Roadha Mihaaru

ވީއައިއޭގެ ޓެކްސީވޭގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

ވީއައިއޭގެ ޓެކްސީވޭގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

22 އޯގަސްޓް 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވީއައިއޭގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި, އެތަން އެ ކުންފުންޏާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)އާ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 16 ގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

ވީއައިއޭގެ ޓެކްސީވޭ ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޓެކްސީވޭ ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ހަވާލުކޮށްފައި ވަނީ ޝެޑިއުލަށް ވުރެ 84 ދުވަސް ކުރިން ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލުން ބީޔޫސީޖީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. އަދި ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯ އެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު އާއި އެމްއޭސީއެލްގެ ބޯޑް މެންބަރުންނާއި އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ އިތުރުން ބީޔޫސީޖީ އިންޓަނޭޝަނަލްގެ ފަރާތުން ޒަންގް ފެންގްލިން އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އާއި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ބައިވެރިވެވަޑައިގެންނެވި އެވެ.

ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވީއައިއޭގެ އާ ސަފުހާއެއް ކަމަށާއި އެ މަޝްރޫއު ނިމުމުން އެ އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނޫރައިން އެ ރަސްމިއްޔާތުގައި ވިދާޅުވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި، ވީއައިއޭގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށް ވާތީ އެކަމަށްޓަކާ އެ ކުންފުންޏަށް ނޫރައިން ޝުކުރު އަދާކުރެއްވި އެވެ.

"ޓެކްސީވޭ ޗާލީ ރީބިލްޑް"ގެ ގޮތުގައި ފެށި އެ ޕްރޮޖެކްޓްގެ ދަށުން ވީއައިއޭގެ ކުރީގެ ރަންވޭ ޒަމާނީ ފެންވަރަކަށް ހަދަން ވަނީ ނިންމައިފަ އެވެ. ދިގުމިނުގައި 3،200 މީޓަރު ހުންނަ އެ ޓެކްސީވޭ ތަރައްގީކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގަ އެވެ. އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ކުރިން ބުނެފައި ވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށެވެ.

ޓެކްސީވޭ ޗާލީއަކީ ވީއައިއޭގައި ގާއިމްކުރި އެންމެ ފުރަތަމަ ރަންވޭ އެވެ. އެ ރަންވޭ ވަނީ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ތަރައްގީކޮށްފަ އެވެ. އެއަށް ފަހު 2004 ވަނަ އަހަރުގެ ސުނާމީގައި ލިބުނު ބޮޑެތި ގެއްލުންތަކަށް ފަހު އެ ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވެ އެވެ.