Roadha Mihaaru

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދޭ ގޮތް ބަދަލެއް ނުކުރާނެ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ވަކި މިންވަރެއް ޑޮލަރުން ދެމުންދާ އުސޫލު ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން މިއަދު ދޮގުކޮށްފި އެވެ.

މުސާރަ ދޭ ގޮތަށް ބަދަލެއް ނުގެންނާނެ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ވަކި މިންވަރެއް ޑޮލަރުން ދެމުންދާ އުސޫލު ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން މިއަދު ދޮގުކޮށްފި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭގޮތަށް އޮތްގޮތުން އުވާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އެ ވާހަކަތައް ފަތުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށްޓަކައި ކަމަށެވެ.

އެ ބަޔާނުގައި ބުނިގޮތުގައި އެއްވެސް އިރެއްގައި އެފަދަ ކަމެއްގެ މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.

"މީގެ ކުރިން ވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއްނެތި ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެމުން ގެންދާނެ...،" އެމްއޭސީއެލް އިން ބުންޏެވެ.

"މުސްތަގުބަލުގައި ވެސް މުސާރަ އާއި އިނާޔަތްތަކަށް އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދެންނެވީމެވެ."

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެ ކުންފުނިން ބުނީ އެތަނުގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުންގެ ލާބަ އާއި މަންފާއަށް ކަމަށް ބުންޏެވެ.

އެހެންވެ، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.