Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

18 ޖެނުއަރީ 2022

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 23 ޕަސެންޓު އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 23 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. އޭގެ ކުރިން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނީ 296 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި މުދަލާ އަޅާބަލާއިރު 78 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ޑިސެމްބަރު މަހު އެތެރެކުރީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ.

އެންމެ ގިނަިއން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި ޗައިނާ އާއި އިންޑިއާ އަދި އޮމާނުންނެވެ. ޔޫއޭއީން 713 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޗައިނާއިން 575 މިލިއަން ރުފިޔާ، އިންޑިއާ އިން 504 މިލިއަން ރުފިޔާ އަދި އޮމާނުން 487 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓް ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު 327 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވިއިރު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު 457 މިލިއަން ރުފިޔާގެ މުދާ ވަނީ ފޮނުވައިފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 120.9 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 10.8 މިލިއަން ރުފިޔާ ލިބުނެވެ.