Roadha Mihaaru
އެމްއޭސީއެލް މުވައްޒަފުންގެ ދަރިންގެ ކިޔެވުމަށް ސްކީމެއް

އެމްއޭސީއެލްގައި ގިނަ ދުވަސްވީ މުވައްޒަފުންގެ ދަރިންގެ ކިޔެވުމަށް ސްކީމެއް ތައާރަފްކުރަނީ

13 ޑިސެމްބަރ 2016

ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންގެ މަތީ ތައުލީމަށް ހަރަދު ކުރެވޭނެ ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންގެ މަތީ ތައުލީމަށް ހަރަދު ކުރެވޭނެ ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރަނީ އާއިލާ ބަލަހައްޓައި، ހާއްސަކޮށް ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުމަށެވެ. އެހެންވެ، އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ދަރިންނަަށް މަތީ ތައުލީމް ހާސިލް ކުރެވޭނެ ސްކީމެއް އެކުލަވާލަމުން އަންނަކަން އޭނާ އިއުލާނު ކުރެއްވި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާގައި ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދިލް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ މި ސްކީމުގެ ދަށުން ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތައް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. ކިޔެވުމުގެ ހަރަދު ކުންފުނިން ދޭ އިރު، އެކަން ހަމަޖައްސަނީ ދިގު މުއްދަތަކަށް ބަހާލައިގެން މުވައްޒަފުންގެ މުސާރަ އިން ކެނޑޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވިޔަފާރީގެ ކަމަކަށް ވުރެން ބޮޑަށް އަޅުގަނޑުމެން ކުންފުނީގެ މުވައްޒަފުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި،" ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އާދިލް ވިދާޅުވި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، މި ސްކީމް ފެށޭނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ބޯޑުން ހުއްދަ ލިބިގެންނެވެ. އެހެންވެ، އޭނާ ވިދާޅުވީ ބޯޑުން އެކަން ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަބަދު ވެސް މި ބަލަނީ މުވައްޒަފުންނަށް ކުރިއެރުމާއި ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" އާދިލް ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރު، 25 އަހަރު އަދި 30 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ލިއުމާއި ހަދިޔާއެއް ދިނެވެ. އެ ގޮތުން، 20 އަހަރު ވަޒީފާގައި އުޅެފައިވާ 58 މުވައްޒަފަކަށް، 25 އަހަރު ހިދުމަތް ކޮށްފައިވާ 27 މީހަކަށް އަދި 30 އަހަރާއި 35 އަހަރު ކުންފުނީގެ ވަޒީފާގައި ހޭދަކޮށްފައިވާ 11 ފަރާތެއްގެ އަގު ވަޒަންކުރި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފަކާ ހަނދާނީ ލިއުމާއި ހަދިޔާ މިރޭ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފަކާ ހަނދާނީ ލިއުމާއި ހަދިޔާ މިރޭ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އެމްއޭސީއެލް އިން ރިޓަޔަކޮށްފައިވާ އަށް ފަރާތަކަށް ވެސް ހަނދާނީ ފިލައަކާއި ހަދިޔާއެއް ދިނެވެ.

އެމްއޭސީއެލް އިން މި އަހަރު ރިޓަޔާކުރި މުވައްޒަފަކަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މިރޭ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއޭސީއެލް އިން މި އަހަރު ރިޓަޔާކުރި މުވައްޒަފަކަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މިރޭ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދިލް ވިދާޅުވި ގޮތުގައި ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުން ކުންފުނީގައި ގެންގުޅެން ބޭނުންވިޔަސް، ގާނޫނުތަކާއި ގަވާއިދުތައް ހުންނަ ގޮތުން އެކަން ކުރެވޭކަށް ނޯވެ އެވެ. އެކަމަކު، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމަށް ފަހު މުވައްޒަފަކު ވަކިވުމުން ނުވަތަ ރިޓަޔާ ކުރުމުން، އެ ގެއްލެނީ، އޭނާ ސިފަކުރެއްވި ގޮތުގައި، ތިން މީހުންނެވެ.

"އެ ބޭފުޅުން ރީޕްލޭސް ކުރަން ވެސް ހަމަ އެހާ އުނދަގޫ،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޮޑު ހަފްލާއެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ހަފްލާ ބާއްވާފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަ އެމްއޭސީއެލްގެ އޮފީހުގައި ވަރަށް ކުޑަ ގޮތަކަށެވެ.