Roadha Mihaaru
އިސްތިއުފާއާ އެކު އާދިލް ރިޓަޔަމެންޓް ޕެކޭޖަކަށް

އިސްތިއުފާއާ އެކު އާދިލް ރިޓަޔަމެންޓް ޕެކޭޖަކަށް

14 ނޮވެމްބަރ 2018

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވީ، އެ ކުންފުނީގެ ރިޓަޔަމެންޓް ޕެކޭޖަކާ އެކު އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އާދިލް މޫސާ އިސްތިއުފާ ދެއްވީ، އެ ކުންފުނީގެ ރިޓަޔަމެންޓް ޕެކޭޖަކާ އެކު އެވެ.

އެމްއޭސީއެލްގައި ހަމަޖެހިފައި އޮންނަ ގޮތުން 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުން ރިޓަޔަމެންޓް ޕެކޭޖެއް ލިބެ އެވެ. އަދި ރިޓަޔަމެންޓް ޕެކޭޖަށް ޝަރުތު ހަމަވަންޏާ، ރިޓަޔަކުރަން ޖެހޭ އުމުރަށް ވުރެ ކުރިން ވެސް ރިޓަޔަމެންޓަކަށް ދެވިދާނެ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އާދިލަކީ އެ އޮފީހުގައި 23 އަހަރުގެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި، ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެކެވެ.

އާ ސަރުކާރުން އަންނަ ހޮނިހިރުދުވަހު ވެރިކަމާ ހަވާލުވާ އިރު އާދިލް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގައި މަސައްކަތްކުރައްވާ 26 އަހަރު ވެއްޖެ އެވެ. ސްކޫލް ނިންމެވުމަށް ފަހު އޭނާ އެމްއޭސީއެލްއާ ގުޅިވަޑައިގަތީ، އެ ކުންފުނީގެ އޮފީސް މާލޭގައި ހިންގި އިރު ޖޫން 4، 1992 ގަ އެވެ.

އޭގެ ފަހުން އޭނާ ވަނީ ރާއްޖެ އިން ބޭރުގައި އެކައުންޓިން އާއި ފައިނޭންސް ދާއިރާ އިން މާސްޓާޒް ފެންވަރަށް ކިޔަވާވިދާޅުވެފަ އެވެ.

"މިހާރު އަޅުގަނޑު މި ހުރީ ސިޔާސީ މަގާމެއްގައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އާ ސަރުކާރުން ވެސް މި މަގާމަށް އެބޭފުޅުން ބޭނުންވާ މީހަކު އައްޔަން ކުރަން ބޭނުންވާނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުޅި ހަޔާތުގައި ވެސް ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ފެށީ އާދިލްގެ މެނޭޖިން ޑިރެކްޓަރުކަމުގަ އެވެ.

"ކުރިން ފަޔާ ލޮރީ ވެސް ގަނެފައި ހުންނާނީ ލޯނު ނަގައިގެން. ތަރައްގީކޮށްފައި ހުންނާނީ ވެސް ފޭސްތަކަކަށް ބަހާލައިގެން. އެކަމަކު މިއަދު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއްގައި އެ ވަނީ ސޮއިކޮށްފައި. މަސައްކަތް އެ ދަނީ ކުރިއަށް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން އެމްއޭސީއެލަކީ ނިސްބަތުން ކުޑަ ފައިދާއެއް ނެރޭ ކުންފުންޏަކަށް ވި ނަމަވެސް މިހާރު އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ބޮޑު ފައިދާއެއް ނެރެ އެވެ.

އެގޮތުން "2013 ގެ ކުރިން މި ކުންފުނީގެ ފައިދާއަކީ އަހަރު 300 ނުވަތަ 400 މިލިއަން ރުފިޔާ. އެކަމަކު 2013 ގެ ފަހުން އެމްއޭސީއެލުން ކޮންމެ އަހަރަކު ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި އެބަ ނެރޭ،" އާދިލް ވިދާޅުވި އެވެ.

"އަޅުގަނޑު މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުރެގެން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ގެނެސްދީފައި ހުންނާނެ. އެހެންވީމަ އެއީ ހިތްހަމަޖެހޭ ކަމެއް."

އޭނާ މަގާމުން ވަކިވެވަޑައިގެންނެވި އިރު އެންމެ މަތީ ފެންވަރުގެ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި އާ ޓާމިނަލްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވެ އެވެ.