Roadha Mihaaru
އެމްއޭސީއެލް އެމްޑީ މަގާމުން އާދިލް އިސްތިއުފާ ދީފި

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް އިސްތިއުފާ ދެއްވައިފި

14 ނޮވެމްބަރ 2018

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމުން މާދަމާއިން ފެށިގެން އިސްތިއުފާ ދެއްވުމަށް އާދިލް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވިގޮތުގައި، އާދިލް އިސްތިއުފާ ދެއްވުމުން އެތަން ހިންގާނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ)ގެ ބޮޑުބޭބޭފުޅެވެ.

ނިޒާރު ކުރެއްވި ޓްވީޓް

އެމްއޭސީއެލްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ އެވެ. އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރައްވާނެ އެވެ.

އާދިލް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެނުއަރީ 29، 2015 ގަ އެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖޫން 4، 1992 ގަ އެވެ.

އާދިލްގެ އެމްޑީ ކަމާ ހަވާލުވެ ވަޑައިގަތީ އެމްއޭސީއެލް ޖީއެމްއާރުގެ އަތުން އަތުލުމަށް ފަހު، އެއާޕޯޓް ކޮޅަށް ޖެހުމުގެ މަސައްކަތްތައް ފެށުނު ދުވަސްވަރު އެވެ. ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓުގައި ހިންގި ބޮޑެތި މަޝްރޫއުތައް ހިންގާފައި ވަނީ ވެސް އާދިލްގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ ތެރޭގައި އިތުރު ރަންވޭއެއް ހެދުމާއި އާ ޓާމިނަލްގެ މަސައްކަތް ފެށުމުގެ އިތުރުން އެއާޕޯޓްގެ މޫނުމަތި ބަދަލުކޮށްލުން ހިމެނެ އެވެ.