާބަސް ދުއްވުމުގެ ލައިސަންސް އޮންނަ ހަމައެކަނި ދިވެހި ޕައިލެޓް ކަމަށްވާ އަލީ އަހްސަން އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރު، ޑަބަލް-ޑެކް އޭ-380 އަކީ ގާތްގަނޑަކަށް އެއްފަހަރާ 700 ފަސެންޖަރުންނެވެ.

ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެ ޝަރަފުވެރި މަގާމާއެކު، އިއްތިހާދު އެއާވޭސްގެ ޕައިލެޓެއް ގޮތުގައި ހުންނެވި، އަހްސަނަކީ ޝޭޑީ ކެބިން އާއިލާ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ދިރިއުޅުއްވަނީ އަބޫދާބީގަ އެވެ. ވިޔަފާރީގައި މަޝްހޫރު، ޝޭޑީ ކެބިން އާއިލާގައި ގާތްގަނޑަކަށް 16 ޕައިލެޓުން ތިބެ އެވެ.

ހުޅުވަން ތައްޔާރުވެފައި އޮތް، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ:.-- މިހާރު ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ:.-- މިހާރު ފޮޓޯ: އެމްއޭސީއެލް

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރަމުން އަންނައިރު، އެންމެ ބޮޑެތި މަތިންދާ ބޯޓު ރާއްޖޭގައި ޖައްސަން ފެށުމަކީ ދިވެހިންނަށް ލިބޭނެ ފަޚުރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެ ފަޚުރު، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ދިވެހިންނަށް ހޯދައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އާ ރަންވޭ ރަސްމީކޮށް ނުހުޅުވި އުޅެނިކޮށް، އެއާ އިންޑިއާގެ މުޅިން އާ އޭ-320 ނިއޯ، މަތިންދާބޯޓު އެތަނުގައި "އޮޅިގެން" މިދިޔަ ހަފުތާގައި ޖެއްސި އެވެ. އެ މައްސަލައިގައި އެ ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.