Roadha Mihaaru
ހެނބަދޫ ދަރިވަރަށް އިނގިރޭސިން ދުނިޔޭން އެއް ވަނަ

ހެނބަދޫ ސްކޫލުގެ ދަރިވަރަކަށް އިނގިރޭސި މާއްދާއިން ދުނިޔޭން އެއް ވަނަ

25 އޯގަސްޓް 2022

އިނގިރޭސި ބަހަށް މުހައްމަދު ނާއިލްގެ ހިތް އެންމެ ފުރަތަމަ ލަނބުވައިލީ އުމުރުން ހަތް އަހަރުގައި ހަވީރު ގަޑީގައި ބަލަން ފެށި ކާޓޫންތަކުންނެވެ. އޭގެ ފަހުން އިނގިރޭސީގެ ފެންވަރު މަތިކުރުމަށް ލިޔެފައި ހުންނަ އިލްމީ ފޮތްތައް ކިޔައި ޑޮކިއުމެންޓްރީތައް ބެލި އެވެ. އަދި އަޑުއިވޭ ތަފާތު ބަސްތަކުގެ މާނަ ހޯދުމަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް އޮތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިނގިރޭސި ބަހަށް މުހައްމަދު ނާއިލްގެ ހިތް އެންމެ ފުރަތަމަ ލަނބުވައިލީ އުމުރުން ހަތް އަހަރުގައި ހަވީރު ގަޑީގައި ބަލަން ފެށި ކާޓޫންތަކުންނެވެ. އޭގެ ފަހުން އިނގިރޭސީގެ ފެންވަރު މަތިކުރުމަށް ލިޔެފައި ހުންނަ އިލްމީ ފޮތްތައް ކިޔައި ޑޮކިއުމެންޓްރީތައް ބެލި އެވެ. އަދި އަޑުއިވޭ ތަފާތު ބަސްތަކުގެ މާނަ ހޯދުމަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް އޮތެވެ.

ނަމަވެސް އޭގެ ނަތީޖާއަކީ، އިނގިރޭސި މާއްދާއިން ދުނިޔެއިން އެއް ވަނަ ލިބުން ކަމެއް ނ. ހެނބަދޫ ސްކޫލުން ގްރޭޑު 10 ނިންމި ދަރިވަރު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޯ ލެވެލް ނިންމި 5،955 ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ވަނަތަކުގައި 13 ދަރިވަރަކު ހިމެނުނެވެ. އޭގެ ތެރެއިން އެއް ވަނަ ލިބުނީ 171 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުގެ އިތުރުން ޓްރެވެލް އެންޑް ޓޫރިޒަމް މާއްދާއިން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސުލަފް މޫސާ ލަތީފަށެވެ.

ނާއިލް ބުނިގޮތުގައި އޭނާގެ ކުރިން އޯ ލެވެލް ހެދި ބެޗުން އިނގިރޭސި މާއްދާއިން އެންމެ ރަނގަޅު ނަތީޖާއަކަށް ލިބުނީ "ބީ" އެއް ކަމަށެވެ. އެހެންވެ، އިނގިރޭސިން ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރެ އެވެ.

އިނގިރޭސިން ދުނިޔެއިން އެއް ވަނަ ހޯދުމުގެ އިތުރުން އޭނާ ވަނީ އޯ ލެވެލްގައި ދިވެހި މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ރާއްޖޭގެ ދެ ވަނަ ވެސް ހޯދައިފަ އެވެ.

ނާއިލް، ހެނބަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަނީ. -- ފޮޓޯ: ހެނބަދޫ ސްކޫލު

ނާއިލް، ހެނބަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަނީ. -- ފޮޓޯ: ހެނބަދޫ ސްކޫލު

ނާއިލް ބުނީ ސްކޫލުގައި ކިޔެވިއިރު އޭނާ އެންމެ ބޮޑު އިސްކަމެއްދިނީ ކްލާހުގައި ޓީޗަރު ދޭ އިރުޝާދުތަކަށް ބޯލެނބުމަށެވެ. އަދި ކިޔަވައިދޭއިރު އެ ފިލާވަޅުތަކުގައި ބައިވެރިވުމަކީ އޭނާއަށް ވެސް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ބުންޏެވެ.

"އިނގިރޭސިއަށް ވުރެ އުނދަގޫ ވަނީ ކެމިސްޓްރީ ފަދަ އެކްސްޕެރިމެންޓް ހަދަންޖެހޭ މާއްދާތައް. އެގޮތަށް އެކްސްޕެރިމެންޓް ކުރަން ލިބޭނީ ވެސް ބޭސިކްސް. ބައެއް ފަހަރު ކެމިކަލްސް މުއްދަތު ހަމަވެފައި ހުންނާނީ. އޭރު ނެތް ފުލީ އިކުއިޕްޑް ލެބެއް،" ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ކިޔަވަމުން އަންނަ ނާއިލް ބުންޏެވެ.

ހެނބަދޫ ސްކޫލުގެ އިނގިރޭސި ކްލަހުގެ ނައިބު ރައީސްކަން ކުރި ދަރިވަރު ބުނިގޮތުގައި އޯ ލެވެލްގެ އިމްތިހާނަށް ވަރަށް ކުރިން ތައްޔާރުވެވުނު ކަމަށެވެ. އެގޮތުން، ތަފާތު އެއްޗެހި ލިޔެ، ކިޔައި އަޑުއަހައިގެން އަދި ގޭގައި ރައްކާކޮށްފައި ހުރި ފޮތްތައް ކިޔުމަކީ ވެސް އޭނާއަށް ލިބުނު އިތުރު އެހީއެކެވެ.

އިނގިރޭސި މާއްދާއިން އެއް ވަނަ ހޯދި ހެނބަދޫ ސްކޫލުގެ ދަރިވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިނާމު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިނގިރޭސި މާއްދާއިން އެއް ވަނަ ހޯދި ހެނބަދޫ ސްކޫލުގެ ދަރިވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިނާމު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭރު ހުރީ އުނދަގޫ ބަސްތަކުގެ މާނަ ވެސް އެނގިފައި. ކޮމްޕްރެހެންސިވް ޑިކްޝަނަރީ ގެންގުޅުނީ މިގޮތަށް ކިޔެވިއިރު،" އޭ ލެވެލްގައި ރަނގަޅު ވަނައެއް ހޯދައި ޑޮކްޓަރަކަށް ވުމުގެ އުއްމީދުގައި ހުރި ނާއިލް ބުންޏެވެ.

އެ ކަންކަމުގެ އިތުރުން ޓާމް ޓެސްޓުގެ ނަތީޖާއަށް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަމަށް އޭނާ ހާއްސަ ސަމާލުކަމެއް ދިނެވެ.

އެހެންވެ، ނާއިލް ވަނީ ބަހުގެ ހުނަރު ދަސްކުރުމަށް ތަފާތު އެކި ފޮތްތައް ކިޔުމަށް، މިހާރު އިމްތިހާނަށް ތައްޔާރުވަމުން އަންނަ ދަރިވަރުންގެ ކިބައިން އެދިފަ އެވެ. އެގޮތަށް ކިޔާއިރު ވެސް ދިރާސީ ލިޔުންތަކާއި އަމިއްލަ ފެންވަރަށް ވުރެ މޮޅު ލިޔުންތައް ކިޔުމަށް އޭނާ އެދެ އެވެ.

އޭނާއާއެކު އިތުރު ތިން ކުއްޖަކު ގަދަ 10 ގައި ހިމެނުނެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އިލްހާމް އަލީ ވިދާޅުވި ގޮތުގައި ނާއިލްގެ ކާމިޔާބީއަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. ޓީޗަރުންގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާ ހޯދަން ނާއިލް ވަރަށް މަސައްކަތްކުރި ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

މިދިޔަ މެއި/ޖޫން މަހު އޯ ލެވެލްގައި 11 ކުދިން ބައިވެރިވިއިރު، އޭގެ ތެރެއިން 91 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.