Roadha Mihaaru
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖް ސަސްޕެންޑްކޮށްފި

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖް ސަސްޕެންޑްކޮށްފި

04 މެއި 2023

ވެމްކޯގެ ދެ މުވައްޒަފަކު ހިމެނޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކުންފުނީގެ ކޮމިޓީން ބަލަމުން ދަނިކޮށް، ބޯޑުގެ ނިންމުމަކާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އަމަލުކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ އިންކުއަރީ ނިމެންދެން އޭނާ ސަސްޕެންޑްކޮށްފި އެވެ.

ވެމްކޯގެ ދެ މުވައްޒަފަކު ހިމެނޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކުންފުނީގެ ކޮމިޓީން ބަލަމުން ދަނިކޮށް، ބޯޑުގެ ނިންމުމަކާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އަމަލުކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ އިންކުއަރީ ނިމެންދެން އޭނާ ސަސްޕެންޑްކޮށްފި އެވެ.

ސިރާޖް ސަސްޕެންޑް ކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމީ 14 ދުވަހުގެ މުއްދަތަށެވެ.

ސިރާޖަށް ތުހުމަތު ކުރަނީ، ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ވަންނަވައި ކޮމިޓީގެ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ.

ފުރައްސާރައިގެ މައްސަލަ ބަލަނިކޮށް ކޮމިޓީގެ މުވައްޒަފަކު ވަކިކޮށް، ސިރާޖު ބޭނުންވާ މީހަކު އައްޔަން ކުރެއްވި ކަމަށް ޕީސީބީން ބަލާ މައްސަލާގައި ވެ އެވެ. މިއީ ސިރާޖްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ތުހުމަތު ވެސް ޕީސީބީން ވަނީ ކޮށްފަ އެވެ.

ދެ މުވައްޒަފަކާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކޮމިޓީން ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ސިރާޖު ނުވެންނެވުމަށް ވެމްކޯގެ ބޯޑުން ނިންމާފައި ވަނިކޮށް، އެއާ ހިލާފުވުމަކީ "ބޯޑުން ނިންމާފައިވާ ނިންމުމާ ޚިލާފަށް ބޯޑުގެ ގަވަނެންސް ގެއްލޭ ގޮތަށް އަމަލުކުރެއްވުން ކަމަށް" ޕީސީބީން ދެކެ އެވެ.

އަމިއްލަ މަސްލަހަތު ސިރާޖު އިސްކުރެއްވުމަކީ، ޕީސީބީން ބަލާ މައްސަލާގައި ހިމެނޭ ލިއުންތަކުގައިވާ ގޮތުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ކޯޕަރޭޓް ގަވަނެންސްގެ ކޯޑާ ހިލާފު އަމަލެކެވެ.

އެ މައްސަލައިގައި، ޕީސީބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިރާޖުގެ މައްސަލައެއް ބަލަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވިގެން ނޫން ކަމަށެވެ. ހަގީގަތާ ހިލާފު މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށް، އެކަން ސާފުކޮށްދިނީ ބައެއް މީޑިއާތަކުން ރިޕޯޓްކުރިއިރު، ސިރާޖު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓްކޮށްފައި އޮތުމުން ކަމަށް ޕީސީބީން ބުންޏެވެ.

"ވެމްކޯ ބޯޑު މެދުވެރިކޮށް މި ބޯޑުން ބަލަމުން ދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓުގެ މައްސަަލައެކެވެ. އެހެންކަމުން މެނޭޖިން ޑައިރެކްޓަރު ތަނާޒަލް ކުރުވާ މި މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަަމަށް މި ބޯޑުން ނިންމާފައިވާތީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ މުސާރަ އާއި އިނާޔަތްތަކާ އެކު ދެ ހަފުތާގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ އެވެ،" ޕީސީބީން ބުންޏެވެ.

ސިރާޖު މިރޭ ފޯނު ނުނަންގަވާތީ، އެ މައްސަލާގައި އޭނާގެ ބަހެއް ނުލިބުނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިރާޖް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެކުރިން އޭނާ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ.