Roadha Mihaaru

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު "ކޮވެލި" އިއްޔެ ހުޅުވައިފި އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު "ކޮވެލި" އިއްޔެ ހުޅުވައިފި އެވެ.

އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލައުންޖު ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށްވާ މުޖުތަބާ ލަތީފާއި މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށް ވާއިރު، ވީއައިއޭއަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށް، އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ކަމަށެވެ.

އެއާޕޯޓު ތަރައްގީކޮށް، ޒީނަތްތެރިކޮށް، އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރަމުން އަންނަނީ ވަރަށް ގައުމީ، ވަރަށް ބޮޑު ޖިހާދެއް އަދި ބުރަ މަސައްކަތެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ އެ ލައުންޖަކީ 1,230 އަކަމީޓަރުގެ ބޮޑު ތަނެއް ކަމަށެވެ. އަދި އެ ލައުންޖުގައި އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޒަމާނީ ވަސީލަތްތަކާ އެކު، ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވެރޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ލައުންޖުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.