Roadha Mihaaru
އިންޑިޔާގެ 'ގޯއެއާ' ގެ ދަތުރުތައް ރާއްޖެއަށް

އިންޑިއާގެ 'ގޯއެއާ' ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

14 އޮކްޓޯބަރ 2018

އިންޑިޔާގެ "ގޯއެއާ" ގެ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިޔާގެ "ގޯއެއާ" ގެ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް މިއަދު ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން، އިންޑިއާގެ ބޮމްބޭއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަނީ އެއާބަސް އޭ320 ނިއޯގެ މަތިންދާބޯޓެއް ޖައްސައިފަ އެވެ. އެއީ، 152 މީހުންގެ ޖާގައިގެ ބޯޓަކަށް ވިޔަސް އޭގައި މިއަދު ރާއްޖެ އައީ 80 ވަރަކަށް މީހުންނެވެ. އެ ހުރިހާ ފަސިންޖަރުންނަށް ވެލާނާ އެއާޕޯޓުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެ ބޯޓުގެ ދަތުރުތައް ފެށުން ފާހަގަކުރަން ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސެއިން ޖަލީލް ވިދާޅުވީ، އިންޑިޔާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން، މިިދިޔަ އަހަރު ވެސް، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 24 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ގޯއެއާގެ ދަތުރުތައް ފެށުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންޑިޔާގެ ގޯއެއާގެ ދަތުރުތައް ފެށުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލަށް ފެށި ދަތުރުތަކާ އެކު އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ، ގޯ އެއާގެ ދަތުރުތައް ފެށުމަކީ ރާއްޖެ އާއި އިންޑިޔާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އިންޑިޔާގެ ގޯއެއާގެ ދަތުރުތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ބޯޓު ދުއްވި ދެ ޕައިލެންޓުން (ވ) އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް އާއި އެމްއޭސީއެލްގެ އެމްޑީ އާދިލް ބައިވެރިވެވަޑައިގަންނަވަނީ..-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަކިލޭޝް ވިދާޅުވީ ދެ ގައުމުގައި ތިބި ރަހުމަތްތެރިންނާ ބައްދަލުކޮށް، ވަގުތު ހޭދަކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ނެތް ކަމަށެވެ. ނަމަވެސް، ގޯ އެއާގެ ދަ ތުރުތަކާ އެކު ރާއްޖެ އާއި އިންޑިޔާގައި ތިބި މީހުންގެ ގުޅުން ވެސް ވަރުގަދަ ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ހަމައެކަނި ވިޔަފާރިއެއްގެ ބަދަލުގައި ރަހުމަތްތެރިކަމާއި ގުޅުން ބަދަހިވެގެންދާ ކަމެއް. ގޯ އެއާ އެއާލައިނަށް ލިބޭ ކުރިއެރުންތަކާ އެކު ރާއްޖެ އަދި އިންޑިޔާއަށް އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރަން،" އަކިލޭޝް ވިދާޅުވި އެވެ.

އިންޑިއާގެ ގޯއެއާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންޑިއާގެ ގޯއެއާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބޮމްބޭގެ އިތުރުން އަންނަ މަހުން ފެށިގެން ބެންގަލޫރަށް ވެސް ގޯއެއާގެ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.

އެ އެއާލައިންގެ ލޯކަލް އޭޖެންޓަކީ ވޮޔޭޖަސް މޯލްޑިވްސް އެވެ.

ގޯއެއާގެ ދަތުރުތައް ފެށީ 2005 ވަނަ އަހަރު އެވެ. އެކަމަކު، ބައިނަލްއަގްވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް ފެށީ މިއަހަރެވެ. އެއީ ރާއްޖޭގެ އިތުރުން ތައިލެންޑަށް ކުރާ ދަތުރުތަކެވެ. ގޯއެއާ އިން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކޮންމެ ދުވަހަކު އެއް ދަތުރު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.