Roadha Mihaaru
އުގެއިލް ފައުންޑޭޝަނުން އަންނަ އަހަރު ތިން ޕްރޮގްރާމެއް

ތަރުހީބު ބޮޑުވެ، އުގެއިލް ފައުންޑޭޝަނުން އަންނަ އަހަރަށް ތިން ޕްރޮގްރާމެއް

11 ޑިސެމްބަރ 2021

އުގެއިލް ފައުންޑޭޝަނުގެ ދަށުން ހިންގާ "ދަ ސާކަލް" މެދުވެރިކޮށް އަންނަ އަހަރު ތިން ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުގެއިލް ފައުންޑޭޝަނުގެ ދަށުން ހިންގާ "ދަ ސާކަލް" މެދުވެރިކޮށް އަންނަ އަހަރު ތިން ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ހިންގާ މި ޕްރޮގްރާމުތަކުގެ ތެރޭގައި "ކޯޑިން އެންޑް ކްރިޓިކަލް ތިންކިން" އާއި "އެޑްވާންސް ކޯޑިން" އާއި "ކްރިއޭޓިވް އިންގްލިޝް" ހިމެނެ އެވެ. މިއީ މި އަހަރު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ޕްރޮގްރާމްތަކެކެވެ.

ކޯޑިން އެންޑް ކްރިޓިކަލް ތިންކިން

ދަ ސާކަލްގެ މި ޕްރޮގްރާމަކީ 7-14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުދިންގެ ކިބައިގައި ވިސްނުމުގެ ހުނަރު އަށަގަނުވައި ކޮމްޕިއުޓަ ކޯޑިން ދަސްކޮށްދޭނެ އެވެ.

ކޯޑިންގެ ބޭސިކް އިން ފެށިގެން މި ޕްރޮގްރާމް ކުރިއަށްދާނީ ޒޫމް މެދުވެރިކޮށް، ކިޔަވައި ދިނުމުގެ ސެޝަންތަކާއި ޓިއުޓޯރިއަލް ސެޝަންތައް ހިމެނޭ ގޮތަށެވެ. އަދި އޮންލައިން ލާނިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ހަފުތާއަކު ވެސް ކޯޑިން އާއި ވިސްނުމާ ގުޅުން ހުރި މަސައްކަތްތައް ދަރިވަރުންނާ ހަވާލު ކުރާނެ އެވެ. މި ޕްރޮގްރާމުގައި ކިޔަވައިދޭނީ އިނގިރޭސިވިލާތުގެ ޓީޗަރުންނެވެ.

ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގައި ރަޖިސްޓްރީވާން ބޭނުންވާ ކުދިންނަށް https://bit.ly/3mo0kKl މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އެޑްވާންސް ކޯޑިން

އެއް އަހަރުގެ މުއްދަތަކަށް ހިންގާ މި ޕްރޮގްރާމަކީ 12-14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ކޯޑިންގެ ތަފާތު ހުނަރުތައް ދަސްކޮށްދޭނެ އެވެ. އެގޮތުން، ކޮމްޕިއުޓަ ޕްރޮގްރާމިން ޑާޓާ ސައިންޓިސްޓާއި ޖެނެރަލް ކޮމްޕިއުޓަ ސައިންޓިސްޓުންނަށް ވާން ޝައުގުވެރިވާ ކުދިންނަށް އެޑްވާންސް ފެންވަރަށް ކޯޑިން ދަސްކޮށްދިނުމާއި ހުނަރު ކުރިއެރުވުމަށް މި ޕްރޮގްރާމުގައި އެހީވެދޭނެ އެވެ.

މި ޕްރޮގްރާމަކީ މަދު ޖާގަތަކަކަށް ހުޅުވާލާފައިވާ ޕްރޮގްރާމަކަށް ވުމުން އުގެއިލް ފައުންޑޭޝަނުން އެދެނީ ކޯޑިންއާ ގުޅޭ މައުލޫމާތު ކޮންމެވެސް ވަރަކަށް ދަންނަ ކުދިން އެ ޕްރޮގްރާމަށް ކުރިމަތިލުމަށެވެ.

އެޑްވާންސް ކޯޑިން ޕްރޮގްރާމުގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ލޮޖިކް އެންޑް އެޑްވާބްސް އަލްގޮރިދަމް ޑައިޒައިން އާއި އާއްމު ޕްރޮގްރާމިން ލެންގުއޭޖަސް އާއި ވެބް އެޕްތައް ތަަރައްގީ ކުރުމާއި އާޓިފިޝަލް އިންޓެލިޖަންސް އާއި ކޮލާބޮރޭޓިވް ކޯޑިން ފަދަ ހުނަރުތައް ހިމެނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް http://shorturl.at/xEILU މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މިއަހަރުގެ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގައި ބައިވެރިވެފައިވާ ކުދިން މި ޕްރޮގްރާމުގައި ބައިވެރިވާ ނަމަ ފޯމު ފުރުމުގެ ބަދަލުގައި ދަ ސާކަލްއަށް އީމެއިލް theCircleKids@UgailFoundation.org މެދުވެރިކޮށް ނުވަތަ 7310600 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

ކްރިއޭޓިވް އިންގްލިޝް

މި ޕްރޮގްރާމުގައި އިނގިރޭސި ބަސްކޮށާރަ އާއި ގްރެމާ އާއި ޕަންކްޗުއޭޝަނާއި ޕާސުއޭސިވް ރައިޓިން އާއި ލިޔުންތެރިކަމުގެ ތަފާތު ސްޓައިލްތަކާއި ޑިސްކްރިޕްޓިވް ރައިޓިން އާއި ޓެންސަސް އަދި ވާހަކަ ލިޔުމަށް ޕްލޮޓާއި ތީމް އުފައްދާނެ ގޮތް ބައިވެރިންނަށް ކިޔަވައިދޭނެ އެވެ. މިއީ 7-14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން އެއް އަހަރުގެ ދުވަހަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ވެސް ހިންގާނީ ޒޫމް މެދުުވެރިކޮށް އޮންލައިން ސެޝަންތައް ނަގާ ގޮތަށެވެ. އަދި އޮންލައިން ލާނިން ޕޯޓަލް މެދުވެރިކޮށް މަސައްކަތްތައް ހަވާލު ކުރާނެ އެވެ. މި ޕްރޮގްރާމުގައި ވެސް ކިޔަވައިދޭނީ އިނގިރޭސިވިލާތުގެ ޓީޗަރެކެވެ.

ކްރިއޭޓިވް އިންގްލިޝްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް https://shorturl.at/jpEIL މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އަންނަ އަހަރު ފަށާ ތިން ޕްރޮގްރާމުގައި ވެސް ފީއެއް ނަގާނެ އެވެ. އެގޮތުން، ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އަދި ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމުގައި ބައިވެރިވާން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 200ރ. އަދި ކޮންމެ މަހަކު 300ރ. ކަނޑައަޅާފައިވާއިރު އެޑްވާންސް ކޯޑިން ޕްރޮގްރާމުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200ރ. އަދި ކޮންމެ މަހަކު 500ރ. ވަނީ ކަނޑައަޅައިފަ އެވެ.