Roadha Mihaaru
އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީއަކަށް ތޯހާ ހަމަޖައްސައިފި

އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީއަކަށް ތޯހާ ހަމަޖައްސައިފި

07 އެޕްރީލް 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ހަމަޖައްސައިފި އެވެ.

އެމްއޭސީއެލްގައި މަސައްކަތް ކުރައްވާތާ 32 އަހަރު ވެފައިވާ ތޯހާ، ޑީއެމްޑީއަކަށް ހަމަޖެއްސުމަށް ފަހު، އެ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެމްއޭސީއެލުން މިހާރު ވަނީ އަންގައިފަ އެވެ. އެ ބަދަލު ގެނައީ އެމްއޭސީއެލްގެ ބޯޑުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ތޯހާ ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސި ވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ.

އެ މަގާމުން އެންޑްރޫ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 ގަ އެވެ. އޭގެ ފަހުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް އަދި ބޭފުޅަކު ހަމައެއް ނުޖައްސަ އެވެ.

އެ ކުންފުނީގެ ބޯޑުގައި މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.