Roadha Mihaaru
ޗައިނާއަށް އެންމެބޮޑަށް ދަރާފައިވާ އެއް ގައުމަކީ ރާއްޖެ

ޗައިނާ އަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ!

18 އޮކްޓޯބަރ 2021

ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ދަރާފައި ވަނީ ޗައިނާ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ދަރާފައި ވަނީ ޗައިނާ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ދުނިޔޭގެ ދަރަނީގެ ހާލަތާ ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ބުނީ، މިދިޔަ އަހަރު ނިމުނު އިރު އެންމެ ދަށް އާމްދަނީ ލިބޭ ގައުމުތަކާއި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން 204 ބިލިއަން ޑޮލަރު ޗައިނާ އިން ދަރަނީގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

ގިނަ ގައުމުތަކުން ޗައިނާގެ ލޯނު ނަގަން ޖެހިފައި ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ސައުތު އޭޝިއާ އަށް ބަލާއިރު ޗައިނާ އަށް އެންމެ ބޮޑަށް ދަރާފައި ވަނީ ރާއްޖެ އާއި ޕާކިސްތާނާއި ސްރީ ލަންކާ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 2011 ވަނަ އަހަރާ ހަމައަށް ޗައިނާގެ ބޭންކުތަކުން ލޯނު ނެގި އަދަދު ހުރީ 4.7 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 90 ޕަސެންޓަށް އުފުލިފަ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުން ޗައިނާ އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މި ވަގުތު ހުރީ 36 ބިލިއަން ޑޮލަރުގަ އެވެ.

އެފްރިކާގެ ގައުމުުތަކުގެ ތެރެއިން އެންމެ ބޮޑަށް ޗައިނާ އަށް ދަރާފައި ވަނީ އެންގޯލާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން އެންމެ ގިނަ ލޯނު ނަގާފައިވަނީ ޗައިނާގެ ބޭންކްތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ނިމުނުއިރު ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ދަރަނި ވަނީ 860 ބިލިއަން ޑޮލަރަށް އަރައިފައި ކަމަށެވެ. މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ވެސް ގައުމުތަކުގެ ދަރަނި ވަނީ 12 ޕަސެންޓަށް އިތުރުވެފަ އެވެ.

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވިގޮތުގައި، ދަރަނި އަދާކޮށް، ދަރަނި މެނޭޖު ކުރަން ގައުމުތަކުން މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގެންގުޅެން ޖެހެ އެވެ.

"ދަރަނި އާދަޔާ ހިލާފަށް ބޮޑުވިޔަ ނުދިނުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ވޯޯލްޑް ބޭންކުން ވެސް ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެކި ގައުމުތަކަށް 157 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެ އިދާރާ އިން 100 އަށް ވުރެ ގިނަ ގައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.