Roadha Mihaaru

އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 އޯގަސްޓް 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ ދަތުރުތައް އާ ޓާމިނަލުން ފެށުމުގެ ގޮތުން އެމްއޭސީއެލުން މިއަދު ހެނދުނު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ.

އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދިނީ، މިދިޔަ މަހު 27 އިން ފެށިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކަށެވެ. އެއާ އަރަބިއާގެ ދަތުރުތައް މި ފެށީ އޭގެ ދެ ހަފުތާ ފަހުންނެވެ.

އެ އެއާލައިނުން ދަތުރުކުރަނީ މާލެ އާއި މެދު އިރުމައްޗާއި ޔޫރަޕުގެ ގައުމުތަކާ ދެމެދުގަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.

ކުލަގަދަ ހަފުލާއަކާއެކު އާ ޓާމިނަލް ހުޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ މަހު 26 ގަ އެވެ.

މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައި ވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.