29 ޖުލައި 2019
މީގެ ފަސް އަހަރު ކުރިން، 2013 ގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ހަތް ދަރިވަރަކު މުޅި ދުނިޔެ އިން އެއް ވަނަ ހޯދި އެވެ. ޖެހިގެން އައި އަހަރު 11 ކުއްޖަކު އެއް ވަނައި ހޯދި އިރު، 2015ގެ އިމްތިހާނުގައި 12 ކުއްޖަކު އެ ވަނަ ހާސިލްކުރި އެވެ. މިދިޔަ އަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 11 ދަރިވަރަކު ވަނީ އޭ ލެވެލްގައި ދުނިޔޭގެ އެއް ވަނަ ހޯދައިފަ އެވެ.
މީގެ ފަސް އަހަރު ކުރިން، 2013 ގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ހަތް ދަރިވަރަކު މުޅި ދުނިޔެ އިން އެއް ވަނަ ހޯދި އެވެ. ޖެހިގެން އައި އަހަރު 11 ކުއްޖަކު އެއް ވަނައި ހޯދި އިރު، 2015ގެ އިމްތިހާނުގައި 12 ކުއްޖަކު އެ ވަނަ ހާސިލްކުރި އެވެ. މިދިޔަ އަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 11 ދަރިވަރަކު ވަނީ އޭ ލެވެލްގައި ދުނިޔޭގެ އެއް ވަނަ ހޯދައިފަ އެވެ.
އެކަމަކު ދިވެހި ދަރިވަރުންގެ ތޫނުފިލިކަމާއި ދުނިޔޭގެ ފެންވަރުގެ ވަނަތަކާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން، ކޮމްޕިއުޓަރާއި ސައިންސް ދާއިރާގެ ޕްރޮފެސަރު، ހަސަން އުގައިލް ދެއްވީ ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ.
"މިހާރު ކޮބައިތޯ އެ ކުދިންތައް؟ އޭގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާ ކިތައް ދިވެހި ދަރިވަރުން އެބަ ތިބިތޯ؟،" އުގައިލް ސުވާލު ކުރެއްވި އެވެ.
"ދުނިޔޭގެ ފެންވަރުގައި ޓޮޕް ޓެންގައި ހިމެނޭތާ މިހާރު ދިހަ ބާރަ އަހަރު ވަނީ. އެކަމަކު ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރާތީ ފެންނަނީ މަދު ކުއްޖަކު. މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް."
ދެން އޭނާ ސުވާލު ކުރެއްވީ ރާއްޖޭގެ ތައުލީމީ މަންހަޖު ބައްޓަންކޮށްފައި އޮތް އޮތުމާ ގުޅޭ ގޮތުންނެވެ. ފޮތް ހިތުދަސްކޮށްގެން ގޮސް، ގިނަ ދަރިވަރުން ބައިވެރިވާ އިމްތިހާނުން އެއްވަނަ ހޯދަން މަސައްކަތް ކުރާ ގޮތެވެ. އެ ރޭހުން އެންމެ ކުރި ހޯދައިގެން ވެސް އަމަލީ މައިދާނުން އެކަން ނުފެންނަ ސަބަބާ ގުޅޭ ގޮތުން އޭނާ ސުވާލު ކުރެއްވި އެވެ.
އޯ ލެވެލް އިމްތިހާނުގައި އެންމެ މޮޅު ނަތީޖާ ހޯދި ބައެއް ދަރިވަރުން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ސްޓޭޖްގައި: މުހިންމީ ހަމައެކަނި ނަތީޖާއެއް ނޫން - މިހާރު ފޮޓޯ
އުގައިލް ގަބޫލުކުރައްވަނީ ތައުލީމީ މަންހަޖުގައި ދަރިވަރުން އިމްތިހާނު ކުރާ ގޮތް، ފެށުނީއްސުރެ ވެސް ގޯސްވުމެވެ.
ރާއްޖޭގައި ވަރަށް ޅައިރު ސްކޫލު ތައުލީމުގެ ތެރެއަށް ދަރިވަރުން ވައްދަ އެވެ. އުމުރުން ދެ އަހަރުގައި ބޭބީ ނާސަރީއަށް އަދި ހަ އަހަރު ފުރޭއިރު ރަސްމީ ތައުލީމު ދޭން ފަށަ އެވެ. ގްރޭޑް އެކަކަށް ދާއިރު، ދަރިވަރުންނަށް ދަސްވެފައި އޮންނަން ޖެހޭ މިންގަނޑެއް ވެސް އޮވެ އެވެ. އެހެންވެ، ޕްރީ ސްކޫލު ތައުލީމުގެ ތެރޭގައި ފޮތް ބަލައިގެން އެއްޗެހި ދަސްކުރުން ވަރަށް ބޮޑަށް އޮވެ އެވެ.
އުގައިލް ފާހަގަކުރެއްވި ގޮތުގައި މިއީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި ހަދާ އެންމެ ފުރަތަމަ ގޯހެވެ. އެ އުމުރު ފުރައިގައި ދަރިވަރުން ފޮތުން އެއްވެސް އެއްޗެއް ދަސްކުރާކަށް ނުޖެހޭނެ އެވެ. އުމުރުން ހަ އަހަރު ވަންދެން، ކުދިން އެއްޗެހި ދަސްކުރާނީ ކުޅުމުގެ ތެރެއިންނާއި ސޯޝަލް އިންޓަރެކްޝަންގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި އުމުރުން ހަތަރު ފަސް އަހަރުގައި ކަރިކިއުލަމްއަކަށް ފައްތާލުމުން، ކުއްޖާ ދެން ބޮޑުވެގެން އަންނަނީ އެއް ތައްގަނޑަކަށެވެ. އޭގެ ސަބަބުން، ބޭރުގެ މާހައުލުގައި ހިނގާ ކަންތައްތަކާއިި އެހެން މީހުންނާ ގުޅިގެން ކުރަން ޖެހޭ ކަންކަން ދަރިވަރުންނަށް ނޭނގޭ ކަމަށް އުގައިލް ގަބޫލުކުރައްވަ އެވެ.
"ސޯޝަލް އިންޓަރެކްޝަންގެ ބައި ރާއްޖޭން މިހާރު އެއްކޮށް ފޮހެވިގެން އެ ދަނީ. ކަންކަން ބަލާ ހޯދައިގެން ދަސްކުރުމުގެ ބަދަލުގައި ކުދިން ބޮޑެތި ވަމުން އަންނަނީ ފޮތް ބަލައިގެން، ހިތު ދަސްކޮށްގެން،" އިނގިރޭސި ވިލާތުގައި މަސައްކަތް ކުރައްވާ ޕްރޮފެސަރު ވިދާޅުވި އެވެ.
ބިލަބޮންގް ސްކޫލުގެ ދަރިވަރުންތަކެއް ކްލާހުގައި: ކުދިންނަށް ތަފާތު ފުރުސަތުތައް މުހިންމު
އުގައިލް ވިދާޅުވި ގޮތުގައި ކާމިޔާބު މީހުންނާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އެ މީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކަންކަން ދަސްކުރުމުގެ މިނިވަންކަން ލިބިފައި އޮވެ އެވެ. ވަކި ހުދޫދެއްގެ ތެރެއިން، ކަންކަން ބަލައި ހޯދާ، ރަނގަޅު ގޮތާއި ނުބައި ގޮތް ދެނެގަންނަން އެ މީހުންނަށް ފުރުސަތު ލިބިފައިވާ ކަމަށާއި ކާމިޔާބު މީހަކަށް ވެފައި އޮންނަނީ އޭގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގެ ތައުލީމީ ދާއިރާގައި އޮންނަނީ ފޮތެއްގައި ހުންނަ އެއްޗެހި ދަސްކޮށްގެން އިމްތިހާނުގައި އެތަކެތި ރިޕީޓް ކުރުމެވެ. ކިރިޔާ ވެސް އެއަށް ބަދަލެއް ގެންނައިރަށް ދެން ހަދަން ޖެހޭ ގޮތް ދަރިވަރުންނަށް އޮޅެ އެވެ.
"ނަމަވެސް ދަރިވަރުން ބޮޑުވެގެން މި ނުކުންނަނީ އެ ފަދަ މާހައުލަކަށް ނޫން. ހަގީގީ މާހައުލުގައި މީހުންނާ އެކު އުޅެން ދަސްކުރަން ޖެހޭ. ހިޔާލު ތަފާތުވުންތަކާ އެކު ކުރިއަށް ދާން އެނގެން ޖެހޭ. ތަފާތު ކަންކަމުގައި ވާހަކަ ދައްކައި ލިޔުންތެރިކަން ހުންނަން ޖެހޭ. ޕްރެކްޓިކަލް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް އެނގެން ޖެހޭ،" އުގައިލް ވިދާޅުވި އެވެ.
"އެކަމަކު މިކަންކަން ދަރިވަރުންނަށް 18 ނޫނީ 21 އަހަރު ވާއިރު ވެސް އަޅުގަނޑުމެންނަށް ދަހެއް ނުކޮށްދެވޭ."
ދިވެހި ދަރިވަރުންގެ ތައުލީމު ބިނާކޮށްފައިވާ ކެމްބްރިޖް އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގައި ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ދަރިވަރުން ވަނީ މޮޅެތި ނަތީޖާތަކެއް ހޯދައިފަ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ހުރިހާ ދަރިވަރުންހެން އެއް ވަނަ ލިބިފައި ވަނީ އެކައުންޓިން އިން ކަމެވެ.
ޕްރޮފެސަރު އުގައިލްގެ ނަޒަރުގައި ހިތުދަސްކޮށްގެން އެންމެ ފަސޭހައިން މާކްސް ހޯދޭނީ އެ މާއްދާއިންނެވެ. އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެއް ބައްޓަމަކަށް ސުވާލުތައް ހުންނައިރު، ހިތުދަސްކޮށްފައި ހުރި ނަމަ އެ ސުވާލުތަކަށް ޖަވާބު ދިނުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ނަމަވެސް އެއިން ކުއްޖާގެ ހަގީގީ މޮޅުކަން ދެނެނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
"ސުވާލުތަކުގެ އުކުޅު، ނޫނީ ޕެޓާންތައް އެނގޭ ނަމަ އޭގެ ޖަވާބު ހޯދުމަކީ އުނދަގޫ ކަމެއް ނޫން. ހިތުދަސްކޮށްފައި ހުންނަ ގޮތަށް ވަރަށް ކުޑަކުޑަ ބަދަލެއް މި ގެންނަނީ. އެހެންވެ، ސުވާލާ މެދު ކުއްޖާ ވިސްނުމުގެ ބަދަލުގައި ފޮތުގައި އޮންނަ ގޮތަށް ޖަވާބު މި ލިޔެލަން ޖެހެނީ،" އުގައިލް ވިދާޅުވި އެވެ.
ޕްރޮފެސަރު އުގައިލް "މިހާރު"އާ ވާހަކަ ދައްކަވަނީ
އޭނާ ވިދާޅުވި ގޮތުގައި ފިޒިކްސް އާއި ހިސާބު އަދި ކެމިސްޓްރީ ފަދަ ސައިންސްގެ ބައެއް މާއްދާތަކުން މަތީ މާކްސް ހޯދުމަށް، ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. ފިލާވަޅު ހިތުދަސްކޮށްގެން ގޮސް، ސުވާލުތަކަށް ޖަވާބު ނުދެވޭނެ ކަމަށާއި ހާއްސަކޮށް ޕްރެކްޓިކަލް ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޯލެވެލް ނުވަތަ އޭލެވެލްއަށް ފަހު ޑިގްރީ ނިންމާއިރު ވެސް ގިނަ ދަރިވަރުންނަށް ހިލްމު ލިބިފައެއް ނުވެ އެވެ. އެހާ ހިސާބުން އެ ކުއްޖާއަށް ހަގީގީ ކާމިޔާބީއާ ހަމައަށް ވާސިލްވާން އުނދަގޫވާނެ ކަމަށް އުގައިލް ވިދާޅުވި އެވެ.
މިހާރުގެ ދަރިވަރުން ތޫނު ފިލިކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. ކޮމްޕިއުޓާ ސައިންސް ފަދަ މާއްދާތަކުން، ބައެއް ފަހަރު ޓީޗަރުންނަށް ވުރެ ވެސް ދަރިވަރުން މޮޅެވެ. އެހާ ހިސާބުން ޓީޗަރުން ދެން ޖެހޭނީ ދަރިވަރުންނަށް މަގު ދައްކައިދޭށެވެ. އޭ ލެވެލް އަދި އޯލެވެލްއަށް ތައްޔާރުވާއިރު ވެސް މި ފަދައިން އަމަލު ކުރުން މުހިއްމު ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
އިސްކަންދަރު ސްކޫލު ދަރިވަރުންތަކެއް، އޯ ލެވެލް އިމްތިހާން ހަދަން ތައްޔާރުވެގެން: ރާއްޖޭގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުން .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އުގައިލް ވިދާޅުވީ އޯ ލެވެލް އާއި އޭ ލެވެލްގެ ހުރިހާ މައުލޫމާތެއް އިންޓަނެޓުން ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު ދަރިވަރުންނަށް ބޭނުންވަނީ މައުލޫމާތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކިޔަވައިދޭންވީ އެ މައުލޫމާތު ދަސްކުރަން ޖެހޭ ގޮތާއި އަމަލީ މައިދާނުގައި އޭގެ ބޭނުން ހިފާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ދަރިވަރުންނަށް އެއް އިމްތިހާނެއް ދީގެން، އެއިން އެއް ވަނަ ހޯދުމަށް ބާރު އެޅުމުގެ ބަދަލުގައި، ތަފާތު މާހައުލުތަކަށް، އެކި ފުރުސަތުތަކަށް ދަރިވަރުންގެ ލޯ ހުޅުވައިދިނުން، ޕްރޮފެސަރު އުގައިލް އެ ވިދާޅުވާ ގޮތަށް، މިހާރު ވަނީ މުހިންމު ވެފަ އެވެ.
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
ޓޮޕް ޓެން ޖަލްސާ ބޭއްވުން ފަސްކޮށްފި
ގަދަ 10ގެ ރަސްމިއްޔާތު ކުޑަކޮށްލުމުން ޕެޓިޝަން ހަދަނީ
ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު
ދަރިވަރުންގެ ކުރިމަގާ ގުޅޭގޮތުން މިނިސްޓަރުގެ ސުވާލުތަކެއް
ހެނބަދޫ ދަރިވަރަށް އިނގިރޭސިން ދުނިޔޭން އެއް ވަނަ
ޓީޗަރުންނަށްނުވާނަމަ އެވޯޑު ލިބޭވަރުމަދުވާނެ: މިނިސްޓަރު
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ޝާއިން: މިއީ އާދައިގެ ތަރިއެއް ނޫން
މިއުވާން: އޭލެވެލްގައި މިދިޔަ އަހަރު އެންމެ ގަދަ ތަރި