Roadha Mihaaru

އާ ޓާމިނަލުން މިމަހު އިތުރު ހަތަރު އެއާލައިނަކަށް ހިދުމަތް ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކަށް ހިދުމަތް ދޭން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ. އެކަމަކު، އެ އެއާލައިންތަކުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

އާ ޓާމިނަލުން އިތުރު 4 އެއާލައިނަކަށް ހިދުމަތްދެނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 އޯގަސްޓް 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކަށް ހިދުމަތް ދޭން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ. އެކަމަކު، އެ އެއާލައިންތަކުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ ޖުލައި މަހު 26 ގައި ހުޅުވި އާ ޓާމިނަލުން މިހާރު އަންނަނީ ތިން އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެއީ މޯލްޑިވިއަން އާއި ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިނެއް ކަމަށްވާ ބިއޮންޑް އެވެ.

ބިއޮންޑް އެއާލައިނަށް ހިދުމަތް ދޭން ފެށީ މިއަދު އެވެ. އެ އެއާލައިނަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިން ވެސް ވެ އެވެ

ބިއޮންޑް އެއާލައިނަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައި އަރަބެކްސްގެ އިންވެސްޓްމަންޓެކެވެ.

ބިއޮންޑް އެއާލައިނުން މިއަދު ރާއްޖެ އައި ޓޫރިސްޓުންތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި.---ފޮޓޯ: އެމްއޭސީއެލް

ބިއޮންޑް އެއާލައިނުން މިއަދު ރާއްޖެ އައި ޓޫރިސްޓުންތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި.---ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ އެކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނީ ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑުން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދީފައި ކަމަށެވެ. އަދި އާ ޓާމިނަލް ކަމަށްވާ، ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެ އެކުންފުނިން ބުންޏެވެެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އަންނަ މަހުގެ ނިޔަލަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ ހިދުމަތް ވެސް އާ ޓާމިނަލަށް ބަދަލުކުރުމެވެ.

މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައި ވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.