Roadha Mihaaru
"ލީޑާސް އޮފް ޓުމޯރޯ"ގައި ބައިވެރިވާން ހުޅުވާލައިފި

އުގެއިލް ފައުންޑޭޝަންގެ "ލީޑާސް އޮފް ޓުމޯރޯ" ގައި ބައިވެރިވުމުގެ ފުރުސަތު

24 އޮކްޓޯބަރ 2021

އުގެއިލް ފައުންޑޭޝަނުން މި އަހަރު ފެށި "ލީޑާސް އޮފް ޓުމޯރޯ" ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުގެއިލް ފައުންޑޭޝަނުން މި އަހަރު ފެށި "ލީޑާސް އޮފް ޓުމޯރޯ" ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕްރޮފެސަރު ހަސަން އުގެއިލްގެ އިސްނެންގެވުމާ އެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެކި ދާއިރާތަކުން ކުޅަދާނަ ލީޑަރުން އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އުގެއިލް ފައުންޑޭޝަނާއި އެޗްޑީސީއާ ގުޅިގެން ހިންގާ "ދަ ސާކަލް"ގެ ދަށުންނެވެ.

މި އަހަރުގެ ޕްރޮގްރާމުގައި 11-15 އަހަރާ ދެމެދުގެ 41 ކުދިން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ނިމޭނީ އަންނަ ޑިސެމްބަރު މަހު އެވެ. އަންނަ އަހަރުގެ ޕްރޮގްރާމުން ހުޅުވާލައިފައި ވަނީ 13-17 އަހަރާ ދެމެދުގެ ކުދިންނަށް 40 ފުރުސަތެވެ.

ލީޑާސް އޮފް ޓުމޯރޯގެ ކްލާސްތައް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހު އޮންލައިންކޮށެވެ. މި ޕްރޮގްރާމުގެ ހޮނިހިރު ދުވަހުގެ ސެޝަންތައް ޕްރޮފެސަރު އުގެއިލް އަމިއްލަ އަށް ނަންގަވާއިރު ހުކުރު ދުވަހުގެ ސެޝަންތައް ނަގައިދެނީ އިނގިރޭސިވިލާތުގެ ދެ ތަޖުރިބާކާރުންނެވެ. ކޮންމެ ހަފުތާއަކު ވެސް މި ޕްރޮގްރާމުގެ ބައިވެރިންނަށް ހާއްސަ އެކްޓިވިޓީތަކެއް ކުރިއަށްދާނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދި ހުށަހަޅާ ކުދިންގެ ތެރެއިން ޕްރޮގްރާމަށް ކުދިން ނަގާނީ އުގެއިލްގެ އިވެލުއޭޝަނަކަށް ފަހު އެވެ. މި އަހަރުގެ ޕްރޮގްރާމަށް ވެސް ނެގީ "ސާކަލް ކިޑްސް" ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ ތެރެއިން ފާހަގަ ކުރެވުނު ކުދިން ކަމަށް ދަ ސާކަލް އެކެޑަމީގެ ޑީން މަރިޔަމް ޝަޒުނާ ވިދާޅުވި އެވެ.

ޝަޒުނާ ވިދާޅުވިގޮތުގައި ކުދިން ހޮވުމުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުދިންނާއި ގަޑިއަށް މަސައްކަތް ހަވާލު ކުރާ ކުދިން އަދި އުފެއްދުންތެރިކަން ހުންނަ ކުދިންނަށް އިސްކަމެއް ދޭނެ އެވެ.

މިއަހަރުގެ ޕްރޮގްރާމުގެ ބައިވެރިއެއް ކަމަށްވާ އިސްމާއިލް ޒައިން ޒަހޫރު ބުނީ މި ޕްރޮގްރާމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން، ސްކޫލް މަސައްކަތްތައް ކުރުމުގައްޔާއި މީހުންނާ މުހާތަބުކޮށް އުޅުމުގައި ލީޑަރުންގެ އުސޫލުތައް ބޭނުން ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ކަންކަން ދަސްވޭ. އަޅުގަނޑު ކުރިން ހީކުރީ އެހާ ރަނގަޅު ނުވާނެ ކަމަށް. އެކަމަކު ޕްރޮގްރާމް ކުރިއަށްިދޔަ ވަރަކަށް މައިންޑްސެޓު ޗޭންޖުވެއްޖެ. ފިލާވަޅު ހެދުމާއި ޕްރޮޖެކްޓުތައް ހެދުމާއި ޕްރެޒެންޓު ކުރުމުގައި ވަރަށް ރަނގަޅު ޗޭންޖުތައް ފެނިއްޖެ،" ޒައިން ބުންޏެވެ.