Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

14 އޮކްޓޯބަރ 2021

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 137 ޕަސެންޓް އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 137 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓާއި އެކްސްޕޯޓުން 281 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނީ 119 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެ ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ އޮމާން އިންނެވެ. އެ ގައުމުން 603 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު ޗައިނާ އިން 441 މިލިއަން ރުފިޔާ އަދި އިންޑިއާ އިން 434 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ.

އާމްދަނީ އާއި އިމްޕޯޓް އިތުރުވި ނަމަވެސް މިދިޔަ މަހުގެ އެކްސްޕޯޓު ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 378 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު މިދިޔަ މަހު އެކްސްޕޯޓު ކުރީ 328 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރަނީ ތައިލެންޑަށެވެ. މިދިޔަ މަހު އެ ގައުމަށް 72 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓު ކޮށްފަ އެވެ. މީގެ އިތުރުން ޖަރުމަނަށް 21 މިލިއަން ރުފިޔާގެ މުދާ އަދި އިނގިރޭސިވިލާތަށް 17 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.

މިދިޔަ މަހު ކަސްޓަމްސް އިން ވަނީ ރޯޔަލްޓީގެ ގޮތުގައި 960،367 މިލިއަން ރުފިޔާ ބަލައިގެންފަ އެވެ.