Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ

17 މާޗް 2019

މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓާއި އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓާއި އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށްވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބުނީ 240 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 254 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ ދަށްވުމެކެވެ.

އެކްސްޕޯޓްކުރި މުދަލުގެ މިންވަރު މި އަހަރު ވަނީ 16 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓްކުރި މުދަލުން ލިބުނު އާމްދަނީ 264 މިލިއަން ރުފިޔާގައި ހުރި އިރު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އަކީ 228 މިލިއަން ރުފިޔާ އެވެ.

އިމްޕޯޓުކުރި މުދަލުގެ މިންވަރު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރުގެ ފެބްރުއަރީ މަހު ވަނީ 10 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އެގޮތުން 3.5 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 3.8 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ތެރެއިން 18 ޕަސެންޓުގެ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. މީގެ އިތުރުން 17 ޕަސެންޓް ސިންގަޕޫރުން އިމްޕޯޓްކޮށްފައި ވާއިރު 15 ޕަސެންޓުގެ މުދާ އެތެރެކުރީ ޗައިނާއިންނެވެ. އިމްޕޯޓުކުރި މުދަލުގެ 10 ޕަސެންޓް މުދާ އިންޑިއާ އިން އެތެރެކޮށްފައި ވާއިރު ހަ ޕަސެންޓް އެތެރެކޮށްފައި ވަނީ މެލޭޝިޔާއިންނެވެ.

އެންމެ ގިނަ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ބޭރުކުރި މުދަލުގެ 45 ޕަސެންޓެވެ. ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ 11 ޕަސެންޓް ފޮނުވާފައި ވަނީ ޖަރުމަނަށެވެ. ފްރާންސަށް ވަނީ އަށް ޕަސެންޓްގެ މުދާ އެކްސްޕޯޓު ކޮށްފަ އެވެ. އަދި އިނގިރޭސިވިލާތަށް ހަ ޕަސެންޓް މުދާ ފޮނުވާފައިވެ އެވެ. އަދި އެމެރިކާ އަށް ފަސް ޕަސެންޓުގެ މުދާ އެކްސްޕޯޓް ކުރި އެވެ.