Roadha Mihaaru
ދަރިވަރުންގެ ކުރިމަގާ ގުޅޭގޮތުން މިނިސްޓަރުގެ ސުވާލުތަކެއް

ދަރިވަރުންގެ ކުރިމަގާ ގުޅޭގޮތުން މިނިސްޓަރުގެ ސުވާލުތަކެއް

25 އޯގަސްޓް 2022

ސްކޫލު ދައުރު ނިންމުމަށް ފަހު ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ދަރިވަރުންނާ މިރޭ ވަރުގަދަ ސުވާލުތަކެއް ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލު ދައުރު ނިންމުމަށް ފަހު ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ދަރިވަރުންނާ މިރޭ ވަރުގަދަ ސުވާލުތަކެއް ކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ އޯ ލެވެލް އަދި އޭ ލެވެލްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލު ދައުރު ނިންމާލުމުން ދަރިވަރުން ކުރިއަށްދާން ބޭނުންވާ ރޮނގު ނުވަތަ އަދާކުރަން ބޭނުންވާ ވަޒީފާއާ ގުޅޭގޮތުން ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށެވެ. އެކަމަކު މިނިސްޓަރުގެ ސުވާލުތައް އަމާޒު ކުރެއްވީ އެކަން އޮޅުންފިލުއްވުމަކަށް ނޫނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާއަށް މުހިއްމު ސުވާލަކީ ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ ބެލުމެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ ދުވަހަކު ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ވަނީ ކޮން ކަހަލަ މީހެއްގެ ގޮތުގައިތޯ އޮޅުންފިލުވަން ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ތިޔަ ކުދިން އެންމެ ބޭނުންވި ކޯސް ނުވަތަ ވަޒީފާ ނުލިބިއްޖެނަމަ ދެން ހަދާނީ ކިހިނެއްހޭ؟ މިތާ ތިބި ދަރިވަރުންގެ ތެރެއިން މުދައްރިސުންނަށް ވާން ބޭނުންވާ ކުދިން ކިޔަވައިދޭން ފެށުމުން ކިލާހުގައި ތިބޭ ދަރިވަރުން ފިލާވަޅަށް ޝައުގު ނުހުންނަ ނަމަ ދެން ހަދާނީ ކިހިނެއްހޭ؟ ތިޔަ ކުދިން އޮފީހަކަށް ވަނުމުން ތިޔަ ކުދިންނަށް ނުވާނެ ވަރުގެ މަސައްކަތެއް ހަވާލުކުރެވިއްޖެނަމަ ދެން ހަދާނީ ކިހިނެއްހޭ؟،" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.

މިއީ މަތީ ސާނަވީ ނިންމާ އިރު ކޮންމެ ދަރިވަރަކަށް ވެސް މުހިއްމު ސުވާލުތަކެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ވަގުތުތަކުގައި ދަރިވަރުން އަމަލުކުރާ ގޮތުން އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ އެވެ.

"ހަޔާތުގައި ނާކާމިޔާބީއާ މުސީބާތްތަކާ ދިމާވުމުން އެފަދަ ވަގުތުތަކުގައި މާޔޫސްކަމުގެ ރާޅުތަކުގައި ގެނބިގެން ގޮސް ހަޔާތާ މެދު އުއްމީދު ކަނޑާލާނީތޯ ނުވަތަ ހިތްވަރާއެކު މަސައްކަތްކޮށް ކުރަން ހަވާލުވެފައިވާ މަސައްކަތް ކާމިޔާބުކުރެވޭނެ ގޮތްތަކެއް ހޯދާނީތޯ؟" މިނިސްޓަރު އެއްސެވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވިލުންވެރިކަމާއި މުރާލިކަމާއި ކަމެއް ކުރުމުގެ ޝައުގު އަމިއްލައަށް އުފައްދާ، އެކަމެއް ކާމިޔާބުގެ އައްސޭރިއާ ހަމައަށް ގެނައުމުގައި ދެމިތިބުން އެއީ ދަރިވަރުން ހޯދި ރަނގަޅު ނަތީޖާގެ އިތުރުން ކުދިންގެ ގައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކެކެވެ.

މަތީ ތައުލީމާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތަކުން މައްޗަށް އަރަން އަޒުމް ކަނޑައަޅާނެ ކަމަށެވެ.

މިދިޔަ އަހަރުވެ މެއި ޖޫން މަހު އޯ ލެވެލް ހެދި 5،955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން 28 ދަރިވަރަކަށް އެއްވަނަ ލިބިފައިވެ އެވެ.

މިއީ، މީގެ ތިރީހަކަށް އަހަރު ކުރިން ގަދަ 10 ހޮވަން ފެށި ފަހުން އެ ލިސްޓަށް އެންމެ ގިނަ ދަރިވަރުން އެރި ފަހަރެވެ.

އެ އަހަރު 2،642 ދަރިވަރުން އޭ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 348 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނި، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ހަ ދަރިވަރަކު އެއްވަނައިން ޖާގަ ހޯދާފައިވެ އެވެ.

ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު ގިނަވުމުން މި އަހަރު އެ އެވޯޑު ދީފައިވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދެބައިކުޅަ އެއްބައި ދަރިވަރުންނަށް އެވޯޑު ދީފައިވެ އެވެ.