Roadha Mihaaru
ދަތުރުތައް އިތުރުވެ ޓޫރިޒަމް ވަނީ ކުރިއަރާފައި: އާދިލް

ދަތުރުތައް އިތުރުވެ ޓޫރިޒަމް ވަނީ ކުރިއަށް ޖެހިފައި: އާދިލް

14 އޮކްޓޯބަރ 2018

މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ދަތުރުތައް އިތުރުވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ދަތުރުތައް އިތުރުވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ 'ގޯ އެއާ' ގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަންނަ މަތިންދާބޯޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއަށް އެންމެ ގިނައިން އަންނަ ޔޫރަޕްގެ ގައުމުތަކުގެ މަތިންދާބޯޓުތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ އެމްޑީ އާދިލް ވިދާޅުވިގޮތުގައި، އާ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ނުފެށި ކަމުގައި ވިޔަސް މިހާރު އަންނަ މަތިންދާބޯޓުތަކުގެ ފްރިކުއެންސީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެހެންވެ، މިިދިޔަ އަހަރުގެ ސީޒަނަށް ވުރެ، މި ސީޒަނުގައި ފްލައިޓުތަކުގެ 1،000 މޫވްމަންޓް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

"..މިސާލަކަށް، އެގޮތަށް ފާހަގަކުރެވޭ އެމިރޭޓްސް، ގަތަރު، ޔޫރަޕިއަން ކެރިއާސް އަށް ބަލަންޏާ އެލިޓާލިއާ، އެއާ ފްރާންސް ދެން ރަޝިޔާއިން އަންނަ ފްލައިޓުތަކާއި މި ހުރިހާ ފްލައިޓުތަކެއް ވެސް މޫވްމަންޓް އިތުރުވެގެން ދިޔައިރު، އަޅުގަނޑުމެން މި އެސްޓިމޭޓް ކުރަނީ އިތުރު އެއް ހާސް މޫވްމަންޓް މި ސީޒަން ތެރޭ އިތުރު ވެގެންދާނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.

އިންޑިއާގެ ގޯ އެއާގެ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް، މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު، ގޯއެއާގެ ދަތުރުތައް އިފްތިތާހުކުރުމުގެ ރިބަން ކަނޑަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާއިރު، އެ ޑިމާންޑާ އެއްވަރަށް މަތިންދާބޯޓުތައް އޮޕަރޭޓް ކުރެވޭ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މި އަހަރު 5-7 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު އާމްދަނީން ވެސް އެ ކުރިއެެރުންތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ތަފާސްހިސާބުތަކަށް] ބަލާއިރު އެއް އަހަރުން އަނެއް އަހަރަށް އެއާޕޯޓުގެ އާމްދަނީ މިދަނީ އިތުރުވަމުން. މިދިޔަ އަހަރާ ބަލާއިރު، މި އަހަރު އަދި ވަރަށް ބޮޑުތަން ރަނގަޅު ވަމުންދާކަން ފާހަގަކުރެވޭ،" އާދިލް ވިދާޅުވި އެވެ.

މި ސިޒީނުގައި ރާއްޖެއަށް އިތުރު އެއާލައިނެއް ފަށަން ނިންމާފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ އެ އެއާލައިންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.