Roadha Mihaaru
މިދިޔަ މަހު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް

މިދިޔަ މަހު އިމްޕޯޓު އިތުރު، އެކަމަކު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް

20 މާޗް 2024

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، ނިމުނު ފެބްރުއަރީ މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އަދަދު މަދުވެ، އާމްދަނީ 30 ޕަސަންޓު ދަށްވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، ނިމުނު ފެބްރުއަރީ މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އަދަދު މަދުވެ، އާމްދަނީ 30 ޕަސަންޓު ދަށްވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ 2023 ގައި 232 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވިޔަސް، އެ އަދަދު މިދިޔަ މަހު ވަނީ 191 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.

އެއާ އެކު، މިދިޔަ އަހަރު 297 މިލިއަން ރުފިޔާގެ އާމްދަނީ، މިދިޔަ މަހު ވަނީ 208 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. އެއީ ގާތްގަނޑަކަށް 30 ޕަސަންޓުގެ ދަށްވުމެކެވެ.

އެކްސްޕޯޓު ދަށްވެފައިވިޔަސް، މިދިޔަ މަހު އިމްޕޯޓު ވަނީ ކުޑަކޮށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރެވުނުއިރު، އެ އަދަދު ނިމުނު ފެބްރުއަރީ މަހު ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އޮމާން އިން 657 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 606 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖޭން މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން ރާއްޖޭން މުދާ ބޭރު ކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު، ބަންގްލަދޭޝް އަދި ފްރާންސް ހިމެނެ އެވެ.