06 ޑިސެމްބަރ 2016
ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެއްފަހަރާ ދެއްކުމުން ކުންފުނީގެ ހިންގުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެހެންވެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.
ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެއްފަހަރާ ދެއްކުމުން ކުންފުނީގެ ހިންގުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެހެންވެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު ރާއްޖޭން ވަނީ މިދިޔަ މަހު އެއްކޮށް ދައްކައިފަ އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުގެ ބޭރުން، އެމްއޭސީއެލް އިންނެވެ.
އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، ޖީއެމްއާރަށް ދައްކަން އެމްއޭސީއެލްގެ ރިޒާވުން 131 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ނެގުމުން އެ ކުންފުންޏަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލް އިން ހަރަދު ކުރަމުން ދިޔައީ އެހާ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހިދާނެ ކަމަށް ވިސްނައިގެން ކަމަށް ނުވާތީ އެވެ.
އޭގެ އިތުރުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން މިހާރު ފަށާފައިވާ ބިޔަ މަޝްރޫ އަށް ބޭރުން ފައިސާ ހޯދަން އެމްއޭސީއެލް އިން 15 ޕަސެންޓް އިކުއިޓީގެ ގޮތުގައި ބަހައްޓާފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ އެމްޑީ އާދިލް (ކ-2) ބައެއް އިސް މުވައްޒަފުންނާ އެކު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"... މި ފަދަ ބޮޑު އަދަދެއް އެއްފަހަަރާ ދެއްކުމުން އަޅުގަނޑުމެން އެބަޖެހޭ ކަންނޭނގެ ކުންފުނީގެ މި ކުރާ ކަންތައްތަކާއި ކުންފުނީގައި ކުރެވޭ ހަރަދުތައް މި އަށް ވުރެން ރަނގަޅަށް ވިސްނައިގެން، ބައެއް ކަންތައްތައް މިހާރު މި ހުރި ގޮތާ އެއް ގޮތަށް ކުރި އަށް ގެންދެވި ދާނެ ގޮތް އޮތްތޯ ބަލައިގެން ވެސް ކުރިއަށް ގެންދަން،" އެއާޕޯޓުގެ ފިއުލް ޖެޓީ ސަރަހައްދުގައި ބޭއްވި ހަފުލާގައި އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެއާޕޯޓުގެ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށާއި މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް ވެސް އުނި ނުވާނެ ކަމުގެ ޔަގީންކަން އާދިލް ދެއްވި އެވެ.
"ހަަތަރު އަހަރުގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ އެއްކުރެވި، އެ ފައިސާ ދެއްކުމަކީ ކުންފުންޏަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންގެ ކުންފުނިން މި ފަދަ ފައިސާއެއް ދެއްކުމުން މީގެން މި ދޭހަ ވަނީ އަޅުގަނޑުމެންގެ ކުންފުނީގެ ތަސައްވަރޭ ވެސް އަޅުގަނޑަށް ދެންނެވި ދާނެ އިނގޭތޯ، އެއީ ކުންފުނީގެ ހައިބަތޭ ވެސް އަޅުގަނޑުމެންނަށް ބުނެވި ދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި، އެ ކުންފުނީގެ މުވައްޒަފަކަށް އެމްޑީ އާދިލް އެވޯޑް ދެއްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/ިހާރު
ޖީއެމްއާރަށް ފައިސާ ދެއްކިޔަސް، އެއާޕޯޓް ތަރައްގީ ކުރަން ހިންގާ ބިޔަ މަޝްރޫ އަށް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ކުރިން ދީފަ އެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހަރަދު ކުރާ މި މަޝްރޫއު ހިންގަނީ ބޭރުގެ އެކި މާލީ އިދާރާތަކުން ލޯނު ނަގައިގެންނެވެ.
އައިއެންއައިއޭ ހިންގައި ތަރައްގީކުރަން އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވައިލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ.
އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހު ކުރުމަށެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައިއިރު، އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ.
އެ ފައިސާ ރާއްޖޭން ޖީއެމްއާރަށް ދެއްކީ އެމްއޭސީއެލް އިން ދޫކުރި 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ. އެއީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި މަރުކަޒީ ބޭންކުން ގަތް، ޑޮލަރުގެ ބޮންޑެކެވެ.
ޖީއެމްއާރަށް ދެއްކި ފައިސާ 3 އަހަރުން ހޯދޭނެ: އާދިލް
ޖީއެމްއާރަށް ފައިސާ ދެއްކޭނެ ގޮތްތައް އެބަހުރި: އާދިލް
ޖީއެމްއާރަށް ދައްކަން ޖެހުނީ 250 މިލިއަން ޑޮލަރު
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖެއަށް
އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުން ތަރައްގީ ހުއްޓުނު
ޖީއެމްއާރަށް ދައްކަން ބޮންޑް ގަތުމުން ރިޒާވް ދަށަށް
ސީޕްލޭން ޓާމިނަލްގެ ބިން ހިއްކަން އަންނަ މަހު ފަށަނީ
އާ ރަންވޭގެ ބިން ހިއްކުުން ފެބްރުއަރީގަ ނިމޭނެ: އާދިލް