Roadha Mihaaru
ފުރާމީހުންގެ ކިއޫ ކުޑަކޮށް ލަގެޖް އުފުލުން ފަސޭހަކުރަނީ

އެއާޕޯޓުން ފުރާ މީހުންގެ ކިއޫ ކުޑަކޮށް ލަގެޖް އުފުލުން ފަސޭހަކޮށްދެނީ

03 އެޕްރީލް 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ މީހުންގެ ކިއޫ ދިގުވެ، އެތައް ވަގުތެއް ހޭދަކުރަން ޖެހޭތީ އެ ކަމަށް ހައްލެއް ހޯދައި ދިނުމުގެ ޕްރޮޖެކްޓެއް މި އަހަރަށް ރާވާފައިވާ ކަަމަށް އެމްއޭސީއެލުން ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ މީހުންގެ ކިއޫ ދިގުވެ، އެތައް ވަގުތެއް ހޭދަކުރަން ޖެހޭތީ އެ ކަމަށް ހައްލެއް ހޯދައި ދިނުމުގެ ޕްރޮޖެކްޓެއް މި އަހަރަށް ރާވާފައިވާ ކަަމަށް އެމްއޭސީއެލުން ބުނެފި އެވެ.

އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ "މިހާރު" މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އެ ބަދަލު ގެނައުމަށްޓަކައި، ޑިޕާޗާ ޓާމިނަލަށް ވަންނައިރު ހުންނަ ލަގެޖް ޗެކްކުރާ މެޝިން ނުވަތަ ބެގެޖް ސްކްރީނިން މެޝިން އެ ތަނުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އޭރުން ފަސިންޖަރުން ޑިޕާޗާ ޓާމިނަލްގެ ބޭރުގައި ކިއޫ ހަދައިގެން ތިބުމުގެ ބަދަލުގައި ސީދާ ވަދެގެން ދާނީ ޓާމިނަލްގެ ބޮޑު ހޯލުގައި ހުންނަ ޗެކިން ކައުންޓަރުތައް ކައިރިއަށެވެ. ބެގެޖް ސްކްރީނިން ސިސްޓަމް ހުންނާނީ ޗެކިން ކައުންޓަރުތަކުގެ ފަހަތުގަ އެވެ.

"މިހާރު ވާ ގޮތަކީ ފުރަން އަންނަ މީހުން ބޭރުގައި ސްނޭކް ކިއޫ ހަދައިގެން ވަރަށް ގިނައިރު ތިބެންޖެހޭ. އެހާ ހޫނު ބޭރު. ފަސިންޖަރުން ތިބެނީ އެހާ ހިތްހަމަނުޖެހިފައި. އެކަމަކު ފަސިންޖަރުމީހާ ފުރަން ދާ ގޮތަށް، އެއާކޮންޑިޝަން ކޮށްފައިވާ ޓާމިނަލްގެ ހޯލުގެ ތެރެއަށް ވަދެވުނީމާ ޑިޕާޗާ ޓާމިނަލްގެ ބޭރުގައި އެވާ އުނދަގޫ އެއްކޮށް ހުއްޓޭނެ،" ތޯހާ ވިދާޅުވި އެވެ.

"ބޭރުގެ އެއާޕޯޓްތަކުގައި ވެސް ބެގެޖް ސްކްރީން ބައެއް ނުފެންނާނެ. އެ ސްކްރީން ހުންނާނީ [ޗެކިން ކައުންޓަރުތަކުގެ] ފަހަތުގައި."

އެމްއޭސީއެލްގެ އެކްޓިން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްއޭސީއެލްގެ އެކްޓިން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ތޯހާ ވިދާޅުވީ، އާ ޓާމިނަލް އަންނަ އަހަރަށް ނިންމަން އަމާޒު ހިފާފައިވާއިރު، ބޭނުމަކީ އެ މަޝްރޫއު ނިމުމުގެ ކުރިން ވެސް ފަސިންޖަރުންގެ އެކްސްޕީރިއަންސް ރަނގަޅު ކުރުން ކަމަށެވެ.

"ފޮށިތައް ބެގެޖް ސްކްރީނިން އަށް އަރުވައި ބާލާފައި އަރުވައި ބާލާފައި މިހާރު އެ ހަދަނީ. އަޅުގަނޑުމެން މި ގެންނަ ބަދަލުން އެކަން އެއްކޮށް ހުއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

މި ބަދަލުގެ ތެރޭގައި ސެލްފް ޗެކިން ކިއޯސްތަކާއި ބޭގް ޑްރޮޕްގެ ހިދުމަތް ވެސް ތައާރަފު ކުރަން އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.

"މި ތަނުގެ ޖާގަ ހައްތާ ވެސް ކުޑަވީމާ އެފިޝަންސީ ގެންނަން ކުރާ ކަންތައް މި ހުންނަނީ. ދުނިޔޭގެ އެހެން އެއާޕޯޓްތަކުގައި ވެސް އެފިޝަންސީ ގެންނަނީ އޮޓަމޭޝަނުން. ނޫނީ ޕްރޮސެސް އަވަސް ވާނެ ޓެކްނޮލޮޖީ ގެނެސްގެން،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޑިޕާޗާ ޓާމިނަލަށް ވަންނައިރު ހުންނަ ބެގެޖް ސްކްރީނިން މެޝިން އެ ތަނުން ނަގައި އެހެން ނިޒާމަކަށް ބަދަލުކުރަނީ އެ ޓާމިނަލްގެ އެތެރޭގައި ހުރި ބައެއް އޮފީސްތައް އެހެން ދިމަދިމާ އަށް ބަދަލުކުރުމަށް ފަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ގޯއެއާގެ ބޯޓެއް ޖައްސާފައި: މި ތަން އެންމެ ޒަމާނީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަގެންދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ގޯއެއާގެ ބޯޓެއް ޖައްސާފައި: މި ތަން އެންމެ ޒަމާނީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަގެންދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ޑިޕާޗާ ޓާމިނަލް ބޮޑު ކުރަނީކީ ނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި އަހަރުގެ ވިންޓާ އަށް ނޫނީ އޮކްޓޫބަރު، ނޮވެމްބަރަށް މި ބަދަލު ގެންނަން،" އޭނާ ވިދާޅުވި އެވެ.

"މިހެން ދެންނެވިޔަސް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޝިޕިން ޑިލޭސްތައް. ކޮވިޑާ ގުޅިގެން ޝިޕިން ޑިލޭސް އެބައުޅޭ ހުރިހާ ދިމާއެއްގައި. ކުޑަ މެޝިނެއް ގެންނަން ބަލާއިރު ވެސް އޮންނަނީ ޑިލޭވެފައި."

އެއާޕޯޓުން ޕަސިންޖަރުންނަށް ދޭ ހިދުމަތް އަވަސްކުރަން ގްރައުންޑް ހޭންޑްލިން އަށް ބޭނުންވާ ސާމާނު ވެސް އިތުރަށް ގެންނަން އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ބަސްތަކާއި ފަސިންޖަރުން މަތިންދާބޯޓުން އަރައިފައިބަން ބޭނުންކުރާ ސިޑިތައް ހިމެނެ އެވެ.

"އިންފްރާސްޓްރަކްޗާ އަށް މާ ބޮޑު ބަދަލެއް ނުގެނެވުނަސް އެފިޝަންސީ އިތުރު ކުރުން ބޭނުމަކީ. ޕްރޮސެސް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ތޯހާ ވިދާޅުވި އެވެ.