Roadha Mihaaru
އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތައް ވަރަށް ކާމިޔާބު

އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތައް: ހުނަރު ކުރިއެރުވުމަށް ރަނުގެ ފުރުސަތުތަކެއް

20 އޯގަސްޓް 2021

މިދިޔަ ބޮޑު ޗުއްޓީއާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ވަނީ ދެ ޕްރޮގްރާމެއް ހިންގައިފަ އެވެ. މި ޕްރޮގްރާމުތަކުގައި ބައިވެރިވާން 5،000 އަށް ވުރެ ގިނަ ކުދިން އެދިފައިވާއިރު ދެ ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ބޮޑު ޗުއްޓީއާ ދިމާކޮށް އުގެއިލް ފައުންޑޭޝަނުން ވަނީ ދެ ޕްރޮގްރާމެއް ހިންގައިފަ އެވެ. މި ޕްރޮގްރާމުތަކުގައި ބައިވެރިވާން 5،000 އަށް ވުރެ ގިނަ ކުދިން އެދިފައިވާއިރު ދެ ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބެވެ.

އުގެއިލް ފައުންޑޭޝަނުން ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދިޔައީ "ކްރިއޭޓިވް އިންގްލިޝް" ޕްރޮގްރާމަކާއި "މާސްޓަ ކްލާސް އިން ތިންކިން ސްކިލްސް" ގެ ނަމުގައި ހިންގި ޕްރޮގްރާމެކެވެ. މީގެ ތެރެއިން އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމް 7-15 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ކުރި އިރު އެކި ކަންކަމާ މެދު ވިސްނާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމް ހާއްސަ ކުރީ 16-20 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ކުދިންނަށް ވެސް އެ ޕްރޮގްރާމް ވެގެންދިޔައީ މިހާރު ހުރި ހުނަރު އިތުރަށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތަކަށެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި 11 އަހަރުގެ އައިޝަތު ލީމް އަހުމަދު ބުނީ އޭނާ ޕްރޮގްރާމުގައި ބައިވެރިވީ އިނގިރޭސިން ވާހަކަ ދެއްކުމާއި ބަސްކޮށާރު އިތުރަށް ފުރިހަމަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލް ކުރެވުނު ކަމަށާއި ކްލާސްތައް ކުރިއަށް ގެންދިޔައީ ވަރަށް ޝައުގުވެރި ގޮތަކަށް ކަމަށް ލީމް ބުންޏެވެ.

"ވަރަށް ގިނަ އެއްޗެހި ދަސްވި، އިނގިރޭސިން ވާހަކަ ދެއްކުމާއި ރައިޓިން އަދި ގްރެމާ ވެސް ދަސްވި. ވަރަށް ބޭނުންވާ ކަހަލަ ޕްރޮގްރާމެއް އެއީ. ޕްރޮގްރާމުގައި ބައިވެރިވެވުމުން ލީމްގެ އިންގްލިޝް ސްކިލް ކުރިއަށްވުރެ އިމްޕްރޫވް ކުރެވުނު،" ލީމް ބުންޏެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި އެހެން ދަރިވަރެއް ކަމަށްވާ އާމިނަތު ޒީވާ އަބްދުއް ނަސީރު ބުނިގޮތުގައި އޭނާއަށް އެންމެ ކަމުދިޔައީ އެ ޕްރޮގްރާމުގައި ކިޔަވައިދިން "ޕޮއެޓްރީ" ކްލާސްތަކެވެ. އަދި މިހާރު އިނގިރޭސި ހުނަރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ޒީވާ ބުންޏެވެ.

"އަޅުގަނޑަށް ދަސްވި ރިޑަލް އާއި ޑިސްކްރިޕްޓިވް ރައިޓިން އާއި ޕޮއެޓްރީ. ވަރަށް ރަނގަޅު ކްލާހެއް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހުނު،" ޒީވާ ބުންޏެވެ.

އުގެއިލް ފައުންޑޭޝަނުން ހުޅުމާލޭގައި ހިންގާ "ސާކަލް"ގެ ކްލާހެއްގައި ކުދިންތަކެއް ކިޔަވަނީ: ބޮޑު ޗުއްޓީއާ ދިމާކޮށް ބޭއްވި އޮންލައިން ކްލާސްތައް ހުރިހާ ކުދިންނަށްވެސް ކަމުދިޔަ. -- ފޮޓޯ: އުގެއިލް ފައުންޑޭޝަން

އުގެއިލް ފައުންޑޭޝަނުން ހުޅުމާލޭގައި ހިންގާ "ސާކަލް"ގެ ކްލާހެއްގައި ކުދިންތަކެއް ކިޔަވަނީ: ބޮޑު ޗުއްޓީއާ ދިމާކޮށް ބޭއްވި އޮންލައިން ކްލާސްތައް ހުރިހާ ކުދިންނަށްވެސް ކަމުދިޔަ. -- ފޮޓޯ: އުގެއިލް ފައުންޑޭޝަން

ޒީވާގެ މަންމަ ބުނިގޮތުގައި މިއީ ސްކޫލް ކުދިންގެ ޗުއްޓީ އެންމެ ފުރިހަމަ ގޮތުގައި ހޭދަ ކުރެވޭނެ ގޮތެވެ. އަދި އެފަދަ ޕްރޮގްރާމެއް ބޮޑު ޗުއްޓީއާ ދިމާކޮށް ބޭއްވީތީ އުގެއިލް ފައުންޑޭޝަނަށް އޭނާ ޝުކުރު އަދާކުރި އެވެ.

"ޗުއްޓީގައި ވެސް އަބަދު މަޖާކުރުމުގެ ބަދަލުގައި ކިޔެވުންވެސް ވަރަށް މުހިންމު. ޒީވާ ކްލާސްތައް ނިންމާލާފައި ކުޅިވަރު ކުޅޭއިރު ވެސް ކްލާހުގައި ދަސްވި ކަންކަން ބޭނުން ކުރާކަން ފާހަގަ ކުރެވުނު. މިފަދަ ޕްރޮގްރާމުތަކުގައި ކުދިން ބައިވެރި ކުރުވުމަކީ އެ ކުދިންގެ ހުނަރު އިތުރަށް ޑެވެލޮޕްވާނެ ކަމެއް،" ޒީވާގެ މަންމަ ބުންޏެވެ.

އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމުގެ ކްލާސްތައް ނަގައިދިނީ ޔޫކޭގެ ޓީޗަރުންނެވެ. ނަމަވެސް ކަންކަމާ މެދު ވިސްނާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމުގެ ކްލާސްތައް ނަގައިދިނީ ޕްރޮފެސަ ހަސަން އުގެއިލު އަމިއްލައަށެވެ. މި ޕްރްގްރާމުގެ ބައިތައް ވައިބަ މެދުވެރިކޮށް އަދިވެސް ކުރިއަށްގެންދެ އެވެ.

މާސްޓަ ކްލާސް އިން ތިންކިން ސްކިލްގައި ބައިވެރިވި މުހައްމަދު ނާހިލް އިސްމާއިލް ބުނީ އެ ޕްރޮގްރާމުގެ ސަބަބުން ވިސްނުމާ ގުޅޭ އާ އެތައް ކަމެއް ދަސްވި ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ލިބުނު މައުލޫމާތުގެ ސަބަބުން ކުރިއަށް އޮތްތާނގައި އެކި ކަންކަމާ ކުރިމަތިލާއިރު އެހީއަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

"ޕްރޮގްރާމުގައި ކިޔަވައިދިން އެކި ކަންކަމާ މެދު ވިސްނާއިރު ވިސްނުން ރަނގަޅު ކުރަން ކުރެވޭނެ ކަންކަމާއި މާކެޓިން ސްޓްރެޓެޖީ ވެސް. އަޅުގަނޑު ބުނާނީ މިއީ ފިއުޗާގައި ވެސް ފައިދާ ކުރާނެ ކަމެކޭ،" ނާހިލް ބުންޏެވެ.

އުގެއިލް ފައުންޑޭޝަނުން ބޮޑު ޗުއްޓީގައި ހިންގި މި ދެ ޕްރޮގްރާމަކީ ވެސް ހިލޭ ހިންގި ދެ ޕްރޮގްރާމެވެ. ބެލެނިވެރިން އެދެނީ މިފަދަ އިތުރު ޕްރޮގްރާމުތައް އަދި ވެސް އުގެއިލް ފައުންޑޭޝަނުގެ ފަރާތުން ބޭއްވުމެވެ.